ށ. ކަނޑިތީމުގައި ބުއްދި ހަމަނުޖެހޭ މީހެއްގެ ގޮތުގައި މީގެ 30 ވަރަކަށް އަހަރު ދުވަސް ކުރިން ފެށިގެން އުޅެމުން އައި މީހެއްގެ ލޯ އަނދިރިވެ، އަޅާލާނެ މީހަކު ނެތި ހާލުގައި ޖެހިފައިވާ ކަމަށް އެ ރަށު ކައުންސިލުން މިއަދު ބުނެފި އެވެ.

ކަނޑިތީމު ކައުންސިލްގެ ރައީސް ނަސްރުﷲ އަބްދުލްޣަނީ މިއަދު ވިދާޅުވީ، އެ ރަށު މާފޮޅޭގޭ މުހައްމަދު ސޯލިހު، 70، އޮންނަނީ ކުރިން ވަޑާންގެއެއްގެ ގޮތުގައި ބޭނުން ކުރަމުން އައި ފަޅުގެއެއްގައި ކަމަށާއި އޭނާއާ އަޅާލާނެ އާއިލާގެ މީހަކު އަދި އެނޫން ވެސް މީހަކު ނެތި އޮންނަތާ ދެ އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށެވެ.

"އޭނާގެ ލޮލަކަށް މިހާރަކު ނުފެނޭ. ހިނގާ ބިނގާވެއެއް ވެސް ނޫޅެވޭ. އަދި އޭނާ އަށް ވަނީ ވަރަށް ބޮޑު ހަމުގެ ބައްޔެއް ވެސް ޖެހިފައި،" ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

ރަށު ކައުންސިލްގެ ރައީސް ވިދާޅުވީ ސޯލިހު އެ ހާލުގައި އަޅާލާނެ މީހަކު ނެތި އޮންނާތީ އެކަމަށް ހައްލެއް ހޯދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ރަށު ކައުންސިލުން އަންނަނީ ކުރަމުން ކަމަށެވެ.

ކައުންސިލްގެ ރައީސް ވިދާޅުވީ ސާލިހުގެ މައްސަލަ އަށް ހައްލެއް ހޯއްދެވުމަށް އޭނާ ވަނީ ށ. އަތޮޅުގައި ހުންނަ ޖެންޑާ މިނިސްޓްރީގެ ފެމިލީ ޕްރޮޓެކްޝަން އެޖެންސީ އަށް ވެސް ހުށައަޅުއްވާފައި ކަމަށާއި އަދި އެ އެޖެންސީގެ ބޭފުޅުން ކަނޑިތީމަށް ވަޑައިގަތް ދުވަހަކު ސޯލިހު އޮންނަ ތަނަށް ގެންގޮސް އޭނާގެ ހާލަތު ދައްކާފައި ކަމަށެވެ.
ކައުންސިލުން ބުނި ގޮތުގައި ސޯލިހު ގުރައިދު އަށް ގެންދިއުމަށް ކަމާ ބެހޭ ފަރާތަށް ހުށައަޅާފައިވާތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި އޭނާގެ މައްސަލަ ހުށަހެޅި ފަހުން، އޭނާ ނުގެންގޮސް ބުއްދިގޯސް، އެހެން މީހަކު މިހާރު ވަނީ ގުރައިދު އަށް ގެންގޮސްފަ އެވެ.

"އޭނާގެ މައްސަލަ 2009 ވަނަ އަހަރު ވަނީ ހުށައަޅާފައި. ނަމަވެސް އެކަމަށް އެއްވެސް ޖަވާބެއް ނުލިބި އޮއްވައި ދާދި މިދާކަށް ދުވަހު މި ރަށުގެ އެހެން މީހަކު ބުއްދި ގޯސްވެގެން މިހާރު ވަނީ ގުރައިދު އަށް ގެންގޮސްފައި،" ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި މިހާރު އޭނާ ގުރައިދު އަށް ގެންދިއުމަށް ވުރެ މުހިއްމީ އޭނާ ހޮސްޕިޓަލެއް ފަދަ ތަނަކަށް ގެންގޮސް ފަރުވާ ދިނުން. އެކަމަކު އަޅުގަނޑުމެން އެކަން ކުރަން ބޭނުން ވަނީ އޭނާގެ ބަލަދުވެރިޔާ އާއި ޖެންޑާ މިނިސްޓްރީ ވެސް މެދުވެރި ވެގެން." ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސޯލިހުގެ ބަލަދުވެރިއެއްގެ ގޮތުގައި ހުރީ އެންމެ މީހެއް ކަމަށާއި އެއީ އޭނާގެ ހުރި ހަމައެކަނި ދަރިފުޅު އެ ރަށު މާފޮޅޭގޭ ވާފިރު މުޙައްމަދު ކަމަށެވެ.

"ކުރިން ވާފިރު އުޅުނީ މި ރަށުގައި. އޭރު ސޯލިހަށް ކާންދިނުން ފަދަ ކަންތައްތައް ކޮށް އުޅުނީ ވާފިރުގެ އަންހެނުން. އެކަމަކު އޭނާ ވަނީ އާއިލާ ގޮވައިގެން 2009 ވަނަ އަހަރު މާލެ އަށް ބަދަލުވެފައި. އޭގެ ފަހުން އޭނާގެ ކަންތައް ސީދާ ބަލަހައްޓާނެ މީހަކު މި ރަށުގައި ހުރިކަމެއް އަޅުގަނޑުމެންނަކަށް އެނގިއެއް ނެތް." ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

ކަނޑިތީމު ކައުންސިލަރެއްގެ ގޮތުގައި ކުރިން ހުންނެވި މީހަކު ބުނީ ސޯލިހުގެ ކަންތައްތައް ބެލެހެއްޓުމާ ބެހޭ ގޮތުން ސޯލިހުގެ ދަރިފުޅު ވާފިރާ އެތައް ފަހަރެއްގެ މަތިން ވާހަކަ ދައްކަވާފައި ވާނެ ކަމަށާއި ނަމަވެސް ވާފިރު މާލޭގައި ދިރިއުޅޭތީ އޭނާއާ މުއާމަލާތް ކުރަން އޮތީ އޭރު އެހާ ފަސޭހަ ކަމަކަށް ނުވެފައި ކަމަށެވެ.

ސޯލިހަކީ 70 އަހަރު ވެފައިވާ މީހެއްކަމަށް ވާތީ 65 އަހަރުން މަތީގެ މީހުންނަށް ލިބޭ އިނާޔަތް އޭނާ އަށް ވެސް ލިބޭ ކަމަށާއި އެ ފައިސާ އޭނާގެ ދަރިފުޅަށް ލިބޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށް ކުރީގެ ކައުންސިލަރު ވިދާޅުވި އެވެ.

ރަށު ކައުންސިލްގެ ރައީސް ނަސްރުﷲ ވިދާޅުވި ގޮތުގައި ސޯލިހު ބެލުމުގެ ކަންތައް އޭނާގެ ދަރިފުޅު ވާފިރު އެއް ވެސް މީހަކާ ހަވާލުކޮށްފައެއް ވެސް ނުވެ އެވެ.

ސޯލިހުގެ ފަރާތުން ކުޑަ ކުދިންނަށް ނޭދެވޭ މަންޒަރުތައް ފެންނާތީ އާއްމުން ޝަކުވާކުރެ އެވެ. ނަމަވެސް އޭނާ އަށް މިހާރު ކާންބޯންދީ ހަދަނީ ވެސް ކަނޑިތީމުގެ އާއްމުންނެވެ.