ހައްޖު ކޯޕަރޭޝަނުން ގާއިމްކޮށްފައިވާ މުވައްޒަފުން ހައްޖު ސްކީމްގައި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބައިވެރިވެއްޖެ އެވެ.

ހައްޖު ސުކީމްގައި އެޗްޑީސީން ބައިވެރިވުމުގެ އެއްބަސްވުމުގައި ސޮއިކުރީ ހުޅުމާލޭގައި ހުންނަ އެޗްޑީސީގެ މައި އިދާރާގައި އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެކޯޕަރޭޝަންގެ މެނޭޖިން ޑައިރެކްޓަރު މުޙައްމަދު ސައިމަން އެވެ. އަދި ހައްޖު ކޯޕަރޭޝަނުގެ ފަރާތުން އެއްބަސްވުމުގައި މެނޭޖިން ޑައިރެކްޓަރު ޔާމީން އިދުރީސް އެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ސައިމަން ވިދާޅުވީ ހައްޖު ސްކީމްގައި އެޗްޑީސީން ބައިވެރިވީ އެކަމުގެ ސަބަބުން އެކޯޕަރޭޝަނުގެ މުވައްޒަފުން، ހައްޖަށް ދިއުމަށް ފަސޭހަވާނެތީ ކަމަށެވެ.

"... ސްޓާފުންނަށް މިފަދަ ފުރުސަތެއް ހުޅުވައިލުމަކީ އެޗްޑީސީވެސް ދެކޭ ގޮތުގައި އެންމެ ރަނގަޅު ގޮތް ކަމަށް ވާތީ އެކަމާއިގެން ކުރިއަށް ދާން އަޅުގަނޑުމެން މިއަދު މި ސޮއިކުރީ،" ސައިމަން ވިދާޅުވި އެވެ.

ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑައިރެކްޓަރު ޔާމީން އިދުރީސް ވިދާޅުވީ އަމިއްލައަށް އިސް ނަގައިގެން ހައްޖު ސުކީމްގައި ބައިވެރިވި ފުރަތަމަ ކުންފުންޏަކީ އެޗްޑީސީ ކަމަށެވެ. އެހެންވެ، އެޗްޑީސީގެ މެނޭޖްމެންޓަށާއި މެނޭޖިން ޑައިރެކްޓަރަށް ޝުކުރު އަދާކުރައްވާ ކަމަށް ޔާމީން އިދުރީސް ވިދާޅުވި އެވެ. ހައްޖު ސުކީމްގެ ބޭނުމަކީ ޒުވާން އުމުރުގައި ހައްޖަށް ދިއުމަށް ފައިސާ ރައްކާކުރުމުގެ ފުރުސަތު ދިވެހި ރައްޔިތުންނަށް ހުޅުވާލައި ދިނުން ކަމަށެވެ.

"...މިފަދަ ސުކީމެއްގެ ބޭނުމަކީ، އަޅުގަނޑުމެންގެ ބޭނުމަކީ ދިވެހި ރައްޔިތުންނަށް، ހާއްސަކޮށް ޒުވާން އުމުރުގައި ހައްޖަށާއި އުމްރާގެ އަޅުކަން އަދާކުރުމަށްޓަކައި ފައިސާ ރައްކާކުރެވޭނެ ނިޒާމެއް ހަމަޖެއްސުން." އޭނާ ވިދާޅުވި އެވެ.