11 Jan 2016, 12:07
(7 ޖެނުއަރީގެ އަދަދާ ގުޅޭ)
އިސްލާމީ މުޖްތަމަޢުގައި އުފެދުނު ޠޫފާނީ ރާޅުތައް،سورة النّورގެ ސަބަބުން މަޑުވެ، މުޖްތަމަޢު ތެމާވެ ހަމަހިމޭންވުމާއެކު، ހަމަ އެ ސޫރަތުގައިވަނީ ޤަޛުފުގެ ޙައްދުވެސް ބާވައިލައްވައިފައެވެ. ޢިއްފަތްތެރި އަންހެނުންނަށް ޤަޛުފުކުރާ މީހުން ހަތަރު ހެކިން ނުގެނެސްފިނަމަ، އެއުރެންގެ ގައިގައި އަށްޑިހަ އެތިފަހަރު ޖެހުމަށް އަމުރުކުރައްވައިފައެވެ.
އިންސާނީ ކަރާމާތާއި ޢިއްޒަތާއި އަބުރު ރައްކާތެރިކުރެއްވުމަށްޓަކައި ބާވައިލެއްވި މި ޤާނޫނުގެ ދަށުން ވަނީ އެބަޔެއްގެ އީމާންތެރިކަމާމެދު ކުޑަވެސް ޝައްކެއް ނުއުފެދޭ ތިންފަރާތަކާމެދު ފިޔަވަޅު އެޅިފައެވެ.مسطح بن أثاثةއާއި،حسّان بن ثابت(رضى اللّـه عنــهم) އާއިحمنة بنت جحش رضى اللّـه عنــهاގެ ގައިކޮޅުގައިވަނީ ޙައްދުޖެހިފައެވެ. މި ފިތުނަވެރި ވާހަކަ އުފައްދައި، ފެތުރި މީހާ ކަމުގައިވާعبد اللّـه بن أبّى بن سلولގެ ގައިގައި ޙައްދު ޖެހެވުނުކަމާމެދު މުއައްރިޚުންގެ މެދުގައި ވަނީ ޚިލާފު އުފެދިފައެވެ. ބަޔެއް ބޭކަލުން ވިދާޅުވާގޮތުގައި، އޭނާގެ މައްޗަށްހުރި އުޚުރަވީ ޢަޛާބު އިތުރުކުރެއްވުމަށްޓަކައި އޭނާގެ ގަޔަކު ޙައްދެއް ނުޖެހެވެއެވެ. ނަމަވެސްحافظ إبن حجر،الإمام حاكمގެ އަރިހުން ރިވާކުރެއްވި ރިވާޔަތެއްގައިވާ ގޮތުން، އޭނާގެ ގައިގައިވެސް ޙައްދު ޖެހެވުނެވެ. ކޮންމެއަކަސް މި ޙާދިޘާއަށްފަހު އޭނާ މިފަދަ ވާހަކައެއް ފަތުރައި، ފިތުނައެއް އުފައްދަން އުޅެފިނަމަ، ޚުދު އޭނާގެ ޤަބީލާއިން އެކަމަކާމެދު ފިޔަވަޅު އަޅައެވެ. އޭނާ ހުއްޓުވައެވެ. އޭނާ ހުންނަނީ ވަރަށްބޮޑަށް "ހިމަކޮށް" ބާކީ ކޮށްފައެވެ.
އީލާއުއާއި ތަޚްޔީރުގެ މައްސަލަ
أمّ المؤمنين السّيّدة عائشة رضى اللّـه عنــهاގެ ޒަވާޖީ ޙަޔާތްޕުޅުގައި ދެން އެންމެ ބޮޑަށް ފާހަގަކޮށްލެވޭ މައްސަލައަކީ، އީލާއުއާއި ތަޚްޔީރުގެ ނަމުން ފާހަގަކުރެވޭ މައްސަލައެވެ.
