15 Apr 2011, 15:13
ހެއްކާބެހޭ ބިލާއި، ޖިނާއީ އިޖުރާތުގެ ބިލާއި، ގާނޫނުލް އުގޫބާތުފަދަ ބިލްތަކަކީ، ފަންނީ ބިލްތަކަކަށްވުމުން އަވަހަށް ނިންމާލުމުގެ ބަދަލުގައި، ހެއްކާއި ބެހޭ ބިލާ، ޖިނާއީ އިޖުރާތުގެ ބިލުން ބޭނުންވާ ހާއްސަ ކަންތައްތައް ހިމަނައިގެން، މިހާރުން މިހާރަށް ފުލުހުންގެ މަސައްކަތަށް ފަސޭހަވާނެ ގޮތަކަށް ޑްރާފްޓް ކުރެވިފައިވާ ލެޖިސްލޭޝަނެއް ފޮނުވައިދިނުމުން ސިޔާސީ ޕާޓީތަކާ މަޝްވަރާ ކުރުމަށްފަހު އެކަން ކުރެވޭނެ ގޮތެއް ހަމަޖައްސަވައި ދެއްވާނެކަމަށް މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހަމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
ނާޒިމް އެހެން ވިދާޅުވީ، ތޫނު ހަތިޔާރު ބޭނުންކޮށްގެން މާލެއާއި އަތޮޅުތަކުގައި ހިންގާ މާރާމާރީއާއި، މީހުން މެރުމާއި ތަފާތު ގޭންގުތައް ހަދައިގެން މުޖުތަމައުގެ ތެރޭގައި ހިންގަމުންގެންދާ ކުށްތައް ހުއްޓުވުމަށް ގައުމީ ފެންވަރުގައި ހަރަކާތްތަކެއް ހިންގުމަށް ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު އުފެއްދެވި ކްރައިމް ޕްރިވެންޝަން ކޮމިޓީގެ ފަރާތުން ރައްޔިތުން މަޖިލީހުގެ މެންބަރުންނާއެކު އިއްޔެ ބޭއްވި ބައްދަލުކުރެއްވުމުގައި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
އެ ބައްދަލުކުރެއްވުމުގައި ހެއްކާއި ބެހޭ ބިލާ، ޖިނާއީ އިޖުރާތުގެ ބިލުން ބޭނުންވާ ހާއްސަ ކަންތައްތައް ހިމަނައިގެން، މިހާރުން މިހާރަށް ފުލުހުންގެ މަސައްކަތަށް ފަސޭހަވާނެ ގޮތަކަށް ޑްރާފްޓް ކުރެވިފައިވާ ލެޖިސްލޭޝަނެއް ފޮނުވައިދިނުމަށާއި ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތަކަކާއި، ފުލުހުންނަށް އެކަންތައްކޮށް ނިންމޭނެ ވަގުތުގެ ތާވަލެއް ތައްޔާރުކޮށް ފޮނުވައިދިނުމަށް ނާޒިމް އެދިވަޑައިގެންނެވި ކަމަށް ރައީސް އޮފީހުން ބުނެ އެވެ. އަދި ސިޔާސީ ޕާޓީތަކާ މަޝްވަރާކޮށްގެން އެކަން ހަމަޖައްސައިދޭނެ ކަމަށް ވެސް ވިދާޅުވި ކަމަށް ވެސް އެ އޮފީހުން ބުނެ އެވެ.
ނޭޝަނަލް ކްރައިމް ޕްރިވެންޝަން ކޮމިޓީގެ ޗެއާޕާސަން އަމީން ފައިސަލް ދެއްކެވި ވާހަކަފުޅުގައި، އެ ބައްދަލުވުން އިންތިޒާމުކޮށްދެއްވި ކަމަށްޓަކައި ރިޔާސަތަށާއި ހާޒިރުވެ ވަޑައިގެންނެވި ހުރިހާ މެންބަރުންނަށް ޝުކުރު އަދާކުރެއްވި އެވެ. އަދި ކުށްތައް މަދުކުރެއްވުމަށް، ރައްޔިތުންގެ މަޖިލީހުން ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްޕުޅުތައް ފާހަގަކުރައްވައި، ސަރުކާރުގެ ފަރާތުން ޝުކުރު އަދާކުރެއްވި ކަމަށާއި ސަރުކާރުގެ މުހިންމު ހުރިހާ އިދާރާތަކަކާ ކްރައިމް ޕްރިވެންޝަން ކޮމިޓީން ބައްދަލުކުރައްވައި ކަމާބެހޭ މަޝްވަރާތައް މިހާރު ކުރައްވަމުން ގެންދަވާ ކަމުގައި ވެސް އަމީން ފައިސަލް ވިދާޅުވި ކަމުގައި ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފހުން އިތުރަށް ބުނީ، މަޖިލީހުގެ މެންބަރުން ދެއްކެވި ވާހަކަފުޅުގައި، ރައީސް އެފަދަ ކޮމެޓީއެއް އުފެއްދެވިކަމަށްޓަކައި އެމަނިކުފާނަށް ޝުކުރުއަދާކުރެއްވި ކަމަށެވެ. އަދި ރާއްޖެއަކީ، އަމާންތަނަކަށް ހެއްދެވުމަށް ކުރައްވަންޖެހޭ ހުރިހާ ކަމެއް ކުރެއްވުމަށް ތައްޔާރަށް ތިއްބެވި ކަމުގައި މެންބަރުން ވިދާޅުވި ކަމަށެވެ.