11 Jan 2016, 15:41
ދިރާގު ޕޯސްޓް ޕެއިޑު ކަސްޓަމަރުންނަށް ފަހުގެ ސުމާޓު ފޯނެއް ލިބޭ ޕްރޮމޯޝަނެއް އެ ކުންފުނިން ފަށައިފި އެވެ. އެ ޕްރޮމޯޝަނަކީ ކޮންމެ ދުވަހަކު ނަސީބުވެރިފަރާތެއް ހޮވާ ގޮތަށް ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ.
މިއަދު ދިރާގު ހެޑް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ލޯންޗުކުރި އެ ޕްރޮމޯޝަން ކުރިއަށް ދާނީ މިއަދުން ފެށިގެން އަންނަ މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް ދިރާގުން ބުންޏެވެ.
ދިރާގުން ބުނީ އެ ކުންފުނީގެ ކަސްޓަމަރުންގެ ގޮތުގައި މިހާރު ތިބި ފަރާތްތަކުގެ އިތުުރުން ޕްރޮމޯޝަން ކުރިއަށްދާ އިރު ދިރާގު ޕޯސްޓުޕެއިޑަށް އަލަށް ގުޅިވަޑައިގަންނަވާ ފަރާތްތަކަށް ވެސް ކޮންމެ ދުވަހަކު ނަގާ ގުރުއަތުގައި އެއްވެސް މަސައްކަތެއް ކުރުމަކާއި ނުލާ ބައިވެރިވެވޭނެ ކަމަށެވެ.
ކޮންމެ ދުވަހަކު ގުރުއަތުން ހޮވޭ ކޮންމެވެސް އެއް ފަރާތަކަށް، އެޕަލް އައި ފޯން ސިކްސް އެސް، އެޕަލް އައިފޯން ސިކްސް އެސް ޕްލަސް، ނުވަތަ ސެމްސަންގު ގެލެކްސީ އެސް ސިކްސް އެޖް އަދި ގެލެކްސީ އެސް ސިކްސް އެޖް ޕްލަސްގެ ތެރެއިން ކޮންމެވެސް އެއް ބްރޭންޑެއްގެ ފޯނެއް ލިބޭނެ ކަމަށް ދިރާގުން ބުންޏެވެ.
ދިރާގުން މިއަދު ވަނީ ނޫސްވެރިންގެ ކުރިމަތީގައި އެ ކުންފުނިން މިއަދު ފެށި އެ ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތް ވެސް ހޮވައިފަ އެވެ.
މިއަދުގެ ބައްދަލުވުމުގައި ދިރާގުގެ މެނޭޖާ މާކެޓިން ކޮމިއުނިކޭޝަންސް އެންޑް ޕަބްލިކް ރިލޭޝަންސް މުހައްމަދު މިރުޝާން ހަސަން ވިދާޅުވީ އެ ކުންފުނިން ރައްޔިތުންނަށް ދެމުން އަންނަ ހިދުމަތް އެއް ދުވަހުން އަނެއް ދުވަހަށް ރަނގަޅު ކުރެވޭނެ ގޮތަކާ މެދު ދިރާގުން އަބަދުވެސް ވިސްނަމުން އަންނަ ކަމަށެވެ.
"ކަސްޓަމަރުންނަށް ލުއިފަސޭހަ ކޮށްދެވޭނީ ކޮންގޮތަކުންތޯ. ހިދުމަތްތައް އެއް ދުވަހުން އަނެއް ދުވަހަށް ރަނގަޅުކޮށް ފުޅާކޮށް އެންމެ ފުރިހަމަކޮށް މިކަންތައްތައް ގެނެސްދެވޭނީ ކިހިނެއްތޯ. މިކަންތައްތަކަކީ އަބަދު ވެސް ކޮންމެ ދުވަހަކު ވެސް ދިރާގުން މަސައްކަތް ކުރަމުން އަންނަ ކައްތައްތައް،" މިރުޝާން ވިދާޅުވި އެވެ.