11 Jan 2016, 16:32
މެޑްރިޑް (ޖަނަވަރީ 11) : މަކަރާއި ޙީލަތް ހެދުމުގެ ތުހުމަތުގައި ސްޕޭންގެ ޝާހީ އާއިލާގެ މެންބަރެއްކަމަށްވާ ޕްރިންސެސް ކްރިސްޓީނާގެ މައްޗަށް އެގައުމުގެ ކޯޓަކުން ޝަރީޢަތް ހިންގަން ފަށައިފި އެވެ.
މިމައްސަލާގައި ކްރިސްޓީނާގެ މައްޗަށް ދައުވާ ކުރަނީ ސްޕޭންގެ ދައުލަތުގެ ފަރާތުންނެވެ. އުމުރުން 50 އަހަރުގެ ކްރިސްޓީނާއަކީ ސްޕޭންގެ މިހާރުގެ ރަސްގެފާނު ފިލިއްޕޭގެ އެއްބަނޑު އެއްބަފާ އަންހެން ކޮށްކޮ އެވެ. ކްރިސްޓީނާގެ މައްޗަށް ދައުލަތުން ދައުވާކުރަނީ މަކަރާއި ހީލަތާއި އޮޅުވާލުމުގެ އަމަލުތައް ހިންގުމާއި ދައުލަތުގެ ފައިސާ ނަހަމަގޮތުގައި ބޭނުން ކުރުމުގެ ތުހުމަތުގަ އެވެ.
މިތުހުމަތުތައް ސާބިތުވެއްޖެ ނަމަ އެކަމަނާގެ މައްޗަށް މަދުވެގެން 8 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ. މިއީ ސްޕޭންގެ ޝާހީ އާއިލާގެ މެންބަރެއްގެ މައްޗަށް ކުރެވޭ މިބާވަތުގެ ފުރަތަމަ ޝަރީޢަތެވެ. މިތުހުމަތުތައް ކްރިސްޓީނާގެ ފިރިކަލުން އިނާކީގެ މައްޗަށް ވެސް ވަނީ ކުރެވި އޭނާގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލާފަ އެވެ.
ކްރިސްޓީނާއާއި އިނާކީ އާ ކައިވެނިކޮށްފައި ވަނީ 1997 ވަނަ އަހަރު އެވެ. ކްރިސްޓީނާ އާއި އޭނާގެ ފިރިމީހާ ދައުލަތުގެ ފައިސާގެ ތެރެއިން 5.6 މިލިޔަން ޔޫރޯ ނަހަމަގޮތުގައި ބޭނުންކޮށްފައިވާކަން ތަހްގީގްތަކުން ހާމަވެފައިވެ އެވެ. މިމައްސަލަ ބޭޒާރުވެފައި ވަނީ 2010 ވަނަ އަހަރު އެވެ.
އެއަށް ފަހު ފާއިތުވި ފަސް އަހަރު ތެރޭގައި ސްޕޭންގެ ކަމާބެހޭ އިދާރާތަކުންވަނީ މިމައްސަލަ ތަހްގީގްކޮށް މިމައްސަލާގައި ކްރިސްޓީނާއާއި އެކަމަނާގެ ފިރިކަލުންނާ ދެކޮޅަށް ދައުވާ ކުރެވޭ ވަރަށް ހެކި ހޯދާފަ އެވެ. ސްޕޭންގެ ކުރީގެ ރަސްގެފާނު ޚުވާންކާލޮސް އަކީ ކްރިސްޓީނާގެ ބައްޕަ އެވެ. ކާލޮސް ރަސްކަމުން އަޒުލުވެވަޑަ އިގެން ދަރިކަލުން ފިލިއްޕޭ އާ ރަސްކަން ހަވާލުކުރެއްވީ 2014 ވަނައަހަރު ގައެވެ.
ކްރިސްޓީނާގެ މައްޗަށް ކުރެވިފައިވާ ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅިގެން އެކަމަނާއާއި ފިރިކަލުންގެ ޝާހީ ލަގަބުތައް ވެސް ވަނީ ނަގާފަ އެވެ. އަދި އެ މައްސަލައާ ގުޅިގެން ސްޕޭންގެ ރަސްގެފާނާ އަދި ޝާހީ އާއިލާވަނީ ރައްޔިތުން ދެކެ ވަރަށް ބޮޑަށް ލަދުގެންފަ އެވެ.
ސްޕޭނަކީ ދުސްތޫރީ ރަސްކަމެއް އޮންނަ ގައުމެކެވެ. އެގައުމުގައި ވެރިކަން ކުރައްވަނީ ޕާލަމެންޓްރީ އުސޫލަކުން އިންތިޚާބު ކޮށްފައިވާ ބޮޑުވަޒީރެކެވެ. ރަސްގެފާނަކީ ވެރިކަމުގެ އެއްވެސް ބާރުތަކެއްނެތް ބޭފުޅެކެވެ. ރަސްގެފާނަށް ލިބިވަޑައިގެންފައި ވަނީ ޝަރަފާއި ރަމްޒީ ބާރުތަކެކެވެ. މީގެތެރޭގައި ބޮޑުވަޒީރުކަމުގެ މަގާމަށް ބޭފުޅަކު އިޚްތިޔާރު ކުރުމުގެ ކަންތައް ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ކުރުން ހިމެނެ އެވެ. މިގޮތުން ރަސްގެފާނަށް އޮންނަ ބާރަކީ ޕާލަމެންޓަށް ރައްޔިތުން އިންތިޚާބުކުރާ މެންބަރުން ހިމެނޭ ޕާޓީތަކުގެ ތެރެއިން އެންމެ ގިނަ މެންބަރުން އެކުލެވޭ ޕާޓީއެއްގެ ވެރިއަކު ބޮޑުވަޒީރުކަމަށް އިޚްތިޔާރު ކުރުންފަދަ ކަންކަން ހިމެނެއެވެ. ނަމަވެސް ސްޕޭންގެ ޝާހީ އާއިލާގެ މެންބަރުންނަށާއި ރަސްގެފާނަށް އެގައުމުގެ ދައުލަތުގެ ޚަޒާނާއިން ބޮޑު އެއްޗެއް ޚަރަދުކޮށް ބޮޑެތި މުސާރަތަކެއް ދެއެވެ. (ނޫސްއެޖެންސީތައް)