11 Jan 2016, 18:09
އިންޓަނޭޝަނަލް ޕަބްލިކް ސެކްޓާ އެކައުންޓިންގ ސްޓޭންޑާޑްސް އާއި މާލީ ބަޔާން ތައްޔާރު ކުރާނެ ގޮތުގެ މައުލޫމާތު ދިނުމަށް މިނިސްޓްރީ އޮފް ފިނޭންސް އިން ކުރިއަށް ގެންދިޔަ ވޯކްޝޮޕް ނިންމާލައިފި އެވެ.
ތިން ދުވަހަށް ބަހާލައިގެން ހޮޓެލް ޖެންގައި މި ވޯކްޝޮޕް ކުރިއަށް ގެންގޮސްފައި ވަނީ "ޓްރެއިން ދަ ޓްރެއިނަރސް" ޕްރޮގްރާމްގެ ދަށުން ދައުލަތުގެ ހުރިހާ މަސްއޫލު އޮފީހަކަށް ހުޅުވާލައިގެންނެވެ.

މާލީ ބަޔާން ތައްޔާރު ކުރާނެ ގޮތުގެ ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތުގައި ވޯކްޝޮޕްގެ ބައިވެރިން -- ސަން ފޮޓޯ: ޔޫސުފް ޞަފްވާން
ވޯކްޝޮޕް ނިންމުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސަރުކާރުގެ ފައިނޭޝަލް ކޮންޓްރޯލަރު ހަދީޖާ ހުސައިން ވަނީ ވޯކްޝޮޕުން ލިބުނު މައުލޫމާތާއި ތަމްރީނު އޮފީސްތަކުގެ މާލީ ބަޔާން ތައްޔާރު ކުރުމުގައި އުޅޭ އެހެން މުވައްޒަފުންނާއި އޮފީސްތަކުގެ ބެލުމުގެ ދަށުގައިވާ އެޖެންސީތަކުގެ މާލީ ބަޔާން ތައްޔާރު ކުރާ މުވައްޒަފުންނާ ހިއްސާ ކުރުމަށް އިލްތިމާސް ކުރައްވާފަ އެވެ.
އޭގެ އިތުރުން ކޭޝް ބޭސިސް އިހްތިޞާސް އާ އެއްގޮތަށް މާލީ ބަޔާން ތައްޔާރު ކުރުމަށް އެހެން މުވައްޒަފުން ތަމްރީނު ކުރުމަށް ވެސް ހަދީޖާ ވަނީ ބައިވެރިންގެ ކިބައިން އެދިވަޑައިގެންފަ އެވެ.

މާލީ ބަޔާން ތައްޔާރު ކުރާނެ ގޮތުގެ ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތުގައި ފައިނޭންޝަލް ކޮންޓްރޯލަރ ހަދީޖާ ހުސައިން ވާހަކަދައްކަވަނީ -- ސަން ފޮޓޯ: ޔޫސުފް ޞަފްވާން
މިއަދު ނިމިގެން ދިޔަ ވޯކްޝޮޕްގައި ދައުލަތުގެ ހިސާބު ބެލެހެއްޓުމާ ފައިނޭންސް މެނޭޖްކުރުމުގައި ހުރި ދަތިތައް ހިއްސާކޮށް، ހައްލު ކުރަން ޖެހޭ ކަންކަން ދެނެގަނެވިފައިވާ ކަމަށާއި، ކޭޝް ބޭސިސް އިހްތިޞާސް އާ އެއްގޮތަށް މާލީ ބަޔާން ތައްޔާރު ކުރަން ދައުލަތުގެ މުވައްޒަފުންނަށް ދަސްކޮށްދެވިފައިވާ ކަމަށްވެސް ހަދީޖާ ވަނީ ވިދާޅުވެފަ އެވެ.
"ދައުލަތުގެ އޮފީސްތަކުން ކުރާ އެންމެހާ ހަރަދުތައް ބަޖެޓް ޕަލޭނާ އެއްގޮތަށް ކުރާކަން ކަށަވަރު ކުރުމާ، ހަރަދު ކުރުމަށް ފަހު ފުރިހަމަ ރިޕޯޓުތައް ހެދުމުގައި ދޭން ޖެހޭ ތަމްރީނުތައް ދީ، ދައުލަތުގެ އޮފީސްތަކުގެ މުވައްޒަފުން މަސައްކަތަށް އަހުލުވެރި ކުރުވުމަކީ ފިނޭންސް އިން ކުރަން ޖެހޭ ކަމެއް،" އޭނާ ވިދާޅުވި އެވެ.
އެހެންކަމުން ކުރިއަށް އޮތް ތަނުގައިވެސް މިފަދަ އިތުރު ވޯކްޝޮޕްތަކާ ފޯރަމްތައް ބާއްވަން ގަސްދުކޮށްފައިވާ ކަން ހަދީޖާ ވަނީ ހާމަކުރައްވާފަ އެވެ.

މާލީ ބަޔާން ތައްޔާރު ކުރާނެ ގޮތުގެ ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު -- ސަން ފޮޓޯ: ޔޫސުފް ޞަފްވާން
މި ވޯކްޝޮޕްގައި ބައިވެރިވެ، ވޯކްޝޮޕް ފުރިހަމަ ކުރި ބައިވެރިންނަށް ވަނީ ހަނދާނީ ލިޔުން ހަވާލުކޮށްފަ އެވެ. މި މަސައްކަތު ބައްދަލުުމުގައި މައުލޫމާތު ދެއްވީ ނެދަލޭންޑްސްގެ ޕްރޮފެސަރެއް ކަމަށްވާ، ޑރ.ފްރޭންސް އެވެ.