މި ޙާދިޘާއަކީވެސް މަދީނާގައި ތިބި އިސްލާމްދީނުގެ ދުޝްމިނުން ކަމުގައިވާ މުނާފިޤުން އުފެއްދި މައްސަލައެކެވެ. މަޤްޞަދަކީ، ކައުސާހިބާصلّى اللّـه عليه وسلّمޢާއިލީ އަރައިރުމެއްގައި ހައްޔަރުކޮށް، ދަޢުވަތުގެ މަސައްކަތްޕުޅަށް ހުރަސްއެޅުމެވެ. އިތުރު ސާހިބާގެ ޚާއްޞަ އެކުވެރި ވާގިވެރީންނާއި އިތުރު ސާހިބާއާމެދު ދެކޮޅުވެރިކަމާއި އަރާރުން އުފެއްދުމެވެ. މުނާފިޤުންގެ މި ތަދުބީރު ކާމިޔާބުވީނަމަ، އެކަންވީހީ އިސްލާމީ ދަޢުވަތަށާއި އިސްލާމީ ދައުލަތަށް ކުރިމަތިވި ވަރަށް ނުސިޔާނު މައްސަލައެއް ކަމުގައެވެ.
މަދީނާގެ ޢާއްމު އަންހެނުންވެސް ކައުސާހިބާގެ ގެކޮޅުތަކަށް އެއްވެސް މަނާކުރެވުމެއްނެތި އައިސްގޮސް އުޅުނެވެ. އިތުރު ސާހިބާގެ މުހިންމަތުގެ ދެބައިކުޅަ އެއްބައިކަމުގައިވާ އަންހެނުންނަށް ދީން ދަސްކޮށްދެއްވައި، އިސްލާމީ ތަރުބިޔަތާއި އަޚްލާޤިއްޔާތު ޢާއްމުކުރެއްވުމުގެ މަސައްކަތްޕުޅު ހިންގަވަމުން ގެންދެވީ ޚާއްޞަ ގޮތެއްގައިأمّهات المؤمنينން މެދުވެރިކުރައްވައެވެ. މިގޮތުން އިތުރު ސާހިބާގެ އަނބިއަނބިކަނބަލުންގެ އަރިހަށް އައިސްގޮސްއުޅޭ އަންހެނުންނަށް އެގެކޮޅުތަކުގައި ޢާއްމުވެފައި އޮންނަ ފަޤީރުކަމާއި ހައިހޫނުކަންވެސް ފޮރުވިފައެއް ނޯވެއެވެ. އެހެންކަމުން، އެ އަންހެނުން އެއުރެންގެ އަންހެންވަންތަ ނަފްސިއްޔާތާ އެއްގޮތަށް އެވާހަކަތައް ރަށުތެރޭގައި ޢާއްމުކުރެއެވެ. އެގޮތުން މުނާފިޤުންނަށް އެ ޚަބަރުތައް ލިބެމުން ދިޔައެވެ.
ކައުސާހިބާصلّى اللّـه عليه وسلّمގެ އަނބިއަނބިކަނބަލުންނަކީ ބޮޑެތިބޮޑެތި ތަނަވަސް ޢާއިލާތަކުގެ ލޯފުޅުތަކުގެ ނޫރުކަމުގައި ހިމެނިވަޑައިގަންނަވާ ބޭބޭކަނބަލުންނެވެ. އެބޭކަނބަލުން ނިޢުމަތާއި އަރާމާއި، ފަސޭހައާއި ތަނަވަސްކަން ދެކެވަޑައިގެންފައިވަނީ އެހެނިހެން މުސްލިމު އަންހެނުންނަށްވުރެ ވަކީން ކުޑަކޮށެއް ނޫނެވެ. ނަމަވެސް ކައުސާހިބާصلّى اللّـه عليه وسلّمގެ ގަނޑުވަރަށް ވަޑައިގަތުމަށްފަހު އެބޭކަނބަލުންވަނީ ކައުސާހިބާصلّى اللّـه عليه وسلّمޚިޔާރު ކުރައްވައިފައިވާ މަޢީޝީ މިންގަނޑު ހިތްޕުޅުގެ އަޑީން ޤަބޫލު ކުރައްވައިފައެވެ. އިތުރު ސާހިބާ ޚިޔާރު ކުރައްވައިފައިވާ ދިރިއުޅުއްވުމުގެ ފެންވަރުގައި މަޖަލާއި، ފަސޭހައާއި، ތަނަވަސްކަމާއި ތިޔާގިކަމަކަށް ކުޑަވެސް ޖާގައެއް ނެތްކަން އެބޭކަނބަލުން ދެނެވަޑައިގަންނަވައެވެ. އެބޭކަނބަލުންވެސް ތިއްބެވީ އެކަމާ ހިތްޕުޅުގެ އަޑީން ރުހިވަޑައިގެންނެވެ. ޤަބޫލު ކުރައްވައިގެންނެވެ. ކަން މިހެން ހުރުމާއެކުވެސް، އިންސާނުންނަކީ ހަމަ އިންސާނުންނެވެ. އެހެންކަމުން، އެބޭކަނބަލުންގެ އީމާންކަމުގެ މަތިވެރިކަމާއި، ޚުލުޤުފުޅުގެ މާތްކަމާއި، މިސްކީނުކަމާއި ފަޤީރުކަން ހިތްޕުޅުގެ އަޑީން ޤަބޫލުކުރެއްވުމާއި، އެއްބައިވަންތަކަމާއެކުވެސް ބަޔެއްފަހަރަށް އެބޭކަނބަލުންގެ ހިތްޕުޅުތަކުގައިވެސް ހަހުރައިގެ ލުއިލުއި އަސަރުތައްވެސް އުފެދުނެވެ. ޢާއްމުކޮށް މުސްލިމުންނަށް ލިބެމުންދާ ތިޔާގިކަމާއި ތަނަވަސްކަމަށްވެސް ހިތްޕުޅުތަކުގައި ޝައުޤުވެރިކަން އުފެދުނު ފަހަރުފަހަރުވެސް ދިޔައެވެ.
