އިންޑިއާގެ ޕާލަމެންޓަށް 2001 ވަނަ އަހަރުގެ ޑިސެމްބަރު މަހު ދިން ޓެރަރިސްޓް ހަމަލާގެ ވާހަކައަކީ، މަޝްހޫރު ވާހަކައެކެވެ. އެ ހަމަލާ ރާވައި، ހަމަލާ ދިނުމުގައި ބައިވެރިވި ކަމުގެ ކުށުގައި، ކަޝްމީރުގެ ރައްޔިތެއް ކަމަށްވާ މުހައްމަދު އަފްޒަލް ގުރޫ އަށް މަރުގެ އަދަބު ދިނެވެ.

އަފްޒަލް ގުރޫގެ އަންހެނުން ތަބައްސުމް ގުރޫ، އަފްޒަލްގެ މައްޗަށް ދިއްލީ ހައިކޯޓުން ކުރި މަރުގެ ހުކުމް ލުއިކޮށްދިނުމަށް އެދި އެގައުމުގެ ރައީސް ޕްރަނާބް މުކެރްޖީއަށް ޕެޓިޝަނެއް ހުށަހެޅި އެވެ. އެހެން ނަމަވެސް ޕްރަނާބް މުކެރްޖީ އެ ޕެޓިޝަން ގަބޫލު ނުކުރުމުން އިންޑިއާގެ ސުޕްރީމް ކޯޓުން ވަނީ އަފްޒަލްގެ މައްޗަށް ހައިކޯޓުން ކޮށްފައިވާ ހުކުމަށް ތާއީދުކޮށްފަ އެވެ. އަދި 2013 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 9 ވަނަ ދުވަހު ދިއްލީގެ މަޝްހޫރު ތިހާރު ޖަލުގައި، ސިއްރިއްޔާތުގައި އަފްޒަލް ދަންޖައްސައި މަރާލެވުނެވެ. އަދި އަފްޒަލްގެ ހަށިގަނޑު އާއިލާއާ ހަވާލުކުރުމަށް ވެސް ދެކޮޅު ހެދިއެވެ. އެއަށް ފަހު އޭނާ ވަނީ ތިހާރު ޖަލުގެ ގޯތިތެރޭގައި ވަޅުލައިފަ އެވެ.

އެ ޚަބަރާ އެކު މުޅި ކަޝްމީރު ރޮއްވާލި އެވެ. ކަޝްމީރުގެ އެކި ކަންކޮޅުތަކުގައި އިންޑިއާ ސަރުކާރާ ދެކޮޅަށް ރައްޔިތުން އުތުރިއަރައި ބޮޑެތި ހަމަނުޖެހުންތަކެއް ވެސް އުފެދިގެން ދިޔަ އެވެ. އަފްޒަލްގެ ޒިކުރާތައް މިއަދުވެސް އެމީހުން އާކުރަމުން ދަނީ ޝަހީދެއްގެ ގޮތުގައެވެ.

ދިއްލީގެ ތިހާރު ޖަލުގައި 2013 ވަނަ އަހަރު އަފްޒަލް ގުރޫ ދަންޖައްސައި މަރާލުމާ ގުޅިގެން ކަޝްމީރުގެ ކިޔަވާކުދިންތަކެއް އިންޑިއާ ސަރުކާރާ ދެކޮޅަށް އިހްތިޖާޖް ކުރަނީ -- ފޮޓޯ: އޭޕީ

އަފްޒަލް ދަންޖައްސައި މަރާލިއިރު، އޭނާގެ އަންހެނުން ތަބައްސުމްގެ އުމުރަކީ 37 އަހަރެވެ. އެ ދެމަފިރިންގެ ހުރި ހަމައެކަނި ދަރިފުޅު ޣާލިބު އަފްޒަލް ގުރޫގެ އުމުރަކީ އެންމެ 13 އަހަރެވެ. ކިޔައިދޭން މިއުޅެނީ އެހިތްވަރު ގަދަ ދަރިފުޅުގެ ވާހަކަ އެވެ.

ބައްޕަގެ ނެތިދިއުމާ އެކު ޣާލިބާއި އޭނާގެ މަންމައަށް ލިބިގެން ދިޔައީ ބުނެދޭން ވެސް ނޭނގޭވަރުގެ ބޮޑު ހިތާމައެކެވެ. އެހެން ނަމަވެސް އަފްޒަލް މަރުވުމުގެ ކުރީން، އޭނާ ތަބައްސުމްއާއި ޣާލިބަށް ކުރި ވަސިއްޔަތް އެ ދެމައިން ކުޑަ ހިނދުކޮޅަކަށް ވެސް ހަނދާން ނައްތައިނުލަ އެވެ. އަދި މިއަދު އޭގެ ފޮނިމީރުކަން ވަނީ ހޯދައިފަ އެވެ. ސިޔާސީ އަދި ދީނީ ހަމަނުޖެހުންތަކެއްގެ ހިޔަނި ބަޔަކަށް އެޅިއްޖެ ނަމަ ދެން ވާނޭގޮތް އިހްސާސް ކޮށްލައްވާށެވެ. އެހެން ނަމަވެސް އަފްޒަލްގެ ހުވަފަތް އަނބިމީހާއާއި އެ ދެމަފިރީންގެ ހަމައެކަނި ދަރިފުޅު އެ ހުރިހާ ގޮންޖެހުންތަކެއްގެ ކުރިމަތީގައި ވެސް އިސްކުރީ ކެތްތެރިކަމާއި އީމާންތެރިކަމުގެ ހަތިޔާރެވެ.

