ޗެންނާއީ (ޖެނުއަރީ 11): އިނގިރޭސިވިލާތުގެ ހަ މީހެއްގެ މައްޗަށް އިންޑިއާއިން ފަސް އަހަރުގެ ޖަލު ހުކުމެއް ކޮށްފި އެވެ.

އޮކްޓޯބަރި 2013ގައި އެ ހަ މީހުން ހައްޔަރު ކުރީ އެމެރިކާގެ ކުންފުންޏަކަށް ނިސްބަތްވާ އެންޓި ޕައިރެސީ ބޯޓެއްގައި މަސައްކަތް ކުރަމުން ދަނިކޮށެވެ. އެ ބޯޓަކީ "ޕައިރެޓްސް އެލީ"ގެ ނަމުން މަޝްހޫރުވެފައިވާ އިންޑިއާ ކަނޑާއި ރެޑް ސީގެ މެދުގައި އޮންނަ ކަނޑުގެ ސަރަހައްދުން ދަތުރުކުރާ އުޅަނދުތަކަށް ސަލާމަތީ ހިދުމަތް ފޯރުކޮށް ދިން ބޯޓެކެވެ.

އިންޑިއާ ފުލުހުން ބޯޓު ހިފެހެޓުމަށް ފަހު ފާސްކުރުމުން އެ މީހުން ދަތުރުކުރި ބޯޓުން 35 ބަޑި އާއި 6000 ވަޒަން ފެނުނެވެ. އެއީ އެފަދަ ބޯޓެއްގައި ހުރުން މަނާ ތަކެތި ކަމަށް އިންޑިއާއިން ބުނެ އެވެ. ގާނޫނާއި ހިލާފަށް ހަތިޔާރު ގެންގުޅުމުގެ ތުހުމަތުގައި ހައްޔަރު ކުރުމަށްފަހު، އިންޑިއާގެ ޓަމިލް ނާޑޫގެ ކޯޓަކުން ނިންމީ އެ އުޅަނދުގައި ގަބޫލު ކުރެވޭ ފެންވަރުގެ ލައިސަންސް އެއް ނެތް ކަމަށެވެ. އެހެންކަމުން، އެ ބޯޓުގައި ދަތުރުކުރި 35 ފަޅުވެރިންނާއި ގާޑުންގެ މައްޗަށް އެ ކޯޓުން ވަނީ ފަސް އަހަރުގެ ޖަލު ހުކުމް އިއްވައިފަ އެވެ. އަދި 3000 ރުޕީސް އިން ޖޫރިމަނާ ކޮށްފަ އެވެ.

އެ އުޅަނދުގެ ފަޅުވެރިން ވަނީ އެމީހުންގެ މައްޗަށް ކޮށްފައިވާ ތުހުމަތުތައް ތަކުރާރުކޮށް ދޮގުކޮށްފަ އެވެ. އަދި އެމީހުން މަސައްކަތް ކުރި އެމެރިކާގެ ކުންފުނިން ވަނީ އެމީހުންނާ ގުޅުން ކަނޑާލާފައި ކަމަށްވެސް ބުނެފަ އެވެ.

"އަހަރުމެން ކުށެއް ކުރިކަމުގެ އެއްވެސް ހެއްކެއް ނެތް. ނަމަވެސް އަހަރެމެންގެ މައްޗަށް މިވަނީ ހުކުމް ކޮށްފައި،" ޖަލަށް ހުކުމް ކޮށްފައިވާ އެއް ފަޅުވެރިއަކު ބުންޏެވެ. (ބީބީސީ)