މުނާފިޤުންނަށް އެކަން އެނގުމުން، އެބައިމީހުން މަދީނާގެ ބަޔެއް އަންހެނުން ހަތިޔާރަކަށް ހަދައިގެން އިތުރު ސާހިބާގެ ޢާއިލީ ޙަޔާތްޕުޅުގައި ހުޅުޖަހަން މަސައްކަތް ކުރިއެވެ. އެ މަސައްކަތް ހިންގި އެއް އެޖެންޓަކީأمّ جلدحއެވެ ކިޔުނު އަންހެނެކެވެ. އެފަދަ އެޖެންޓުންގެ މަސައްކަތްތައް ގިނަފަހަރަށް ކަމުފޮޅާގޮތެއް ނުވެއެވެ. މާތްاللّـهގެ މަދަދާއި، ކައުސާހިބާصلّى اللّـه عليه وسلّمގެ ޝަޚްޞިއްޔަތުގެ މަތިވެރިކަމާއި، ޞަޙާބީންގެ އެއްބާރުލެއްވުމާއި ދަރަޖަ މަތިވެރިأمّهاتންގެ މާތް މިޒާޖުފުޅުގެ ސަބަބުންނެވެ. އެ ފިތުނަތައް އޮމާންކަމާއެކު އައީ ޙައްލުވަމުންނެވެ. މިބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ނުރައްކާތެރި އެއް މައްސަލައަކީ، ކައުސާހިބާصلّى اللّـه عليه وسلّمގެ ހުރިހާ އަނބިއަނބިކަނބަލުން ބައިވެރިވެވަޑައިގެން ނަފަޤާތް އިތުރުކޮށްދެއްވުން އެދިވަޑައިގެން ކުރެއްވި މުޒާހަރާއެވެ.
މުނާފިޤުންގެ އެޖެންޓުން މަދީނާއަށް އައިސްފައިވާ ތަނަވަސްކަމުގެ ވާހަކައާއިأمّهاتންގެ ދަތިހާލުކޮޅުގެ ވާހަކަ އެބޭކަނބަލުންގެ އަރިހުގައި ތަކުރާރުކޮށް ދަންނަވައި، އެބޭކަނބަލުންގެ ހިތްޕުޅުގައި ނަފަޤާތް އިތުރުކުރެއްވުމުގެ އެދުންފުޅު އުފެއްދިއެވެ. ނަތީޖާއެއްގެގޮތުން އެބޭކަނބަލުން އެކަމަށް އެދިވަޑައިގެން އިތުރު ސާހިބާއަށް އެކަން ލާޒިމުކުރައްވަން މަސައްކަތް ކުރެއްވިއެވެ.
