ލީބިޔާގެ ޒައީމް މުއައްމަރުލްގައްޒާފީ ވެރިކަމުގައި ހުންނަވައިގެން ލީބިޔާއަށް ސުލްޙަވެސް އަދި ލީބިޔާގައި ރައްޔިތުންގެ ވެރިކަމެއްވެސް ގާއިމް ނުކުރެވޭނެ ކަމަށް ހުޅަނގުގެ ބޮޑު ތިންބާރު ބުނެފި އެވެ.

އެމެރިކާގެ ރައީސް ބަރަކް އޮބާމާއާއި އިނގިރޭސި ބޮޑުވަޒީރު ޑޭވިޑް ކެމެރޮންއާއި ފަރަންސޭސި ރައީސް ނިކޮލައި ސަރކޯޒީ ނެރުއްވި ގުޅިފައިވާ މެސެޖެއްގައި މިތިންބޭފުޅުން ވިދާޅުވެފައިވަނީ ގައްޒާފީގެ ވެރިކަން ވައްޓާލުމަކީ ލީބިޔާގެ ރައްޔިތުންނަށް އޮތް އެންމެ ރަނގަޅު ގޮތްކަމަށާއި ވެރިކަން ދެހެއްޓުމުގެ ފުރުސަތު ގައްޒާފީއަށް ދިނުމަކީ ލީބިޔާގެ ރައްޔިތުންނަށް ހިޔާނާތްތެރިވުން ކަމަށް ދެކެވަޑައިގަންނަވާ ކަމުގައެވެ.

ހުޅަނގުގެ ތިން ލީޑަރުންގެ ގުޅިފައިވާ މެސެޖް ޝާއިއުކޮށްފައިވަނީ ވޮޝިންގޓަން ޕޯސްޓްގައާއި ލަންޑަންގައި ނުކުންނަ ޓައިމްޒް ގައާއި ޕެރިހުގައި ނުކުންނަ ލޮފިގަރޯ ނޫހުގައެވެ. މި މެސެޖްގައިވާ ގޮތުން ގައްޒާފީގެ ބާރުތަކުން ގެންދަނީ ލީބިޔާގެ މިސްރާތާއާއި އަޖްދާބިޔާގެ ރައްޔިތުންނާ ދެކޮޅަށް އިންސާނިއްޔަތާ ހިލާފު އަނިޔާވެރި ޖަރީމާތައް ހިންގަމުންނެވެ.

އެހެންކަމުން ވެރިކަމުގައި ހުންނެވުމުގެ ފުރްސަތު ގައްޒާފީއަށް ދިނުމަކީ ހަލާކުވެ ވީރާނާވެފައިވާ ޤައުމަކަށް ލީބިޔާ ހެދުމުގައި ބައިވެރިވުން ކަމަށާއި މިއީ ލީބިޔާގެ ރައްޔިތުންނަށް ޖަސްޓިފައި ކޮށްނުދެވޭ ވަރުގެ ހިޔާނާތަކަށް ވެގެންދާނެ ކަމަށްވެސް މި މެސެޖް ގައި ހުޅަނގުގެ އެންމެ ބޮޑު ތިންޤައުމުގެ ލީޑަރުން ހާމަކުރައްވާފައިވެ އެވެ.

ހުޅަނގުގެ ލީޑަރުން މިމޭރުމުން ވާހަކަ ދެއްކެވި ނަމަވެސް އަދި މި ހަގީގަތް އެނގުނު ނަމަވެސް ގައްޒާފީގެ ވެރިކަން ވައްޓާލަން ބޭނުންނުވާ ކަމަށް ހުޅަނގު ގައުމުތަކާއި ނޭޓޯއިން ބުނެއެވެ. އަދި ނޭޓޯ މަސައްކަތް ކުރަމުން ގެންދަނީ ގައްޒާފީގެ ވެރިކަން ވައްޓާލުމުގެ ގާބިލްކަން ލީބިޔާގެ އިދިކޮޅު ފަރާތްތަކަށް ދިނުމުގެ ސިޔާސަތެއްގެ ދަށުންނޫން ކަމަށްެވެސް އެޖަމާއަތުން ބުނެއެވެ.

ލީބިޔާގެ އިދިކޮޅު ފަރާތްތަކުން ބުނާގޮތުގައި ގައްޒާފީގެ ވެރިކަން ދެމެހެއްޓުމަށް ހުޅަނގުގެ ސަރުކާރުތަކަށް ބާރުއަޅަނީ އެމެރިކާއާއި ޔޫރަޕްގައި އާދަޔާ ހިލާފަށް ނުފޫޒުގަދަ ޔަހޫދީ ޒަޔަނިސްޓް ޖަމާއަތްތަކުންނެވެ.

ލީބިޔާގެ ރައްޔިތުންނާ ދެކޮޅަށް ގައްޒާފީ ކުރައްވާ ހަނގުރާމައިގާ އިސްރާއީލުގައި އުފައްދާ ހަތިޔާރު ބޭނުންކުރާކަން އިދިކޮޅު ފަރާތްތަކުންވަނީ ހާމަކޮށްފައެވެ. އަދި ގައްޒާފީގެ ލަޝްކަރުތަކުގައި ހަރަކާތްތެރިވާ ބޭރުގެ ކުލީ ސިފައިން ހޯދައިދެނީވެސް އިސްރާއީލުގެ ޔަހޫދީ ކުންފުނިތަކުން ކަމަށް ލީބިޔާގެ އިދިކޮޅު ފަރާތްތަކުންނާއި އިސްރާއީލުގެ ނޫސްތަކުން ވަނީ ހާމަކޮށްފައެވެ.

ގައްޒާފީގެ ނިޒާމް ހިމާޔަތް ކުރުމަށްޓަކައި ހުޅަނގުގެ ޒަޔަނިސްޓް ޔަހޫދީ ލޮބީގެ އެހީ ހޯއްދެވުމުގެ ކަންތައް ތައް ކުރައްވަނީ ގައްޒާފީގެ ދަރިކަލުން ސައިފުލްއިސްލާމް ކަމަށް ލީބިޔާގެ އިދިކޮޅު އިންތިގާލީ މަޖިލީހުން ބުނެއެވެ. (އަލްޖަޒީރާ)