11 Jan 2016, 23:03
ލ. ގަނ ތުނޑި، ބާބުލް އަވާލީ، ހައްވާ ޒުހާގެ ޕޯސްޓު މޯޓަމް ހެދުމަށް މާދަމާ ރޭ އިންޑިއާގެ ޓްވިންޑްރަމަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑުގެ ހެޑް އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް ޙުސައިން އާދަމް ވިދާޅުވީ ޒުހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ޓްރިވެންޑްރަމަށް ގެންދިޔުމަށްޓަކައި ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާކަމަށެވެ.
އޭނާ ވިދާޅުވީ ހަމަޖެހިފައިވާ ގޮތުގެމަތިން މާދަމާރޭ ޒުހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން އިންޑިޔާއަށް ފޮނުވާލެވޭނެ ކަމަށެވެ.
ޒުހާގެ މަރުގެ މައްސަލައިގެ ތުހުމަތުގައި މިމަހުގެ ނުވަ ވަނަ ދުވަހު ފުލުހުން ވަނީ ދެ މީހަކު ހައްޔަރުކޮށްފައެވެ. އެއީ 28 އަހަރުގެ ދިވެހި ފިރިހެނަކާއި 50 އަހަރުގެ ދިވެހި އަންހެނެކެވެ. އެ ދެ މީހުންގެ ބަންދުގެ މުއްދަތު ވެސް ކްރިމިނަލް ކޯޓުން ވަނީ އިތުރުކޮށްފައެވެ.
މިމަހުގެ ހަތް ވަނަ ދުވަހު ގަލޮޅު ދޫހިމެރި މަގު ގޯޅިއެއްގެ ތެރޭގައި ވެއްޓިފައިއޮއްވައި ފުލުހުންގެ ބެލުމުގެ ދަށުން ޒުހާގެ ހަށިގަނޑު އައިޖީއެމްއެޗަށް ގެންދިޔައިރުވެސް އޭނާ ވަނީ މަރުވެފައި ކަމަށް ޑޮކްޓަރު ވިދާޅުވި ކަމަށް ފުލުހުން ބުންޏެވެ.