11 Jan 2016, 16:29
އޮކްސިޖަނޭޓު ކޮށްފައި ހުންނަ ލޭ ނުވަތަ ސާފުކޮށްފައި ހުންނަ އޮކްސިޖެން އެކުލެވޭ ލޭ، ހިތުން ހަށިގަނޑުގެ ބައިތަކަށް ފޯރުކޮށްދޭ ހޮޅިއަކީ އާޓްރީ އެވެ. އާޓްރީ ބެދިއްޖެ ނަމަ ނުވަތަ ހިމަވެއްޖެ ބޮޑެތި ނުރައްކަލާ ކުރިމަތިލާން ޖެހޭނެ އެވެ.
އާއްމުގޮތެއްގައި ދިރިއުޅުން ބައްޓަން ވެފައި އޮންނަ ގޮތަކުން ވެސް އާޓްރީ ހިމަވެ ބެދޭ ގޮތް ވެއެވެ. އެގޮތުން ދުންފަތުގެ އިސްތިއުމާލު ކުރުމާއި ސަރުބީ ގިނަ ކާނާ ކެއުމަކީ އާޓްރީ ހިމަވުމަށް ނުވަތަ ބެދުމަށް މެދުވެރިވާ ސަބަބު ތަކެވެ.

ބެދިފައިވާ އާޓްރީއެއް ---
ދުންފަތުގައި އެކުލެވޭ ނިކޮޓީން ފަދަ މާއްދާތަކާއި ކާނާގައި އެކުލެވޭ ސަރުބީ އާޓްރީގައި ހަރުލުމުގެ ސަބަބުން ލޭ ދައުރުވުމަށް ދަތިވެ، ލޭގެ ޕްރެޝަރު މަތިވުން ފަދަ މައްސަލަތައް ދިމާވެ އެވެ. ހަމައެހެންމެ މޭގައި ރިއްސުމާއި ނޭވާ ކުރުވުން އަދި ހާޓު އެޓޭކު ޖެހުން ފަދަ ހިތުގެ މައްސަލަތަކަކީ ވެސް އެކަމުގެ ސަބަބުން ކުރިމަތިވެދާނެ ކަންތައްތަކެވެ.
ކޮންމެއަކަސް އެފަދަ އާދަތައް އަށަގެންފައިވާ މުޖުތަމައުއެއްގައި ތިބާ ދިރިއުޅޭ އިރު، އާޓްރީ ހިމަވުން ނުވަތަ ބެދުން ފަދަ މައްސަލަތަކާއި ދިމާވުން އެކަށީގެންވެ އެވެ. އެހެންނަމަވެސް އެފަދަ ކަމެއްވޭތޯ ބަލަން އިރުއިރުކޮޅާ ބޮޑީ ޗެކަޕް ހެދުމަކީ ވެސް އެއްވެސް މީހަކަށް ކުޅަދާނަ ކަމަކަށް ނުވެދާނެ އެވެ.
އެހެންކަމުން އާޓްރީ ބެދުނަ ނުދީ ނުވަތަ އާޓްރީގެ ލޯވަޅު ހިމަ ވިޔަ ނުދިނުމަށް ގޭގައި ކުރެވިދާނެ ކަމެއް ނުވަތަ އެކަމަށް ދެވިދާނެ ފަރުވާއެއް ބޭނުން ހެއްޔެވެ؟
ވަރަށްވެސް ފަސޭހަ އެވެ. ތިކަމުގެ ހައްލަކީ އަންނާރެވެ. ނުވަތަ އޭގެ ދިޔަ އެވެ. އަންނާރަކީ ބާޒާރުން ފަސޭހަކަމާ އެކު ލިބެން ހުންނަ މޭވާ އެކެވެ. ރީތި ކުލައެއް ހުންނަ މީރު މޭވާ އެކެވެ.
އަތެރޮސްކްލެރޮސިސް އިން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ބައިޕާސް ހެދުމަށާއި ހާޓް އެޓޭކް ޖެހުމަށް މެދުވެރިވާ ސަބަބުތަކުން، ހަށިގަނޑުގެ ލޭ ދައުރުވާ ނިޒާމު ރައްކާތެރި ކުރުމަށް އަންނާރުގެ ދިޔަ އެހީތެރި ވެދެ އެވެ. އަދި އާޓްރީ ހިމަ ވުމުން ނުވަތަ ބަންދުވިޔަ ނުދިނުމަށް ވެސް އަންނާރުގެ ދިޔަ އެހީތެރިވެދެ އެވެ.
އަންނާރަކީ ގިނަ އަދަދަކަށް އެންޓިއޮކްސިޑެންޓް މާއްދާތައް އެކުލެވޭ މޭވާ އެކެވެ. އަންނާރުގައި އެކުލެވޭ އެފަދަ އެއް މާއްދާއަކީ ވިޓަމިން ސީ އެވެ. ވިޓަމިންސީ ހަށިގަނޑުގައި މަދުވެއްޖެ ނަމަ ހިތުގެ ބަލިތަކަށް މަގުފަހިވެ އެވެ.
ހަމައެހެންމެ އަންނާރަކީ ލޭގެ ޕްރެޝަރު ވެސް މަތި ވިޔަނުދީ އެއް ވަރެއްގައި ހިފަަހައްޓައި ދިނުމަށް ވެސް އެހީތެރިވެދޭ މޭވާ އެކެވެ.
އެހެންކަމުން ކޮންމް ދުވަހަކު ވެސް އަންނާރު ދިޔަ ނުވަތަ އަންނާރު ޖޫސް ބުއިމަށް އާދަ ކުރާށެވެ. އޭރުން ހިތުން ހަށިގަނޑަށް ލޭ ފޯރުކޮށްދޭ ހޮޅީގައި ޖަހާ ސަރުބީއާއި ނިކޮޓިން އިން ލޭ ހޮޅި ބެދުނަ ނުދީ ސަލާމްތް ކުރެވޭނެ އެވެ.