މާފަންނުގައި ހުރި ލިލީ ސްޓޯރުގެ ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާ މުޅިތަން އެނދި މައްސަލައިގެ ތަހުގީގު އަދިވެސް ނުނިމޭ ކަމަށް ފުލުހުން ބުނެފި އެވެ.

ލިލީ ސްޓޯރުގެ މާފަންނު ގުދަނުގައި ރޯވެ އަނދާފައި ވަނީ މިދިއަ އަހަރުގެ މާޗު 19 ވަނަ ދުވަހުގެރޭގެ ވަގުތެއްގަ އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލު 'ސަން' އަށް ވިދާޅުވީ މައްސަލައިގެ ތަހުގީގު އަދިވެސް ކުރިއަށް ދާ ކަމަށެވެ.

ލިލީ ސްޓޯރުގެ ގުދަނުގައި ރޯވެ އަނދަނީ: ސަން ފައިލް ފޮޓޯ

އެ މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރު ކުރި ކަމެއް އެނގިފައެއް ނުވެ އެވެ. އަދި ހާދިސާ ހިނގަން މެދުވެރިވި ގޮތްވެސް އެނގިފައެއް ނުވެ އެވެ. މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދާތާ މިހާރު އަހަރުވާން ކައިރިވެފައިވާއިރު ތަހުގީގު ކުރިއަށް ގޮސްފައިއޮތް ހިސާބެއް ވެސް ފުލުހުން ހާމައެއް ނުކުރެ އެވެ.

ލިލީ ސްޓޯރުގެ ވެރިޔާ އަދި މަޝްހޫރު ވިޔަފާރިވެރިޔާ މައްލާ ނާސިރު ވިދާޅުވެފައި ވަނީ އޭނާގެ ގުދަނުގައި ރޯވެ އަނދާ ހުލިވުމުގެ ސަބަބުން 30 މިލިއަން ރުފިޔާ ގެއްލުންވެފައިވާ ކަމަށެވެ.

ގުދަނުގައި ރޯވިއިރު ގުދަން ހުރީ އެލައިޑް އިންޝުއަރެންސްގަ އިންޝުއަރެންސް ކޮށްފަ އެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ. އެކަމަކު ސަރަހައްދުގެ ބައެއް ގެތަކަށް ބޮޑެތި ގެއްލުންތައް ލިބިފައިވެ އެވެ.