މިދިޔަ ބުދަ ދުވަހުގެ ރޭ ހ. ލާލުގެ ގޯޅިގަނޑު ތެރޭގައި މަރުވެފައި އޮއްވައި ފެނުނު ހައްވާ ޒުހާގެ، ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ރާއްޖެ އިން ބޭރަށް ފޮނުވުމާ ގުޅޭ ގޮތުން އަދި ވެސް މަޝްވަރާ ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު "ސަން" އަށް ވިދާޅުވީ ޒުހާގެ ހަށިގަނޑު ރާއްޖެ އިން ބޭރަށް ފޮނުވުމަށް ކުރަން ޖެހޭ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ވިދާޅުވީ ނިންމަން ޖެހޭ ކަންކަން ނިމުނުހާ އަވަހަކަށް ޒުހާގެ ހަށިގަނޑު ބޭރަށް ފޮނުވާނެ ކަމަށެވެ.

"ޒުހާގެ ހަށިގަނޑު ބޭރަށް ފޮނުވުމާ ގުޅޭ ގޮތުން ކަމާ ބެހޭ ފަރާތްތަކާ އެކީ މިދަނީ މަޝްވަރާ ކުރަމުން. އެކަންކަން ހަމަޖެހުނުހާ އަވަހަށް ރާއްޖެ އިން ބޭރަށް ފޮނުވާނަން،" އޮފިޝަލު ވިދާޅުވި އެވެ.

ޒުހާގެ މަރުގެ މައްސަލައާ ގުޅިގެން ފުލުހުން ބުނީ ގަލޮޅު ދޫހިމެރިމަގު ގޯޅިއެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު ލ. ގަން، ތުނޑި، ބާބުލް އަވާލީ، ހައްވާ ޒުހާ،23، ގަސްދުގައި މާރާލާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.

ޒުހާގެ މަރުގެ މައްސަލައާ ގުޅިގެން ފުލުހުން މިހާރު ވަނީ ދެ މީހަކު ވެސް ހައްޔަރުކޮށްފަ އެވެ. އެ މީހުން ފުލުހުން ހައްޔަރުކީ ޒުހާ އާއްމު ގޮތެއްގައި ގޮސް އުޅޭ ގެއެއް ކަމަށްވާ ހ. ޑްރޫމް އިން ނެވެ.