ހޯމް މިނިސްޓަރު އުމަރު ނަސީރުގެ މައްޗަށް ދައުލަތުން އުފުލާފައިވާ އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާގެ މައްސަލަ ކޯޓުން ނެގުމަށްފަހު އަނބުރާ ފުލުހުންނަށް ފޮނުވާލައިފި އެވެ.

ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ އޮފިޝަލަކު މިއަދު "ސަން"އަށް ވިދާޅުވީ އެ މައްސަލަ އަނބުރަ ފުލުހުންނަށް ފޮނުވާލީ މިދިޔަ އަންގާރަ ދުވަހު ކަމަށެވެ.

"އެ މައްސަލަ އަނބުރާ ފޮނުވާލީ ފުލުހުން އެ މައްސަލައިގެ ވީޑިއޯ އެނަލިސިސް ރިޕޯޓު ހުށަހަޅާފައި ނުވާތީ. އެކަން ފުރިހަމަ ކުރުމަށް ފޮނުވާލީ،" އޮފިޝަލު ވިދާޅުވި އެވެ.

ހޯމް މިނިސްޓަރު އުމަރު ނަސީރުގެ މައްޗަށް ދައުލަތުން އުފުލާފައިވާ އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާގެ ޝަރުއީ ހުރިހާ އަޑުއެހުންތައް މިދިޔަ އަހަރުގެ ޖުލައި މަހުގެ 24 ވަނަ ދުވަހު ވަނީ ނިންމާލައިފަ އެވެ.

ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން އިސް ގާޒީ އަބްދުﷲ މުހައްމަދު ވިދާޅުވީ އެ މައްސަލައިގެ އަޑުއެހުންތައް ނިމުނީ ކަމަށް ޝަރީއަތުން އިއުލާންކުރާ ކަމަށެވެ. ނަމަވެސް މައްސަލަ ދިރާސާކުރުމުގައި އިތުރު ކަމެއް ސާފުކުރަން ޖެހިއްޖެ ނަމަ އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށް އަބްދުﷲ ގާޒީ ވިދާޅުވި އެވެ.

ކުރީގެ ރައީސް ނަޝީދުގެ ސަރުކާރާ ދެކޮޅަށް އެމްއެމްއޭ ސަރަހައްދުގައި 23 ޑިސެމްބަރު އިއްތިހާދުގެ ފަރާތުން ކުރަމުން ގެންދިޔަ ސިލްސިލާ މުޒާހަރާގައި 2012ވަނަ އަހަރު ޖެނުއަރީމަހުގެ 22 ވަނަ ދުވަހު ރޭ ގެ ވާހަކަފުޅު ދައްކަވަމުން އުމަރު ވިދާޅުވީ "މުޒާހަރާ ހަރަކާތަކަށް ބަދަލުކޮށް އެ ހަރަކާތުގެ ތެރެއިން 2000 ވޮލަންޓިއަރުން ނަގައި އެ މީހުން ހަރުގަނޑެއް ހިފައިގެން ގޮސް ހަރުގަނޑުން އަރާ އަޅުގަނޑު ބުނާ ފާރުމަތިން ފުއްމާލަން،" ވެއްޖެ ކަމަށެވެ. ނަމަވެސް އެއީ ކޮން ފާރެއް މަތިން ފުންމާލާ ވާހަކައެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.