11 Jan 2016, 12:45
އޮލިމްޕިކް ކޮމެޓީ އިން މަސަތްކަތް ކުރަނީ ސަރުކާރާއި ކުޅިވަރު ކުޅޭ ފަރާތްތައް ޖެއްސުމަށް ކަމަށް ޔޫތު މިނިސްޓަރު އަހުމަދު ޒުހޫރު ވިދާޅުވެއްޖެ އެވެ.
ޓީވީއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ރޭ ވާހަކަފުޅު ދައްކަވަމުން ޒުހޫރު ވިދާޅުވީ ކޮންމެ ސަރުކާރެއްގައި ވެސް އޮލިމްޕިކް ކޮމެޓީގެ ފަރާތުން ފެނިގެންދަނީ މީޑިއާތަކުގައި ތަފާތު ވަހާކަތަކެއް ދައްކައިގެން އެއިރެއްގައި އޮންނަ ސަރުކާރަކާއި ކުޅުވަރު ކުޅުންތެރިންނާ ޖެއްސުމަށް ކަރަމުންދާ މަސަތްކަތް ކަމަށެވެ.
"އަޅުގަނޑުމެނަކަށް ނުފެނޭ އޮލިމްޕިކް ކޮމެޓީން ޒިންމާދާރު އެއްވެސް މަސަތްކަތެއް ކުރަމުންދާ މަންޒަރެއް. އެބޭފުޅުން ކުރަމުންދާ މަސަތްކަތަށް ވުރެން އެސޯސިއޭޝަންތަކުން އަމިއްލަ އަށް ކުރަމުންދާ މަސަތްތްތައް ވެސް މާ ރަނގަޅު،" ޒުހޫރު ވިދާޅުވި އެވެ.
އޭޝިއަން ގޭމްސްއަށް ސަރުކާރުގެ ހަރަދުގައި ގެންދާނެ ޓީމްތައް ކަނޑައަޅައި ބައެއް ކުޅިވަރުތަކަށް ސަރުކާރުގެ ހަރަދުގައި ކުޅުންތެރިން ނުގެންދަން ނިންމި ހިސާބުން އޮލިމްޕިކް ކޮމެޓީ އާއި ޔޫތު މިނިސްޓްރިއާ ދެމެދު ވަނީ ބަހުގެ ހޫނު ހަމަލާތަކެއް ބަދަލުކުރެވި ދެ ފަރާތުގެ ގުޅުން ގޯސްވެފަ އެވެ.
ޒުހޫރު ވިދާޅުވީ ސަރުކާރުގެ ހަރަދުގައި ރާއްޖެ އިން ބޭރުގައި ބާއްވާ މުބާރާތްތަކުގައި ބައިވެރިވާ ފަރާތްތަކަކީ ރާއްޖެ އަށް ރީތި ނަން ހޯދައިދޭނެ ފަރާތްތަކަށް ވާން ޖެހޭނެ ކަމަށެވެ.
"ރާއްޖެ އިން ބޭރުގައި ބާއްވާ މުބާރާތްތަކުގައި ބައިވެރިވާ ޓީމްތަކަކީ ވާދަވެރި ޓީމްތަކަކަށް ވާން ޖެހޭ. ރާއްޖެ އަށް ރީތި ނަން ހޯދައިދޭނެ ބައަކަށް ވާންޖެހޭ. އެއީ އަޅުގަނޑުމެން މި ހަރަދު ކުރަނީ ރައްޔިތުންގެ ފައިސާ ކަމަށްވާތީ،" ޒުހޫރު ވިދާޅުވި އެވެ.
ރައްޔިތުންގެ ފައިސާ އިން ބޮޑު ހޭދައެއް ކޮށްގެން ރާއްޖޭން ބޭރުގައި އޮންނަ މުބާރާތްތަކުގައި ކުޅުންތެރިން ބައިވެރި ކުރުމުގެ ފުރުސަތު ސަރުކާރުން ފަހި ކޮށްދެއްވަމުން އަންނަ އިރު، ޒުހޫރު ވިދާޅުވީ އެ ފުރުސަތުގެ ބޭނުން އެ ބޭފުޅުންގެ އަމިއްލަ މަޖަލަށް ހޭދަކޮށްލައިގެން ނުވާނެ ކަމަށާއި އަމާޒަކަށް ވާންވާނީ ދިވެހި ގައުމު ތަމްސީލްކޮށް ގައުމަށް ރީތި ނަން ހޯދައިދިނުން ކަމަށެވެ.