މިހާރު އުމުރުން 17 އަހަރުގެ ޣާލިބު ގުރޫ ވަނީ، ޖަމްމު އެންޑް ކަޝްމީރު ބޯޑް އޮފް ސްކޫލް އެގްޒެމިނޭޝަނުން ބާއްވާ 10 ވަނަ ބޯޑް އެޒަމިނޭޝަން ފުރިހަމަކޮށްފަ އެވެ. އެ އިމްތިހާނުގައި ޣާލިބް ވަނީ، 95 ޕަސެންޓު ސްކޯކޮށް ގިނަބަޔަކަށް ހައިރާންކަން ގެނުވައިފަ އެވެ. ރިޕޯޓްތައް ބުނާގޮތުން ޣާލިބު ވަނީ، އިމްތިހާނުގައި 500 އަކުން 474 ހޯދައި، އިމްތިހާނުގައި އޭނާ ބައިވެރިވި ފަސް މާއްދާއިން ވެސް A1 ގްރޭޑް ހާސިލްކޮށްފަ އެވެ. އެ އިމްތިހާނުގައި ޣާލިބަށްވެރު މަތިން ސްކޯކޮށްފައި ވަނީ އެންމެ ދަރިވަރެކެވެ.

ޖަމްމު އެންޑް ކަޝްމީރު ބޯޑް އޮފް ސްކޫލް އެގްޒެމިނޭޝަނުން ބާއްވާ 10 ވަނަ ބޯޑް އެޒަމިނޭޝަންގައި ޣާލިބްގެ ނަތީޖާ ޝީޓް -- ފޮޓޯ: ޓްވިޓާ

ޣާލިބުގެ މި ކާމިޔާބީއާ އެކު އިންޑިއާގެ ސޯޝަލް މީޑިއާ ބޭނުންކުރާ ފަރާތްތަކުން އޭނާއަށް ތައުރީފްކޮށް މަރުހަބާކިޔަންފެށި އެވެ. އޭގެ ތެރޭގައި އިންޑިއާގެ ސިޔާސީ ފަރާތްތަކާއި އިޖްތިމާއީ ކަންކަމުގައި ހަރަކާތްތެރިވާ ލީޑަރުން ހިމެނެވެ. ޣާލިބްގެ ވާހަކަ މިއަދު އެމީހުގެ ޓުވިޓާތަކުގައި ލިޔެފައި ވަނީ، އެގައުމުގެ ކުރީގެ ރައީސް ޑރ. އޭޕީޖޭ ކަލާމްފަދަ ބޭފުޅުންގެ ނަންފުޅުން މިސާލުޖަހަމުންނެވެ.

ސޯޝަލް މީޑިއާ އެކްޓިވިސްޓެއް ކަމަށްވާ، ޕިއާ ބުނެފައި ވަނީ، 10ވަނަ ބޯޑް އެގްޒާމްގައި 95 ޕަސެންޓް ސްކޯކޮށްގެން އަފްޒަލްގެ ދަރިފުޅު، ޣާލިބު ގުރު ހޯދި ކާމިޔާބީއަށް މަރުހަބާ ކިޔާކަމަށެވެ. އާއިލާގެ ކުރީގެ ރެކޯޑްތައް ކޮންމެ ގޮތަކަށް އޮތްނަމަވެސް، އަބަދުވެސް މިފަދަ ކާމިޔާބީގައި ކުރިއަށް ދާން ޖެހޭނެ ކަމަށެވެ.

ސޯޝަލް އެކްޓިވިސްޓް ޕްރަދީޕް ކުމާރު، ބުނެފައި ވަނީ، "ހަތިޔާރު ދޫކޮށްލުމަށް ފަހު ގަލަން ބޭނުންކޮށްގެން އަފްޒަލް ގްރޫގެ ދަރިފުޅު ނަމޫނާ ދައްކައިފި. ތައުލީމާއިގެން ކުރިއަށް ގޮސްފިނަމަ، އޭޕީޖޭ ކަލާމްއަށް ލިބުނު ފަދަ އިހްތިރާމް ތިބާއަށްވެސް މުޅި ދުނިޔެއިން ލިބޭނެ،" ކަމަށެވެ.