ކައުސާހިބާصلّى اللّـه عليه وسلّمއެކަމާ ހިތްޕުޅާ ހަމަނުކުރައްވައި އެއްމަސްދުވަސްވަންދެން އެއްވެސް އަނބިކަނބަލެއްގެ ގަނޑުވަރަށް ވަޑައިނުގަންނަވަން ކަނޑައެޅުއްވިއެވެ. އިތުރު ސާހިބާ އެދުވަސްވަރު އުޅުއްވީأمّ المؤمنين السّيّدة عائشة رضى اللّـه عنــهاގެ ކޮޓަރިކޮޅާ ދިމާޔަށް މަތީގައި ހައްދަވައިފައިވާ ބާލުޚާނާއެއްގައެވެ. މި ޙާދިޘާ ހިނގިއިރު، އިތުރު ސާހިބާގެ އަނބިއަނބިކަނބަލުންގެ ގޮތުގައި ތިއްބެވީ،السّيّدة سودة بنت زمعة رضى اللّـه عنــهاއާއި،السّيّدة عائشة رضى اللّـه عنــهاއާއި،السّيّدة حفصة رضى اللّـه عنــهاއާއި،السّيّدة أمّ سلمة رضى اللّـه عنــهاއެވެ. (ތަފްހީމުލްޤުރްއާން، ޖިލްދު: 4، ޞަފްޙާ: 85)
ޞަޙީޙު މުސްލިމުގައިجابر بن عبداللّـه رضى اللّـه عنــهގެ އަރިހުން ރިވާވެފައިވެއެވެ.أبوبكر الصّدّيق رضى اللّـه عنــهއާއި،عمر بن الخطّاب رضى اللّـه عنــهއެއްދުވަހަކު، އިތުރު ސާހިބާصلّى اللّـه عليه وسلّمގެ އަރިހަށް ވަޑައިގެންނެވިއިރު، އިތުރު ސާހިބާގެ ހަތަރު އަނބިކަނބަލުން އެމާތް ސާހިބާ ވަށައިލައްވައިގެން ތިއްބެވިއެވެ. ކައުސާހިބާصلّى اللّـه عليه وسلّمހަނުހިމޭނުން އިންނެވިއެވެ.أبوبكرގެފާނާއިعمرގެފާނާ ދެބޭކަލުން ވަޑައިގެންނެވުމުން، އިތުރު ސާހިބާصلّى اللّـه عليه وسلّم،عمرގެފާނާ މުޚާޠަބުކުރައްވައި ޙަދީޘު ކުރެއްވިއެވެ.
"ތިޔަ ދެކެވަޑައިގަންނަވާ ފަދައިން، މިބޭކަނބަލުން މިތިއްބެވީ ތިމަންކަލޭގެފާނު ވަށައިލައްވައިގެންނެވެ. ތިމަންކަލޭގެފާނުގެ އަރިހުން ނަފަޤާތް އިތުރުކުރަން އެދިވަޑައިގަންނަވަނީއެވެ."
أبوبكرގެފާނާއިعمرގެފާނާ ދެބޭކަލުން އެ ދެބޭކަލުންގެ ދެދަރިކަނބަލުންނަށް ނުހަނު ވަރުގަދަޔަށް އެކަން މަނާކުރެއްވިއެވެ. ވަރަށް ހިތްޕުޅާ ހަމަނުކުރައްވައި ވާހަކަ ދެއްކެވިއެވެ. ނަސޭހަތްދެއްވައި، ވިސްނައިދެއްވިއެވެ. އިސްލާމާއި ކުފުރާ ދެމެދު ހިނގަމުންދިޔަ ވަރުގަދަ ކުރިމަތިލުމަށް، އިސްލާމީ ދައުލަތާއި މުސްލިމު ސިފައިން ތައްޔާރުކުރައްވާނެ މާލީ ވަސީލަތްތަކަށް ނުހަނު ބޮޑަށް ބޭނުންވެފައިވާ ދަނޑިވަޅެއްގައި، ކައުސާހިބާصلّى اللّـه عليه وسلّمގެ އަތްޕުޅުގައި ނެތް އެއްޗެއް އަތުލައްވަން ކުރައްވާ މަސައްކަތްޕުޅު ހުއްޓަވައިލައްވަން އަމުރުކުރެއްވިއެވެ.