އިންޑިއާގައި އަންނަ މަހު ބާއްވާ ސައުތު އޭޝިއަން ގޭމްސްގައި ސަރުކާރުގެ ހަރަދުގައި ބައިވެރިކުރާ ޓީމުތަކުގެ ތެރޭގައި ފިރިހެން އަދި އަންހެން ބާސްކެޓްބޯޅަ ޓީމާއި އަންހެން ފުޓްބޯޅަ ޓީމާއި ފިރިހެން އަދި އަންހެން ހޭންޑްބޯޅަ ޓީމް އަދި ފިރިހެން ޓޭބަލް ޓެނިސް ޓީމް ނުހިމަނައި ޖުމްލަ އަށް ކުޅިވަރަކަށް ހަރަދު ކުރުމަށް، ޔޫތު މިނިސްޓްރީގެ ދަށުގައި އޮންނަ ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުން މީގެ ކުރިންނިންމާފައިވާ އިރު ޒުހޫރު ވިދާޅުވީ އެ ނިންމުން ބަދަލުކޮށް ހުރިހާ ކުޅުވަރުތަކަކުން ވެސް ކުޅުންތެރިން ބައިވެރިވުމުގެ ފުރުސަތު ސަރުކާރުން ފަހި ކޮށްދީފައިވާ ކަމަށެވެ.
ޒުހޫރު ވިދާޅުވީ ސަރުކާރުގެ މިހާރުގެ ސިޔާސަތަކީ ނަތީޖާ ނެރެވޭ، ވާދަކުރެވޭ، އެކަމަށް މަސައްކަތްކުރާ ޓީމްތަކުގެ ކުޅުންތެރިން އަދި ކުޅިވަރުތަކަށް ޚަރަދުކުރެއްވުން ކަމަށެވެ. ސައުތު އޭޝިއަން ގޭމްސްއަށް ސަރުކާރުގެ ޚަރަދުގައި ދިއުމުގެ ފުރުޞަތު މިވަގުތު ނެތް ކަމަށް ކަނޑައަޅުއްވާފައިވާ ޓީމްތަކުން ނުވަތަ އެސޯސިއޭޝަންތަކުން އަދި އޮލިމްޕިކް ކޮމިޓީން ވެސް އެކުޅިވަރުތަކުން ނަތީޖާ ހޯދުމަށް ކޮށްފައިވާ މަސައްކަތްތައް ހުށައެޅުމުން ދެވަނަ ވިސްނުމަކަށް ދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ފޮނުވައިދީ ބައިވެރިނުވެވިގެން އުޅޭ ޓީމެއް އެ ޓީމެއް ކޮށްފައިވާ މަސަތްކަތްތަކާއި ހޯދިދާނެ ކާމިޔާބީއަކާއި އަދި ކާމިޔާބީއެއް ހޯދުމަށް ކުރެވެފައި ހުރި މަސަތްކަތްތަކުގެ ރިޕޯޓެއް [ހުށަހެޅުމުން]، އެ ހިސާބުން އަޅުގަނޑު ގައުމީ މަޖްލީހަށް ހުށައަޅައިގެން އަލިމަގެއް ނުފެނިއްޖެ ނަމަ ރައީސަށް ވެސް ހުށަހަޅަން ތައްޔާރަށް މިހުރީ،" ޒުހޫރު ވިދާޅުވި އެވެ.
އެހެން ނަމަވެސް އޮލިމްޕިކް ކޮމެޓީން އެ ފަދަ މަސަތްކަތެއް ކުރުމުގެ ބަދަލުގައި އެ ބޭފުޅުންގެ ފަރާތުން ފެނިގެންދަނީ ސަރުކާރު ބަދުނާމުކޮށް ވާހަކަ ދައްކާ މަންޒަރު ކަމަށް ޒުހޫރު ވިދާޅުވި އެވެ.