އިންޑިއާގެ ފޮރިން ސެކްރެޓަރީ ޖައިޝަންކަރު މިއަދު ރާއްޖެއަށް ވަޑައިގެންނެވީ އެގައުމުގެ ބޮޑުވަޒީރު ނަރެންދުރާ މޯދީގެ ހާއްސަ މަންދޫބެއްގެ ގޮތުގައި ކަމަށް ފޮރިން މިނިސްޓްރީ އިން ބުނެފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ ޖައިޝަންކަރުގެ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީނާއި ފޮރިން މިނިސްޓަރު ދުންޔާ މައުމޫނާއި ފޮރިން ސެކްރެޓަރީ ޑރ. ޢަލީ ނަސީރު މުޙައްމަދާ ބައްދަލުކުރައްވާނެ ކަމަށެވެ. ވިޔަފާރިއާއި އިގުތިސާދާއި ދިފާއީ ދާއިރާ އިން ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އޭނާގެ ދަތުރުފުޅުގައި ހާއްސަ ސަމާލުކަމެއް ދެއްވާނެ ކަމަށް ވެސް ބުންޏެވެ. އަދި ރާއްޖެ އާއި އިންޑިއާ ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ކޮމިޝަނުން ބޭއްވި ފަސް ވަނަ ބައްދަލުވުމުގައި އެއްބާރުލުން ދިނުމަށް އެއްބަސްވެފައިވާ ކަންތައްތައް ތަންފީޒުކުރުމާ ބެހޭ ގޮތުން ވެސް އޭނާގެ ދަތުރުފުޅުގައި މަޝްވަރާކުރައްވާނެ އެވެ.

އިންޑިއާގެ ފޮރިން ސެކްރެޓަރީ ޖައިޝަންކަރުގެ އަރިހުގައި ރާއްޖެ އަށް ވަޑައިގެންނެވީ އެގައުމުގެ އެކްސްޓާނަލް މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީ ރޭނޫ ޕޯލްއާއި އަންޑަ ސެކްރެޓަރީ ޝާޝްވަތީ އާރްޔާ އެވެ.