ކައުސާހިބާصلّى اللّـه عليه وسلّمއެއްވެސް އަނބިކަނބަލެއްގެ އަރިހަށް ވަޑައިނުގަންނަވަން ކަނޑައެޅުއްވިތާ އެއްމަސް ފުރެން ކައިރިވެފައިވަނިކޮށް، ތަޚްޔީރުގެ އާޔަތް ބާވައިލެއްވިއެވެ. އެ އާޔަތުގައިأمّهات المؤمنينއަށް ވަނީ ދެކަމަކުންކުރެ އެއްކަމެއް ޚިޔާރު ކުރެއްވުމުގެ އިޚްތިޔާރު ދެއްވައިފައެވެ. ކައުސާހިބާގެ ޞުޙްބަތާއި އާޚިރަތުގެ ބާއްޖަވެރިކަން ނުވަތަ ދުނިޔޭގެ ޒީނަތްތެރިކަމެވެ. އެ ދެކަމުންކުރެ އެއްކަމެކެވެ.سورة الأحزابގެ 28 ވަނަ އާޔަތާއި 29 ވަނަ އާޔަތުގައި ވަޙީކުރައްވައިފައިވަނީ، މިދަންނަވާ ގޮތަށެވެ.
"އޭ ނަބިއްޔާއެވެ! ކަލޭގެފާނުގެ އަނބިއަނބިކަނބަލުންނަށް ވިދާޅުވާށެވެ! ތިޔަކަނބަލުން ދުނިޔޭގެ ޙަޔާތާއި، އެތާނގެ ޒީނަތްތެރިކަން އެދޭކަމަށްވާނަމަ، އަންނާށެވެ! ތިޔަކަނބަލުންނަށް މުތުޢާ ދެއްވާހުށީމެވެ. އަދި ރިވެތިވެގެންވާ ވަރިކުރެއްވުމަކުން ތިޔަކަނބަލުން ވަރިކުރައްވާހުށީމެވެ. އަދި ތިޔަކަނބަލުންاللّـهއާއި އެކަލާނގެ ރަސޫލާއާއި އާޚިރަތުގެ ގޮވަތި އެދޭކަމުގައިވާނަމަ، ފަހެ، ހަމަކަށަވަރުން،اللّـهތިޔަކަނބަލުންކުރެ އިޙްސާންތެރީންނަށް ބޮޑުވެގެންވާ ދަރުމަ ތައްޔާރުކުރައްވައިފައިވެއެވެ." (الأحزاب: 29، 28)
ކައުސާހިބާصلّى اللّـه عليه وسلّمމި ދެ އާޔަތް ބާވައިލެއްވުމުން އެންމެފުރަތަމަ އެ ޚަބަރު ދެއްވީ،أمّ المؤمنين السّيّدة عائشة رضى اللّـه عنــهاއަށެވެ. ކައުސާހިބާأمّ المؤمنينގެ އަރިހަށް ވަޑައިގަތުމުން، އެކަމަނާ ވިދާޅުވިއެވެ. އޭ މާތްاللّـهގެ ރަސޫލާއެވެ. މިއަދަކީ އޮނަތިރީސްވަނަ ދުވަހެވެ. އިތުރު ސާހިބާ ޙަދީޘު ކުރެއްވިއެވެ. ބަޔެއް މައްސަރުތަކަކީ އޮނަތިރީސް ދުވަހުގެ މަސްމަހެވެ. މިހެން ޙަދީޘު ކުރެއްވުމަށްފަހު، ކީރިތި ޤުރްއާނުގެ އިސްވެދިޔަ ދެ އާޔަތް ވިދާޅުވެދެއްވިއެވެ. އެއަށްފަހު ވިދާޅުވިއެވެ. މާބޮޑަށް އަވަސްވެވަޑައިނުގެން، ކަމަނާގެ ބެލެނިވެރީންނާވެސް މަޝްވަރާ ކުރެއްވުމަށްފަހު ޖަވާބެއް ދެއްވާށެވެ.أمّ المؤمنينވިދާޅުވިއެވެ. މިކަމުގައި ވިސްނައި، މަޝްވަރާކުރާނެ ޖާގައެއް ނެތެވެ. އަޅުގަނޑު ޚިޔާރުކުރަނީ މާތްاللّـهއާއި އެކަލާނގެ ރަސޫލާއެވެ.أمّ المؤمنين السّيّدة عائشة رضى اللّـه عنــهاގެ ޝަޚްޞިއްޔަތުގެ ސަބަބުން، ހުރިހާ ކަމެއްގައިވެސް އެކަމަނާއަކީأمّهاتންގެ ޒަޢީމާއެވެ. އެހެންކަމުން، އެކަމަނާ އެގޮތަށް ނިންމެވުމުން އެހެނިހެންأمّهاتންވެސް އެގޮތަށް ޢަމަލުކުރެއްވިއެވެ. އެބޭކަނބަލުންގެ ހުށަހެޅުއްވުން ހިތްޕުޅުގެ އަޑީން އަނބުރާ ގެންދަވައިފިއެވެ. އިތުރު ސާހިބާގެ ޢާއިލީ ދިރިއުޅުއްވުމަށް އަލުން އުފާފާގަތިކަން އަތުވެއްޖެއެވެ.
