11 Jan 2016, 15:44
ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ސިޒޭރިއަން ހެދުމަށްފަހު އައިޖީއެމްއެޗަށް ގެނެސް ފަރުވާދެމުން ދަނިކޮށް ހދ. ކުޅުދުއްފުށި ސިނަމާގެ އައިޝަތު ފަރިޔާލު،33، ނިޔާވި މައްސަލައިގެ ތަހުގީގު ނިމުމުން އެކަމުގައި އިހުމާލުވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.
ހެލްތު މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވަނީ އެ ހާދިސާއާ ގުޅިގެން ކުރަންޖެހޭ ތަހުގީގުތައް އެ މިނިސްޓްރީން އަންނަނީ ކުރަމުން ކަމަށެވެ.
އެ ބަޔާނުގައި ވަނީ ފަރިޔާލު އޮޕަރޭޝަންކުރި ޑޮކްޓަރަކީ މޯލްޑިވްސް މެޑިކަލް ކައުންސިލްގައި ރަޖިސްޓްރީކޮށްފައިވާ އަންހެނުންގެ ޚާއްސަ ޑޮކްޓަރެއް ކަމަށެވެ. އަދި އޭނާ އަކީ 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހުން ފެށިގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި މަސައްކަތްކުރައްވަމުން އަންނަ ޑޮކްޓަރެއް ކަމަށާއި މައްސަލަ ބަލައި ނިމެންދެން އެ ޑޮކްޓަރު ވަނީ ސަސްޕެންޑުކޮށްފައި ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.
ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ އަބްދުﷲ ވަހީދު އިއްޔެ ވިދާޅުވީ އެ މައްސަލަ ބެލުމަށްޓަކައި އެ ޑޮކްޓަރު މާލެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.