11 Jan 2016, 16:17
އަންނަ ޖުލައި މަހު ސިންގަޕޫރުގައި ބާއްވާ ޖާނަލިޒަމް ފެލޯޝިޕް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު މީޑިއާ ޑިވެލޮޕްމަންޓު ފައުންޑޭޝަން މޯލްޑިވްސް (އެމްޑީއެފްއެމް) އިން ހުޅުވާލައިފި އެވެ.
އެ ފައުންޑޭޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ސިންގަޕޫރުގައި ބާއްވާ ޖާނަލިޒަމް ފެލޯޝިޕް އޮންނާނީ އަންނަ ޖުލައި މަހުގެ 18 ވަނަ ދުވަހުން ފެށިގެން އޮކްޓޯބަރު މަހުގެ 7 އަށް ކަމަށެވެ.
އެ ފައުންޑޭޝަން ބުނީ އެ ޕްރޮގުރާމުގައި ބައިވެރިވެވޭނީ ނޫސްވެރިކަމުގެ ދާއިރާ އިން މަދުވެގެން ފަސް އަހަރު ދުވަހު މަސައްކަތްކޮށްފައި ތިބި ނޫސްވެރިންނަށް ކަމަށެވެ. އަދި ބުނީ އެ ޕްރޮގްރާމުގައި ބައިވެރިވާ ނޫސްވެރިންގެ ތެރެއިން ހޮވޭ ފަރާތްތަކުގެ ކޯހުގެ ހުރިހާ ހަރަދެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
"ކޯހުގެ މުއްދަތުގައި ސިންގަޕޫރުގެ އެކިއެކި މީޑިއާތަކާއި ބައްދަލުކޮށް މަސައްކަތުގެ ތަޖުރިބާ ހިއްސާކުރުމާއި ނޫސްވެރިކަމުގެ ދާއިރާ އިން ތަޖުރިބާކާރު ފަރާތްތަކާ ބައްދަލުވުމުގެ ފުރުސަތު ލިބިދެވޭނެ އެވެ،" އެ ފައުންޑޭޝަންގެ ނޫސްބަޔާނުގައިވެ އެވެ.
އެ ޕްރޮގްރާމުގައި ބައިވެރިވުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 14ވަނަ ދުވަހުގެ 5:00 އެވެ. އެމްޑީއެފްއެމް އިން ބުނީ އެ ޕްރޮގުރާމުގައި ބައިވެރިވާން ބޭނުންވާ ނޫސްވެރިން އެ ފައުންޑޭޝަނަށް ސިޓީ ފޮނުވުން އެދޭ ކަމަށެވެ. ސިޓީ ފޮނުވުމަށްޓަކައި 7785669، 7771060، 9776460 ނަންބަރު ފޯނަށް ގުޅުން އެދޭ ކަމަށް އެ ފައުންޑޭޝަނުގެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.