ބޮލީވުޑްގެ ތަރި ރިތިކް ރޯޝަން އަށް ވޭތުވެ ދިޔަ އަހަރު ވެގެން ގޮސްފައި ވަނީ ވަރަށް ބިޒީ އަހަރަކަށެވެ. ރިތިކުގެ ފިލްމެއް މިދިޔަ އަހަރު ރިލީޒުކޮށްފައި ނުވި ނަމަވެސް އޭނާ މުޅި އަހަރު ދުވަސް ހޭދަކޮށްފައި ވަނީ "މޮހެންޖޯ ދާރޯ" ނަމަކަށް ކިޔާ ފިލްމުގެ މަސައްކަތުގަ އެވެ.

ވޭތުވެދިޔަ އަހަރު އެންމެ ފިލްމެއްގެ މަސައްކަތަށް ހުސްކުރި ނަމަވެސް، މި އަހަރު އެއް ފިލްމަށް ވުރެ ގިނަ ފިލްމު ކުޅޭނެ ކަމަށް ރިތިކު ވަނީ ވަރަށް ފަހުން ބުނެފަ އެވެ.

"މޮހެންޖޯ ދާރޯ" އަށް އަށް މުޅި އަހަރު ހޭދަ ވެއްޖެ. އެހެންވީމަ މި އަހަރު އެއް ފިލްމަށް ވުރެ ގިނަ ފިލްމު ކުޅެން ބޭނުން. އަހަރެން އެގޮތަށް ޕްލޭން ކޮށްފައި އޮންނާނީ،" ރިތިކް ބުންޏެވެ.

އިއްޔެ 42 އަހަރު ފުރުނު ރިތިކު ބުނީ، ހިނގަމުން މިދާ 2016 ވަނަ އަހަރަކީ އޭނާ އަށް ވަރަށް ހާއްސަ އަދި އުފާވެރި އަހަރެއް ކަމަށެވެ.

"މިއަހަރުން ފެށިގެން ދިޔައީ އަހަންނަށް ވަރަށް އުފާވެރިކޮށް. މިއަހަރު އުފާވެރި ގިނަ ކަންތައްތަކެއް ވާނެ. ކޮންމެވެސް ހާއްސަ ކަމެއް ހިނގާނެ،" ރިތިކު ބުންޏެވެ.

ރިތިކު ވަނީ އޭނާގެ ފިލްމީ ހަޔާތުގައި ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅެފަ އެވެ.

ރިތިކުގެ ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި، ކޮއި މިލްގަޔާ، ކުރިޝް، ދޫމް 2 ފަދަ ފިލްމުތައް ފާހަގަކޮށްލެވެ އެވެ.