ތަޔަންމަމުގެ ޙުކުމް ބާވައިލެއްވުން
ތަޔަންމަމުގެ ޙުކުމަކީވެސްأمّ المؤمنين السّيّدة عائشة رضى اللّـه عنــهاގެ ޙަޔާތްޕުޅުގެ ޙާދިޘާއަކާ ގުޅިގެން، އުންމަތަށް ދެއްވި ލުޔެކެވެ. ބާވައިލެއްވި ރަޙްމަތެކެވެ.
ޢާލަމްތަކަށް ރަޙްމަތެއްކަމުގައި ފޮނުއްވި ސާހިބާصلّى اللّـه عليه وسلّمމަދީނާއިން ބޭރަށް ކުރައްވާ ދަތުރުފުޅުތަކުގައި އެކިފަހަރު އެކަލޭގެފާނުގެ އެކި އަނބިކަނބަލުން ބައިވެރިކުރައްވައެވެ. އެގޮތުންأمّ المؤمنين السّيّدة عائشة رضى اللّـه عنــهاބައިވެރިވެވަޑައިގެންނެވި ދަތުރުފުޅެކެވެ. (ބަޔެއް މުއައްރިޚުން ވިދާޅުވާގޮތުގައި، އެ ދަތުރުފުޅަކީ މުރައިސީއުގެ ދަތުރުފުޅެވެ.) އެކަމަނާގެ ބައްޕާފުޅުأبوبكر رضى اللّـه عنــهވެސް އެ ދަތުރުފުޅުގައި ބައިވެރިވެވަޑައިގެންނެވިއެވެ. އެ ދަތުރުފުޅުގައިވެސްأمّ المؤمنينގެ ކަރުފުޅުގައި އޮތް އަބާރަނަކޮޅު ކެނޑިގެން ވެއްޓި ގެއްލުނެވެ. އޭރު އިސްލާމީ ލަޝްކަރު މަޑުކޮށްގެން ތިބީ، ޞަޙަރާއެއްގައެވެ.أمّ المؤمنينގެ އަބާރަނަކޮޅު ހޯއްދަވަން ޞަޙާބީންގެ ބަޔެއް ބޭކަލުން ޚާއްޞަ ކުރެވުނެވެ. ނަމަވެސް އެއްވެސް ބޭކަލަކަށް އެ ހާރުކޮޅު ފެނިވަޑައެއް ނުގެންނެވިއެވެ. ކައުސާހިބާصلّى اللّـه عليه وسلّمއޮންނެވީ އެކަލޭގެފާނުގެ ފޭލިގެކޮޅުގައި އަރާމުކޮށްލެއްވުމަށެވެ. ފަތިސްނަމާދު ވަގުތު ވެއްޖެއެވެ. ވުޟޫކުރައްވާނެ ފެނެއް ނެތެވެ. ޞަޙާބީން އެކަމާ ނުހަނު ފިކުރުފުޅު ބޮޑުވާން ޖެހިވަޑައިގެންފިއެވެ. ބަޔެއް ބޭކަލުންނަށް އެކަމާ ކުދިވިދާޅުވާން ފެއްޓެވިއްޖެއެވެ. އެ ޙާލަތާ ކުރިމަތިލައްވާން ޖެހިވަޑައިގަތީ،أمّ المؤمنين السّيّدة عائشة صدّيقة رضى اللّـه عنــهاގެ ސަބަބުންނެވެ.أبوبكر رضى اللّـه عنــهއަށް އެ މަންޒަރު ފެނިވަޑައިގަތުމުން، ވަރަށްބޮޑަށް ދެރަފުޅުވިއެވެ. އެކަމުގެ ހިތްޕުޅު ހަމަޖެހިވަޑައިނުގަތުމުގައިأمّ المؤمنينއާ ވާހަކަދެއްކެވިއެވެ. ވިދާޅުވިއެވެ.
(ނުނިމޭ)