ރައީސުލްޖުމްހޫރިއްޔާ ދަތުރުފުޅުކުރެއްވި ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާގެ ތަހުގީގަށް ހައްޔަރުކޮށްފައިވާ ޅ. ހިންނަވަރު ނައިލޯނުގެ އަހްމަދު އަޝްރަފް (ޝުމްބާ ގޮންގް) ގެ ބަންދުގެ މުއްދަތު ހަ ވަނަ ފަހަރަށް ކްރިމިނަލް ކޯޓުން އިތުރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިފަހަރު އޭނާގެ ބަންދަށް އިތުރުކުރީ 10 ދުވަސް ކަމަށެވެ. ނަމަވެސް މީގެކުރިން އޭނާގެ ބަންދަށް އިތުކުރަމުން އައީ 15 ދުވަހެވެ.

ޝުމްބާ ގޮންގުގެ މައްޗަށް ކުރަނީ ސީދާ ކޮން ތުހުމަތެއް ކަމެއް ފުލުހުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

ދިވެހި ފުލުހުންނާއި ސްރީލަންކާގެ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ޝުމްބާ ހައްޔަރުކޮށްފައި ވަނީ ލަންކާގައި އޭނާ ދިރިއުޅޭ ގޭގައި ހުއްޓައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ދެވަނަ ދުވަހުއެވެ. ޖެހިގެން އައިދުވަހު އޭނާގެ މާލެ ގެނެސް ވަނީ ދޫނިދޫއަށް ބަދަލުކޮށްފައެވެ.

ޝުމްބާ ގޮންގަކީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލް ޣަފޫރު ޕްރޮމޯޓު ކުރުމަށް ޝޯޝަލް މީޑިއާގައި ތަފާތު އެކި ލިޔުންތައް ޝާއިއުކުރާ މީހެކެވެ.