11 Jan 2016, 15:33
ޕީޕީއެމްގެ މި އަހަރުގެ ހަރަކާތްތައް ފެށުމަށް މި މަހުގެ 21 ވަނަ ދުވަހުގެ ރޭ ބޮޑު ޖަލްސާއެއް ބޭއްވުމަށް ނިންމާފައިވާ ކަމަށް އެ ޕާޓީން ހާމަކޮށްފި އެވެ.
ޕީޕީއެމް އޮފީހުގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެ ޕާޓީގެ ނައިބު ލީޑަރު އަބުދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ޕީޕީއެމްގެ ހަރަކާތްތައް މަދުވެފައި ވަނީ ވަކި ސަބަބެއް އޮވެގެން ނޫން ކަމަށެވެ.
އެގޮތުން ޕީޕީއެމް އިން މަސައްކަތް ކުރަމުން އަންނަނީ ސަރުކާރު ހަރުދަނާކޮށް، ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ހިދުމަތްތައް ފޯރުކޮށްދިނުމަށް ވޭތުވެ ދިޔަ ތަނުގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވީ 2016 ވަނަ އަހަރަކީ ދިވެހިންނަށް އުފާވެރި، އަދި ތަރައްގީގެ ރޮނގުގައި ކާމިޔާބު އަހަރަކަށް ވެގެންދާނެ ކަމަށާއި ޕީޕީއެމް އިން ވެސް ޕާޓީގެ ހަރަކާތްތައް ވަރަށް ފޯރިއާ އެކު ކުރިއަށް ގެންދާނެ ކަމަށެވެ.
"އެންމެ ފުރަތަމަ ހަރަކާތެއްގެ ގޮތުގައި މި އޮތީ މި މަހުގެ 21 ވަނަ ދުވަހު ބާއްވާ ރެލީ. މިއީ ޕާޓީން ބާއްވާ ވަރަށް މުހިންމު ރެލީ އެއް،" އަދުރޭ ވިދާޅުވި އެވެ.
ކާނިވާ ސަރަހައްދުގައި ބާއްވާ މި ރެލީގައި ޕީޕިއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔާމާއި ޕީޕީއެމްގެ މުސްތަޝާރު އަދި ރައީސް އަބްދުﷲ ޔާމީން ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ޕީޕީއެމް އިން ބުނެ އެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕީޕީއެމް ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކް ވިދާޅުވީ، އެ ޖަލްސާގައި ރައީސް ޔާމީން އަދި ރައީސް މައުމޫން ވެސް ޕާޓީއަށް މުހިންމު ވާހަކަފުޅުތަކެއް ދައްކަވާނެ ކަމަށެވެ.
"އެކާވީސް ވަނަ ދުވަހު ބާއްވާ ބައްދަލުވުން ވެގެންދާނީ ދިވެހި ރާއްޖޭގެ ސިޔާސީ ނާރެހަށް ވަރަށް ގިނަ މުހިންމު އާ މައުލޫމާތުތަކާ އަދި މުހިންމު އުންމީދުތައް އާލާވެގެން ދާނެ ކަމެއް ކަމަށް." ނިހާން ވިދާޅުވި އެވެ.
ނިހާން ވަނީ ޕީޕީއެމްގެ ހަރަކާތްތައް މަޑުޖެހިފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަށް ރައްދު ދެއްވައިފަ އެވެ. ނިހާން ވިދާޅުވީ ޕީޕީއެމް އިން ގިނައިން ފޯކަސް ކުރަމުން އަންނަނީ ތަރައްގީގެ މަޝްރޫއުތަކަށް ކަމަށާއި ޕީޕީއެމް އިން ސަމާލުކަން ދެނީ ސިޔާސީ ވެއްޓަކަށް ވުރެ ބޮޑަށް ގައުމު ތަރައްގީކޮށް ބިނާކުރުމަށް ކަމަށެވެ.
ކެލާ ދާއިރާގެ މެމްބަރު، އަދި ޕީޕީއެމްގެ ތަރުޖަމާނު އަލީ އާރިފް ވިދާޅުވީ މި އަހަރު ވެގެންދާނީ ސަރުކާރަށް ތާއީދުކުރާ ފަރާތްތަކާއި އަދި ތާއީދުނުކުރާ ފަރާތްތަކުން ވެސް، ބޭއިހުތިޔާރުގައި މި ސަރުކާރަށް ތާއީދުކޮށް "އަތްތިލަބަޑި" ޖަހާނެ އަހަރަކަށް ކަމަށެވެ.
މި މަހުގެ ތެރޭގައި ޕާޓީގެ މެމްބަރުންގެ އަދަދު އިތުރު ކުރުމަށް، ޕީޕީއެމްގެ ޓީމުތައް އަތޮޅު ތެރެއަށް ދަތުރުތައް ފެށުމަށް ނިންމާފައިވާ ކަމަށް އަދުރޭ ވަނީ ވިދާޅުވެފަ އެވެ.