11 Jan 2016, 13:23
ރާއްޖޭގައި ތިބި ގާރީންގެ ދަފްތަރެއް އެކުލަވައިލުމުގެ މަސައްކަތް ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން ފަށައިފި އެވެ.
ޤުރުއާނާ ބެހޭ މަރުކަޒުން ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ އެ މަރުކަޒުން އެކުލަވައިލާ ގާރީންގެ ދަފްތަރަށް ޝަރުތު ހަމަވާނީ ލެވެލް 4 (އެޑްވާންސްޑް) ފެންވަރުގެ ނުވަތަ އެއަށް ވުރެ މަތީ ފެންވަރެއްގެ ގާރީ ސެޓްފިކެޓެއް ނުވަތަ ޤުރްއާން މުދައްރިސް ކަމުގެ ސެޓްފިކެޓެއް ހާސިލުކޮށްފައިވާ ފަރާތްތަކަށް ކަމަށެވެ.
ޤުރުއާނާ ބެހޭ މަރުކަޒުން ބުނީ އަބުރާއި ޝަރަފު ގެއްލޭ ފަދަ ކުށެއް އެމީހެއްގެ މައްޗަށް ސާބިތުވެ އަދަބު ކަނޑައެޅިފައިވާ މީހަކީ ދަފްތަރަށް ޝަރުތު ހަމަވާ ފަރާތެއް ނޫން ކަމަށެވެ.
ޤުރުއާނާ ބެެހޭ މަރުކަޒުން ބުނީ ދަފްތަރުގައި ރަޖިސްޓްރީ ކުރުމަށް ބޭނުންވާ ފޯމު އިއްޔެ އިން ފެށިގެން އެ މަރުކަޒުން ލިބެން ހުންނާނެ ކަމަށެވެ.
ދަފުތަރުގައި ރަޖިސްޓަރީވުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން އަންނަ އޭޕްރީލް މަހުގެ 9 ވަނަ ދުވަހުގެ މެންދުރު 1:30ގެ ކުރިން ފޯމު ފުރުއްވުމަށްފަހު ލިބިވަޑައިގެންފައިވާ ތަޢުލީމީ ސެޓްފިކެޓުތަކުގެ (އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައިވާ) ކޮޕީ އެ މަރުކަޒަށް ހުށަހަޅަންވާނެ ކަމަށްވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ.