11 Jan 2016, 11:51
ކުޅިވަރުގެ ގައުމީ މަޖިލީހުން ނިންމާފައިވާ ނިންމުމުގެ ސަބަބުން ކުރިއަށް އޮތް ސާފް ގޭމްސްއަށް ސަރުކާރުގެ ޚަރަދުގައި ދާން ފުރުސަތު ނުލިބުނު ޓީމުތައް ފޮނުވައިދިނުމަށް އެދި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން، މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އަށް "އާދޭސް" ދަންނަވައިފިއެވެ.
އޮލިމްޕިކް ކޮމިޓީގެ ޖެނަރަލް ސެކެޓްރީ އަހްމަދު މަރުޒޫޤް (މަރޭ) ސަން އަށް ވިދާޅުވީ، ގޭމްސްއަށް ދާން ފުރުސަތު ނުލިބުމުން ޓީމުތަކާއި އެތުލީޓުން ވަރަށް ބޮޑަށް ޑީމޯޓީވޭޓްވެފައިވާ ކަމަށާއި އެހެންވެ އެ ކުޅުންތެރިންނާއި އެތުލީޓުން ގޭމްސްއަށް ތައްޔާރުވެފައިވާއިރު އެކަން "ބޭކާރު" ކަމަކަށް ހަދަން އެމްއޯސީއިން ބޭނުން ނުވާ ކަމަށެވެ.
"އެތުލީޓުންނާއި ޓީމުތައް ތިބީ ވަރަށް ޑީމޯޓިވޭޓް ވެފައި. އެ ކުޅުންތެރިންނާއި އެތުލީޓުންނާއި އެތުލީޓުންގެ ބެލެނިވެރިން ދަނީ ފައިސާ ހޯދުމަށް މަސައްކަތް ކުރަމުން. އަދި އެސޯސިއޭޝަންތަކުންވެސް ދަނީ ސްޕޮންސާ ހޯދައިގެން ޓީމުތައް ފޮނުވޭތޯ މަސައްކަތް ކުރަމުން،" މަރުޒޫޤް ވިދާޅުވިއެވެ.
ނަމަވެސް މިހާރު ކޮންމެ އެސޯސިއޭޝަނަކާ، އެތުލީޓުން ވަކިވަކިން ސްޕޮންސާ ހޯދައިގެން ދާން ވަގުތުވެސް ނެތުމުން ފުރުސަތު ނުލިބުނު ހުރިހާ ޓީމުތަކާއި އެތުލީޓުން ފޮނުވައިދިނުމަށް އެދި މަޓީއަށް އާދޭސް ދަންނަވާފައިވާ ކަމަށް މަރުޒޫގު ވިދާޅުވިއެވެ.
"އެސޯސިއޭޝަންތަކާއި އެތުލީޓުން ވަކިވަކިން ސްޕޮންސާ ހޯދައިގެން ފައިސާ ޖެނަރޭޓްކޮށްގެން ދާކަށް ވަގުތެއް ނެތް މިހާރަކު. އެހެންވެ އަޅުގަނޑުމެން މިއައީ މަސީގެ ކިބައިން އާދޭސް ދަންނާވަފައި ފުރުސަތު ނުލިބުނު ހުރިހާ ޓީމުތައް ގޭމްސްއަށް ފޮނުވައިދިނުމަށް އެދި،" މަރޭ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މަޓީގެ ފަރާތުން އިޖާބީ ޖަވާބެއް ލިބޭނެކަމުގެ ވަރަށް ބޮޑު އުންމީދެއް އެބައޮތް ކަމަށާއި މަޓީއަކީ މީގެ ކުރިންވެސް ގޭމްސްތަކަށް ރާއްޖެއިން ފުރައިގެންދާއިރު އެހީ ތެރިކަން ފޯރުކޮށްދީފައިވާ އޮގަނައިޒޭޝަނެއްކަމަށެވެ.
އެގޮތުން 2011 ވަނަ އަހަރު ޝީޝެލްގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ރާއްޖެއިން ދިޔައިރުވެސް މަޓީއިން ވަރަށް ދީލަތި އެހީތެރިކަމެއް ފޯރުކޮށްދީފައިވާ ކަން މަރޭ ފާހަގަ ކުރެއްވިއެވެ.
މިފަހަރުގެ ގޭމްސްއިން ހޭންޑްބޯލްއާއި ބާސްކެޓްގެ އެއްވެސް ޓީމެއް ގެންދިއުމަށް ކުޅިވަރުގެ ގައުމީ މަޖިލީހުން ނިންމާފައެއް ނުވެއެވެ.
ޔޫތު މިނިސްޓްރީން ބުނީ ކުޅިވަރުގެ ގައުމީ މަޖިލީހުން ޓީމުތަކަށާއި ކުޅިވަރުތަކަށް ފުރުސަތު ދިނުމުގައި ބަލާފައިވަނީ ވޭތުވެދިޔަ ތަނުގައި އެ ކުޅިވަރަކުން ނުވަތަ އެޓީމަކުން ހޯދާފައިވާ ކާމިޔާބީއެއްގެ މައްޗަށް ބަލައިގެން ކަމަށެވެ.
ނަމަވެސް މަރޭ ވިދާޅުވެފައިވަނީ ކުޅިވަރުތަކަށް ފުރުސަތު ދިނުމުގައި އޮލިމްޕިކް ކޮމިޓީން ތިން ކަމަކަށް ބަލާ ކަމަށެވެ. އެއީ ކާމިޔާބު ހޯދުމަށާއި، ޒުވާނުންނަށް ފުރުސަތު ދިނުމަށާއި، ހުރިހާ ކުޅިވަރަކުން ޖިންސް ހަމަހަމަކަން ހޯދައިދިނުން ކަމަށް މަރޭ ވިދާޅުވިއެވެ.
ސައުތު އޭޝިއަން ގޭމްސް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަ ވަނަ ދުވަހުން ފެށިގެން 16 ވަނަ ދުވަހުގެ ނިޔަލަށް އިންޑިއާގެ ގުވާޓީ އަދި ޝިލޮންގްގައެވެ.