ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ސިޒޭރިއަނެއް ހެދުމަށް ފަހު ލޭ މަނާ ނުވުމުގެ ސަބަބުން ހާލު ސީރިއަސްވެ ނިޔާވި، އެ ރަށު ސިނަމާގެ އައިޝަތު ފަރިޔާލު، 33 ނިޔާވި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބަލަން ފަށައިފި އެވެ.

އެޗްއާރްސީއެމްގެ މީޑިއާ އޮފިޝަލް ސަން އަށް ވިދާޅުވީ، އެޗްއާރްސީއެމް އިން އިސްނަގައިގެން އެ މައްސަލަ މިހާރު ބަލަމުން އަންނަ ކަމަށެވެ. އަދި މައްސަލަ ބަލަމުން ދަނިކޮށް އަމިއްލަ ފަރާތަކުން ވެސް އެ މައްސަލަ ހުށަހަޅާފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ސިޒޭރިއަން ހެދުމުގައި ދިމާވި މައްސަލައަކާ ގުޅިގެން ލޭ މަނާ ނުވެ ހާލު ސީރިއަސްވެ، މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް ފަރިޔާލު ނިޔާވީ އިއްޔެ އެވެ.

އެ މައްސަލަ އެޗްއާރްސީއެމް އިން ބަލަމުން އަންނަ އިރު، ހެލްތު މިނިސްޓްރީން ވެސް ވަނީ މިނިސްޓްރީގެ އިސްނެގުމުގެ މަތިން މައްސަލަ ބަލަމުން އަންނަ ކަމަށް ބުނެފަ އެވެ.

ހެލްތު މިނިސްޓްރީ އިން ބުނީ ފަރިޔާލުގެ ސިޒޭރިއަން ހެދި ޑޮކްޓަރު ސަސްޕެންޑްކޮށް މައްސަލަ ބެލުމަށް ޓަކައި މިހާރު އެ ޑޮކްޓަރު މާލެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ތަހުގީގަށް ފަހު އިތުރު ފިޔަވަޅުތައް ވެސް އަޅާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.

ފަރިޔާލުގެ ސިޒޭރިއަން ހެދީ މިސްރު ޑޮކްޓަރެއް ކަމަށްވާ ރާއޯ އެވެ.

އެ މައްސަލާގައި ހޮސްޕިޓަލުގެ ބަހެއް ލިބޭ ގޮތެއް ނުވެ އެވެ. ނަމަވެސް ސަން އަށް އެނގިފައިވާ ގޮތުގައި އޮޕަރޭޝަނަށް ފަހު ލޭ މަނާ ނުވުމުން ރަހިމް ނެގުމުން ލޭ މަނާ ވާނެ ކަމަށް ބުނެ ފަރިޔާލުގެ ރަހިމު ވެސް ވަނީ ނަގައިފަ އެވެ.

ފަރިޔާލު ނިޔާވުމާ ގުޅިގެން ހޮސްޕިޓަލު ބޭރުގައި އިއްޔެ ގިނަ ބަޔަކު މުޒާހަރާކޮށްފައިވާ އިރު، ފަރިޔާލުގެ އޮޕަރޭޝަންކުރި ޑޮކްޓަރު ރާއޯއާއި އެ ހޮސްޕިޓަލުގެ މެނޭޖަރު މުހައްމަދު ހަސަން ބަދަލުކޮށްދިނުމަށް ކުޅުދުއްފުށީ ކައުންސިލުން ވަނީ މިނިސްޓްރީގައި އެދިފަ އެވެ.

އެ ރަށު ކައުންސިލުން ހެލްތު މިނިސްޓަރަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައި ވަނީ، އެ މަރާއި ވޭތުވެ ދިޔަ ހަތަރު މަސްތެރޭގައި ވިހެއުމާއި ގުޅިގެން ހިނގާފައި ހުރި ގިނަ މައްސަލަތަކެއްގައި ރައްޔިތުންގެ އިހްސާސްތައް "ހައްދުން ނެއްޓި" ފައިވާ ކަމަށެވެ.