ރައީސް އަބްދުﷲ ޔާމީން ދަތުރުފުޅު ކުރެވި ފިނިފެންމާ ލޯންޗުކޮޅުގެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެ ސަލާމަތްވުމަކީ ދިވެހިންނަށް ލިބުނު ނަސްރެއް ކަމަށް ގަބޫޅުފުޅުކުރައްވާކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެ އެވެ.

ރާއްޖެ އިސްލާމްވީ ދުވަހުގެ މުނާއްސަބަތުގައި އެމްއެންޑީއެފުން ކަޅުތުއްކަލާ ކޮށީގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވީ ރާއްޖޭގައު ހިނގާދާ ކޮންމެ ހާދިސާއެއްގައިވެސް މާތްﷲ ސުބުހާހޫ ވަތައާލާގެ ރަހުމަތް އިތުރުވެގެންވާ ކަމަށެވެ. އެގޮތުން 2004 ޑިސެމްބަރު މަހު ހިނގާދިޔަ ސުނާމީ ކާރިސާ ގައިވެސް ރާއްޖެއަށް ލިބުނީ އެހެން ގައުމުތަކާ އަޅާ ބަލާއިރު ކުޑަ ގެއްލުމެއް ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

ސުނާމީގައި އެރި ރާޅު ރަށުގެ އެއްކޮޅުން އަރާ އަނެއްކޮޅުން ފޭބި އިރުވެސް ގިނަ ބަޔަކު ސަލާމަތްވި ކަމަށް އާދަމް ޝަރީފު ވިދާޅުވި އެވެ. އެއީ މާތް ﷲގެ ނިއުމަތް ކަމަށް އާދަމް ޝަރީފު ވިދާޅުވި އެވެ.

"ހަމަ މިފަދަ އެތައްކަމެއް އަޅުގަނޑުމެންގެ ސިޔާސީ މަޝްރަހުންވެސް ފެންނަން އެބަހުރި. ފިނިފެންމާ ލޯންޗުގެ ހާދިސާގައިވެސް އަޅުގަނޑުމެންނަށް އެވަނީ އަޅުގަނޑު ގަބޫލުކުރާގޮތުގައި ނަސްރެއް ލިބިފައި. އާދެ އެކަންކަން ވެގެން އެދާ މައިގަނޑު ސަބަބެއް ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ އަޅުގަނޑުމެންނަކީ ސައްތައިން ސައްތަ މުސްލިމު ގައުމަކަށް ވުމާއި އަޅުގަނޑުމެންނަކީ އަގީދާގެ ގޮތުން ވަރުގަދަ އަޅުގަނޑުމެންނަކީ އެއްބައިވަންތަކަމާއި އެކު ދީނުގެ އަސާސްތަކުގައި ހިފައިގެން ތިބި ބަޔަކަށް ވުން،" މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވި އެވެ.

ރާއްޖޭގައި އިސްލާމްދީން އޮތުމަކީ ދިވެހިންނަށް ލިބުނު ވަރަށް ބޮޑު ނަސީބެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އިސްލާމްދީން ގައުމުގައި ފެތުރުމަށްޓަކައި ކުރެވުނު ހުރިހާ މަސައްކަތަކީ ދިވެހިންނަށް ލިބުނު ނަސްރުގެ ގޮތުގައި މިނިސްޓަރު ވަނީ ފާހަގަކުރައްވާފަ އެވެ.

"ދިވެހި ރާއްޖެ އިސްލާމްވުމަށް ފަހު ރާއްޖެއަށް ލިބިގެންދިޔަ ތަފާތު ކުރި އެރުންތަކާއި ދިވެހިންގެ ތެރޭގައި އޮތް ހަމަޖެހުމަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އިސްލާމްދީނުގެ ހިދާޔަތުގެ އަލިކަމުން ދިވެހިންނަށް ލިބިފައިވާ މަތިވެރި ނިއުމަތެއް،" މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވި އެވެ.

މިހާރަށްވުރެ ބޮޑަށް ދިވެހި ސިފައިންގެ ސަފުތައް ވަރުގަދަކުރަން ޖެހޭކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ދީނީ ހިލާފުންތައް އުފެދޭ މައްސަލަތަކާއި މެދު ކުރިއަށް އޮތްތަނުގައި ސަމާލުވުމަށް ސިފައިންނަށް މިނިސްޓަރު ވަނީ އިލްތިމާސްކުރައްވާފަ އެވެ.

މިރޭގެ ޖަލްސާގައި ވަނީ ދުވަހާ ގުޅިގެން ޚާއްސަ ދުއާއެއް ކޮށްފަ އެވެ.