ޓްރިޕޮލީ: ލީބިޔާގެ ވެރިކަން ބަދަލުކުރުމަށް މަސައްކަތްކުރާ އިދިކޮޅު ފަރާތްތަކަށް ގަތަރުން ހަތިޔާރު ދެމުން ގެންދާ ކަމަށް ލީބިޔާގެ ހާރިޖިއްޔާއިން ތުހުމަތުކޮށްފިއެވެ.

ލީބިޔާގެ ހާރިޖީ ވުޒާރާގައި ބޭއްވި ނޫސްކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން ހާރިޖީ ވަޒީރުގެ ނައިބު ހާލިދް ކައީމް ވިދާޅުވީ ފަރަންސޭސިވިލާތުގައި އުފައްދާފައިވާ މީލާން މަރުކާގެ ރޮކެޓް އިދިކޮޅު ހަނގުރާމަވެރިން ބޭނުން ކުރަމުން ގެންދާ ކަމަށާއި މިތަކެތި ފޯރުކޮށްދީފައިވަނީ ގަތަރުންކަމުގައެވެ.

މިބާވަތުގެ ރޮކެޓް ބޭނުންކުރަން ދަސްކޮށްދިނުމަށްޓަކައި ގަތަރު ގެ 20 ތަޖްރިބާކާރަކު އިދިކޮޅު ފަރާތްތަކުގެ މައިމަރުކަޒު ކަމަށްވާ ބެންއާޒީގައި ހަރަކާތްތެރިވަމުންދާ ކަމަށްވެސް ކައީމް ވިދާޅުވި އެވެ.

ގައްޒާފީގެ ސަރުކާރުގެ މިތުހުމަތު ތަކަށް ގަތަރުން ރައްދު ދީފައެއް ނުވެއެވެ. ނަމަވެސް ގަތަރުންވަނީ ގައްޒާފީގެ އަނިޔާވެރި ވެރިކަން ވައްޓާލުމަށް މަސައްކަތްކުރާ ލީބިޔާގެ އިދިކޮޅު ހަނގުރާމަ ވެރިންނަށް ހަތިޔާރު ފޯރުކޮށްދީ އަސްކަރީ ތަމްރީން ދިނުމަށް ބައިނަލްއަޤްވާމީ މުޖްތަމައަށް ގޮވާލާފައެވެ. އަދި ގަތަރުން ގެންދަނީ ލީބިޔާގެ އިދިކޮޅު ފަރާތްތަކުގެ ކޮންޓްރޯލްގެ ދަށުގައިވާ ތުބްރުގްގެ އަލްޙުރޭގާ ބަނދަރުން ތެޔޮ ބޭރުކުރުމަށާއި ތެލުގެ ޝިޕްމަންޓްތައް ވިއްކައި ދިނުމުގައިވެސް އެހީތެރި ވަމުންނެވެ.

އަދި ގައްޒާފީގެ ބާރުތަކުންދޭ ހަމަލާތަކުގައި ޒަހަމްވާ ފަރާތްތަކަށް ސިއްހީ ފަރުވާ ފޯރުކޮށްދިނުމަށާއި ހާލުގައި ޖެހިފައިވާ ލީބިޔާގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގައިވެސް ގަތަރުން ގެންދަނީ ވަރަށް އިސް ދައުރެއް އަދާކުރަމުންނެވެ.

ލީބިޔާގެ ހާރިޖީ ވަޒީރުގެ ނައިބު ގެ ވާހަކަ ފުޅުގައި ލުބްނާނުގެ ހިޒްބުﷲ ޖަމާއަތުގެ ހަނގުރާމަވެރިންވެސް ލިބިޔާގެ އިދިކޮޅު ފަރާތްތަކާއެކު ގައްޒާފީގެ ބާރުތަކާ ދެކޮޅަށް ހަނގުރާމަ ކުރަމުން ގެންދާ ކަމަށް ތުހުމަތު ކުރެއްވިއެވެ. ނަމަވެސް ލީބިޔާގެ މި ތުހުމަތުތަކަކީ ހުޅަނގުގެ ހަމްދަރްދީ ހޯދުމުގެ މަޤްސަދްގައި ފަތުރާ ޕްރޮޕަގެންޑާ ކަމަށް ލީބިޔާގެ އިދިކޮޅު އިންތިގާލީ މަޖިލީހުން ބުނެއެވެ.

އަނެއްކޮޅުން ގައްޒާފީގެ ބާރުތަކުން ލީބިޔާގެ ތިންވަނައަށް އެންމެ ބޮޑު ސިޓީ ކަމަށްވާ މިސްރާތާއަށް އިއްޔެ ދިން ބޮޑުބަޑީގެ ޙަހަމަލާތަކެއްގައި އާންމުންގެ 23 މީހަކު މަރުވިކަން އިދިކޮޅު އިންތިގާލީ މަޖިލީހުގެ ތަރްޖަމާނަކު ވަނީ ހާމަކުރައްވާފައެވެ. (އަލްޖަޒީރާ)