ސްޕެނިޝް ލަލީގާގައި ރޭ އެތުލެޓިކޯ މެޑްރިޑް ކުޅުނު މެޗު ކާމިޔާބުކޮށް ތާވަލުގެ އެއްވަނަ އަށް އެރި ނަމަވެސް އެއީ މާ ހާއްސަ ކަމެއް ނޫން ކަމަށް އެ ޓީމްކެ ކޯޗް ޑިއެގޯ ސިމިއޯނީ ބުނެފި އެވެ.

ސެލްޓަ ވީގޯގެ އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗު 0-2 ނަތީޖާއަކުން ކާމިޔާބުކޮށް ވަގުތީ ގޮތުން ތާވަލުގެ އެއްވަނަ އަށް އެރި ނަމަވެސް ސިމިއޯނީ ބުނީ ލީގްގެ މި ހިސާބުގައި އެއް ވަނަ އަށް އެރި ނަމަވެސް އެއީ ހާއްސަ ކަމައް ނޫން ކަމަށާއި މަސައްކަތް ކުރަމުންދަނީ ލީގް ކާމިޔާބުކުރަން ކަމަށެވެ.

ސްޕެނިޝް ލަލީގާގައި ރޭ އެތުލެޓިކޯ މެޑްރިޑް އާއި ސެލްޓަ ވީގޯ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ

"މި މެޗުން މޮޅުވި ނަމަވެސް ބަލިވި ނަމަވެސް ފެނިގެންމިދަނީ ޓީމެއްގެ ގޮތުގައި ކުޅެމުންދާ ތަން. އަހަރެމެންގެ މުހިންމު ގިނަ ކުޅުންތެރިންތަކެއް ޓީމް ދޫކޮށްފައި ދިޔަ ނަމަވެސް އަދިވެސް މި ޓީމްގެ ފަރާތުން ފެންނަ ކުޅުމާ ދޭތެރޭ ވަރަށް ހިތް ހަމަޖެހޭ،" ސިމިއޯނީ ބުންޏެވެ.

ދެވަނަ ހާފްގައި ދެ ގޯލް ވެސް ފެނިގެން ދިޔަ އެ މެޗުގައި ފުރަަތަމަ ލަނޑު މެޗުގެ 49 ވަނަ މިނިޓްގައި އެންޓޮއިން ގްރީޒްމަން ކާމިޔާބުކުރި އިރު ދެވަނަ ގޯލް 80 ވަނަ މިނެޓްގައި ކާމިޔާބުކުރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޔަނިކް ކަރާސްކޯ އެވެ.

ސްޕެނިޝް ލަލީގާގައި ރޭ އެތުލެޓިކޯ މެޑްރިޑް އާއި ސެލްޓަ ވީގޯ ކުޅުނު މެޗުގައި އެތުލެޓިކޯގެ ދެ ވަނަ ގޯލް ޔަނިކް ކަރާސްކޯ ކާމިޔާބް ކުރުމަށް ފަހު އުފާ ފާޅުކުރަނީ --- ފޮޓޯ: އޭޕީ

އެ މެޗުން މޮޅުވުމާ އެކު 44 ޕޮއިންޓާ އެކު އެތުލެޓިކޯ އަށް އެއްވަނަ ލިބެނީ ދެ ވަނައިގައި އޮތް ބާސެލޯނާ އަށް ވުރެން އެއް މެޗު އިތުރަށް ކުޅެގެންނެވެ. ބާސެލޯނާ ދެވަނައިގައި އޮތީ 18 މެޗުން 42 ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި އޮތް ރެއާލް މެޑްރިޑަށް 19 މެޗުން ވަނީ 40 ޕޮއިންޓް ލިބިފަ އެވެ.