11 Jan 2016, 13:25
އިންޑިއާގެ ފޮރިން ސެކްރެޓަރީ ޖައިޝަންކަރު މިއަދު ރާއްޖެއަށް ވަޑައިގެންފި އެވެ.
އިންޑިއާ ހައިކޮމިޝަނުން ބުނީ ފޮރިން ސެކްރެޓަރީ ޖައިޝަންކަރު ރާއްޖެ އަށް ވަޑައިގެންނެވީ ރަސްމީ ދަތުރުފުޅެއްގައި ކަމަށެވެ.
އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން ޖައިޝަންކަރަށް މަރުހަބާ ވިދާޅުވީ ރާއްޖޭގެ ފޮރިން ސެކްރެޓަރީ ޑރ. ޢަލީ ނަސީރު މުޙައްމަދާއި ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު އަކިލޭޝް މިޝްރާ އެވެ.
ޖައިޝަންކަރު ރާއްޖެ އަށް ވަޑައިގަންނަވަނީ ސީރިއަސް ޑިޕްލޮމެޓިކް މައްސަލަތަކަކާ ބެހޭ ގޮތުން ދިވެހި ސަރުކާރާ މަޝްވަރާ ކުރައްވަން ކަމަށް ވަނީ އަޑު ފެތުރިފަ އެވެ. ނަމަވެސް އެ ދަތުރުފުޅާ ބެހޭ ތަފުސީލެއް ދެސަރުކާރުން ވެސް ހާމަކޮށްފައެއް ނުވެ އެވެ.
އިންޑިއާގެ ދަ ހިންދޫ ނޫހުން ބުނީ ޖައިޝަންކަރު ރާއްޖެއަށް ވަޑައިގެންނެވުމަށް ފަހު ދެން ވަޑައިގަންނަވާނީ އަވަށްޓެރި ސްރީލަންކާ އަށް ކަމަށެވެ.
އިންޑިއާގެ ފޮރިން ސެކްރެޓަރީ މި މަހުގެ 15 ވަނަ ދުވަހު ޕާކިސްތާނަށް ވެސް ވަޑައިގަންނަވަން ވަނީ ހަމަޖެހިފަ އެވެ. ނަމަވެސް އިންޑިއާއާއި ޕާކިސްތާނާ ގުޅޭ ސަރަހައްދީ ރޮނގުގެ ކައިރީގައިވާ އިންޑިއާގެ ވައިގެ ސިފައިންގެ މަރުކަޒަކަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ޕާކިސްތާނަށް ދަތުރުފުޅު ކުރައްވައިފާނެ ކަމާ މެދު މިހާރު ސުވާލު އުފެދިފައިވާ ކަމަށް ދަ ހިންދޫ ނޫހުން ބުންޏެވެ.
އިންޑިއާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން އަންނަނީ ބަދަހި ވަމުން ކަމަށް ދެގައުމުގެ ސަރުކާރުން ވެސް އަންނަނީ ތަކުރާރުކޮށް ބުނަމުންނެވެ.