އެކްނީއަކީ ގިނަ ބަޔަކު ތަހައްމަލު ކުރާ ހަމުގެ ބައްޔެކެވެ. އެކްނީ ހަންގަނޑުގައި އުފެދެނީ، ހަންގަނޑުން އިސްތަށި ނުކުންނަ ތަންތަން ނުވަތަ ހެއާ ފޮލިކްލްސްގެ ތެރެއަށް މަރުވެފައިވާ ސްކިން ސެލްތަކާއި ހަމުގައި ހުންނަ ތެޔޮ ޖަމާ ވުމުންނެވެ.

ފުރާވަރު އުމުރުގެ ކުދިން ގިނައިން ތަހައްމަލު ކުރާ މި ހަމުގެ ބައްޔަށް ފަރުވާ ކުރުމުގެ ގޮތުން ޓުރީޓްމެންޓާއި ކްރީމް ފަދަ ތަކެތި ބޭނުން ކުރެ އެވެ.

ނަމަވެސް ގުދުރަތީ ބައެއް ތަކެތި ބޭނުންކޮށްގެން އެކްނީއަށް ފަރުވާ ހޯދޭނެ އެވެ.

އެލޯ ވެރާ

އެލޯ ވެރާގެ ޖެލް، އެކްނީ ހުންނަ ހަމުގައި އުނގުޅާލާށެވެ. ދުވާލަކު އެއް ފަހަރަށް ވުރެ ގިނަ ފަހަރު އުނގުޅިޔަސް މައްސަލައެއް ނެތެވެ. މިކަމުގެ ސަބަބުން ހަންގަނޑުގައި އުފެދިފައިވާ ރަތްކަމާއި ދިލަ އިހްސާސް ނައްތައިލަ އެވެ.

ފެން

ފުރިހަމަ، ރީތި ހަންގަނޑެއްގެ ވެރިއަކަށް ވުމަށް އޮތް އެންމެ ބޮޑު، އަދި މުހިންމު ޝިފާއަކީ ފެނެވެ.

ބިހުގެ ހުދުބައި

ބިހުގެ ހުދުބައި ހަންގަނޑުގައި އުނގުޅުމަކީ ހަންގަނޑު ރީތިކޮށްދޭ ކަމެކެވެ. ހަންގަނޑުގައި ހުންނަ "ޕޯ"ތައް ފެންނަ ފެނުމަށް މަދުކޮށްދީ، ހަންގަނޑު އަލި ކޮށްދެ އެވެ.

ބިހުގެ ގޮބޮޅިއާއި ހުދުބައި ވަކި ކޮށްލުމަށް ފަހު، ކަފަ ކޮޅެއްގެ އެހީގައި ބިހުގެ ހުދުބައި މޫނުގައި އުނގުޅާލާށެވެ. ހަންގަނޑުގައި އެ ހިކުމުން، ދެން ދޮވެލާށެވެ.

ތިލަފަތް ހަމަ ކެއުމެއް ކެއުން

ހަމުން ދައްކައިދެނީ ތިމާ ކާ ކާނާ އެވެ. ތިމާގެ ހަށިގަނޑުން އެތެރެއަށް ދާ ކޮންމެ އެއްޗަކީ، ހަށިގަނޑުގެ ބޭރުފުށުން ދައްކައިދޭ އެއްޗެކެވެ. ސިއްހީ ގޮތުން ރަނގަޅު، ތިލަފަތް ހަމަހަމަ ކެއުމެއް ކެއުމުން ވެސް އެކްނީ ފަދަ ހަމުގެ ބަލިތަކާ ދުރުވެވޭނެ އެވެ.

ގަނޑުފެން

ހަމުގައި އެކްނީ ހުންނަ ނަމަ، އެ ސަރަހައްދުގައި ގަނޑުފެން ނުވަތަ އައިސް ކިއުބް އުނގުޅާށެވެ. އޭރުން ހަމުގައި ދިލަ ނަގާ އިހްސާސެއް ވާ ނަމަ އެ އިހްސާސެއް ފިލައި ދާނެ އެވެ. އަދި ހަންގަނޑުގައި ހުރި ޕޯރތައް ބަންދުކޮށް، އޭގެ އެތެރޭގައި ހުރި ބެކްޓީރިއާ ވެސް ބޭރު ކޮށްލާނެ އެވެ.