11 Jan 2016, 18:29
ރާއްޖެ އާއި އިންޑިއާ ގުޅިގެން ޓެރަރިޒަމް ނައްތާލުމަށް ކުރެވިދާނެ ކަންކަމާ ބެހޭގޮތުން ރައީސް އަބްދުﷲ ޔާމީންއާއެކު އިންޑިއާގެ ފޮރިން ސެކެޓެރީ ރ. ސުބްރަމާނިޔަމް ޖައިޝަންކަރު މަޝްވަރާ ކުރައްވައިފި އެވެ.
ރައީސް އޮފީހުގައި މިއަދު ކުރިއަށް ދިޔަ އެ ބައްދަލުވުމުގައި ދެ ގައުމު ގުޅިގެން ކުރެވިދާނެ ގިނަ ކަންކަމާ ބެހޭގޮތުން ވަނީ މަޝްވަރާ ކުރައްވާފަ އެވެ. އެގޮތުން ބައިނަލްއަޤްވާމީ މައިދާނުގަ އާއި، ސިޔާސީ މައިދާނުގައި އިންޑިއާއިން ރާއްޖެއަށް އެއްބާރުލުންދިނުމާ ބެހޭގޮތުންނާއި، އިގްތިސާދީ ދާއިރާއިންނާއި، ސިއްހީ ދާއިރާގެ އިތުރުން ސަރަހައްދީ ޓެރަރިޒަމް ނައްތާލުމައްޓަކައި މަސައްކަތްކުރެއްވުމާ ބެހޭގޮތުން ވެސް ވަނީ މަޝްވަރާ ކުރައްވާފަ އެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ހާއްސަ މަންދޫބެއްގެ ގޮތުން ޖައިޝަކަރު ރާއްޖެއަށް ވަޑައިގެންފައި ވަނީ މިއަދުގެ ވަގުތެއްގަ އެވެ. އަދި ފުރާ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މިރޭގެ ވަގުތެއްގަ އެވެ.
ރައީސް އޮފީހުގައި މިއަދު ކުރިއަށްދިޔަ ބައްދަލުވުމުގައި އިންޑިއާ ސަރުކާރުގެ ފޮރިން ސެކްރެޓަރީ އިންޑިޔާއިން ރާއްޖޭގެ ކަންތައްތަކުގައި އަބަދުވެސް އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން އަރުވާފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އަބްދުﷲ ޔާމީން އާއިއެކު އިންޑިއާގެ ފޮރިންސެކެޓެރީ ރ. ސުބްރަމާނިޔަމް ޖައިޝަންކަރު މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ -- ރައީސް އޮފީސް
"މި ބައްދަލުކުރެއްވުމުގައި، ރާއްޖެ އާއި އިންޑިޔާއާ ދެގައުމުގެ ދޭތެރޭ ގާއިމްވެފައިވާ ގާތް ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް މި ސަރުކާރުން އަބަދު ވެސް މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވި. މީގެ އިތުރުން، މިއަދުގެ ބައްދަލު ކުރެއްވުމުގައި އެމަނިކުފާނު ވަނީ ރާއްޖޭގެ ސިޔާސީ ހާލަތު އޮތް ގޮތް އިންޑިއާ ސަރުކާރުގެ ފޮރިން ސެކްރެޓަރީއަށް އޮޅުން ފިލުއްވައިދެއްވައި އެކަމާ މަޝްވަރާކުރައްވާފަވޭ" ރައީސް އޮފީހުގެ ވެބްސައިޓުގައި ބުނެފައިވެ އެވެ.
ވިޔަފާރި އާއި އިގުތިސާދާއި ދިފާއީ ދާއިރާ އިން ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އިންޑިއާގެ ފޮރިން ސެކެޓްރީ މަޝްވަރާ ކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީއިން ވެސް ވަނީ ބުނެފަ އެވެ.
އަދި ރާއްޖެ އާއި އިންޑިއާ ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ކޮމިޝަނުން ބޭއްވި ފަސް ވަނަ ބައްދަލުވުމުގައި އެއްބާރުލުން ދިނުމަށް އެއްބަސްވެފައިވާ ކަންތައްތައް ތަންފީޒުކުރުމާ ބެހޭ ގޮތުން ވެސް މަޝްވަރާކުރުމަށް ހަމަޖެހިފައިވާ ކަމަށް ފޮރިން މިނިސްޓްރީ ބުންޏެވެ.
އިންޑިއާގެ ފޮރިން ސެކްރެޓަރީ ޖައިޝަންކަރުގެ އަރިހުގައި ރާއްޖެ އަށް ވަޑައިގެންނެވީ އެގައުމުގެ އެކްސްޓާނަލް މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީ ރޭނޫ ޕޯލް އާއި އަންޑަ ސެކްރެޓަރީ ޝާޝްވަތީ އާރްޔާ އެވެ.