މިއަހަރު ސީޒަންގައި ޓީސީ ސްޕޯޓްސް ކުލަބުގެ މީޑިއާ ޕާޓްނެއްގެ ގޮތުގައި ރާއްޖެ ޓީވީ ހަމައްޖައްސައި އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

ޕާމް ޑެކް ގާޑެން ރެސްޓޯރެންޓްގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ޓީސީގެ ރައީސް އަހްމަދު ނާޝިދު (ޑޭވް) ވިދާޅުވީ ޓީސީގެ މީޑިއާ ޕާޓްނަރެއް ކަނޑައެޅުމަށް ރާއްޖޭގެ ހުރިހާ ޓީވީ ޗެނަލްތަކެއް އެނަލައިސް ކުރެއްވި ކަމަށާއި އެގޮތުން ރާއްޖެ ޓީވީއަށް މި ފުރުސަތު ދިނުމުގައި ބަލާފައި ވާނީ ކޮންމެ ދުވަހެއްގެ ބްރޮޑްކާސްޓިންގައި ކުޅިވަރަށް އެންމެ ގިނަ ވަގުތު ދޭ އެއް ޗަނަލަކަށް 'ރާއްޖެ ޓީވީ' ވާތީކަމަށެވެ. ޑޭވް ވިދާޅުވީ ކުޅިވަރަށް ޒުވާނުން އަހުލުވެރި ކުރުމަށް ރާއްޖެ ޓީވީއާއެކު ޓީސީން މަސައްކަތް ކުރާނެ ކަމަށެވެ.

'ރާއްޖެ ޓީވީ' ގެ ސީއީއޯ ޙުސައިން ފިޔާޒު މޫސާ ވިދާޅުވީ ރާއްޖެ ޓީވީއަކީ ވަކި ކުލަބަކަށް ވަކި ކުލައަކަށް ޚާއްސަ ޓިވީއެއް ނޫން ކަމަށާއި ރާއްޖެ ޓީވީ އޮތީ ކުޅިވަރު ތަރައްޤީ ކުރުމަށް ރާއްޖޭގެ ކޮންމެ ކުލަބަކާއެކު ވެސް ކުރިއަށް ދިއުމަށް ތައްޔާރަށް ކަމަށެވެ.

ރާއްޖެ ޓީވީގެ އެ ފުރުސަތު އެންމެ ފުރަތަމަ ޓީސީން ހިފުމަކީ އެކުލަބުގެ ހުށިޔާރުކަން ކަމަށް ފިޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޓީސީގެ މުހިންމު އިވެންޓްތަކާ ޚަބަރުތައް ރާއްޖޭ ޓީވީގެ ބެލުންތެރިންނާ ހަމައަތަށް އެންމެ ފުރިހަމައަށް ގެނެސް ދިނުމަށް ރާއްޖެޓީވީ އިން މަސައްކަތް ކުރާނެ ކަމަށެވެ.

މީޑިއާ ޕާޓްނަޝިޕް އެއްބަސްވުމުގައި ޓީސީގެ ފަރާތުން ސއޮއި ކުރެއްވީ އެކުލަބުގެ ރައީސް ޑޭވް އެވެ. 'ރާއްޖެ ޓީވީ' ގެ ފަރާތުން ސޮއި ކުރެއްވީ އެ ޓީވީގެ ސީއީއޯ ޙުސައިން ފިޔާޒު މޫސާއެވެ.