ޣާލިބަށް އޭނާގެ ބައްޕައާ އެންމެ ފަހުން ބައްދަލުވީ 2012 ވަނަ އަހަރުގެ އޯގަސްޓް މަހުއެވެ. އެދުވަހު ބައްޕައާ އެކު ހޭދަކުރި ވަގުތުކޮޅު އަދިވެސް ތާޒާކަމާ އެކު ހަނދާނުގައި އެބަހުރި ކަމަށް އޭނާ ބުނެ އެވެ.

"ބައްޕަ ގާތަށް ތިހާރު ޖަލަށް އަހަރެން ޒިޔާރާތްކުރާ ކޮންމެ ފަހަރަކު ވެސް، ސައިންސްގެ މާއްދާތަކުން ސުވާލުކުރާނެ. އަދި ބުނާނެ! ދަރިފުޅާ 'މެހްނަތު ކަރޯ' (ބުރަކޮށް މަސައްކަތްކުރޭ)" ކަޝްމީރީ މޮނިޓާއަށް ދިން އިންޓަވިއުއެއްގައި ޣާލިބް ކިޔައިދިނެވެ.

"ބައްޕައަށް އެނގިލައްވާނެ އަހަރެން ވާން ބޭނުމީ ޑޮކްޓަރަކަށް ކަން. އެހެންވެ އަބަދުވެސް އަހަންނަށް ހިތްވަރުދޭނޭ ބުރަކޮށް މަސައްކަތްކުރާން،" ސައިންސްގެ ފޮތްތައް ކިޔުމާއި ކްރިކެޓް ކުޅުމަށް ލޯބިކުރާ ޣާލިބް ބުންޏެވެ.

"އޯގަސްޓް މަހު އަހަރެން ބައްޕަކައިރިއަށް ތިހާރު ޖަލަށް ޒިޔާރަތްކުރުމުން ބައްޕަ އަހަންނަށް ހަދިޔާއަކަށް ދިން ގުރުއާން މުސްހަފް އަކާއި ސައިންސް ފޮތެއް. އަހަރެން އަދިވެސް އޮންނާނެ އެ ރައްކާކޮށްފައި." މަންމައަށް ބަލަހައްޓައިގެން ހުރެ ގުރުއާން ކިޔަވަމުން ބައްޕަ ދީފައިހުރި ނަސޭހަތްތަކުގެ ހަނދާން އާކުރަމުން ޣާލިބު ކިޔައިދިނެވެ.

އަފްޒަލް ގުރޫ (ވ) އަދި އޭނާގެ ދަރިފުޅު ޣާލިބު ގުރޫ (ކ) -- ފޮޓޯ: ޓްވިޓާ

އުމުރުން 43 އަހަރުގެ އަފްޒަލް ގްރޫ، ދަންޖެއްސުމުގެ ކުރިން އޭނާ ވަނީ، އޭނާގެ އާއިލާއަށް ވަސިއްޔަތުގެ ސިޓީއެއް ފޮނުވައިފައެވެ. އެ ސިޓީގައި ހުރި ވާހަކަތައް އިންޑިއާގެ މީޑިއާތަކުގައި އޭރުވެސް ވަރަށް މަޝްހޫރުވެގެން ދިޔަ އެވެ.

"އަހަރެން ދަންޖައްސަން މިވަނީ ވަރަށް ގާތްވެފައި. މިހާރު، ދަންމަޅިގަނޑުގެ ކައިރީގައި. އަހަރެން އާއިލާއަށް ބުނެލަން ބޭނުން، އަހަންނަށް ތަފްސީލްކޮށް ސިޓީއެެއް ލިޔެލާހައި ވަގުތެއް ނުދިން. މި ގުރުބާނީއަށް އަހަރެން އިހްތިޔާރުކެއްވިޔަތީ އަހަރެން މާތް ﷲ އަށް ހަމްދާއި ޝުކުރުކުރަން. ތަބައްސުމް އާއި ޣާލިބަށް ރައްކާތެރިކަމާ އަޅާލުން ދޭތި،" އުރުދޫބަހުން ލިޔެފައިވާ ސިޓީގައިވެ އެވެ.

އަފްޒަލްގެ ސިޓީގައި ޣާލިބަށްޓަކައި ހިތްވަރާއެކު ދުނިޔެއާ ކުރިމަތިލުމަށް ތަބައްސުމްއަށް ވެސް ވަސިއްޔަތްކޮށްފައިވެ އެވެ.

"އާއިލާގެ އެކަކު އަނެކަކާ ގުޅިގެން އެކުވެރިކަމާއެކު އުޅޭތި. އަހަރެން އުންމީދުކުރަން އަހަރެންގެ މި ގުރުބާނީ، ބޭކާރު އެއްޗަކަށް ވިޔަ ނުދޭނޭކަމަށް. އަހަރެންގެ މަރަށް ފަހު މާތް ﷲ ތިބާއަށް ކެތްތެރިކަން ދެއްވާށި،" ތަބައްސުމަށް އަފްޒަލް ލިޔެފައިވާ އިބާރާތްކޮޅުގައި ވެއެވެ.

ޔަތީމު ކުއްޖެއްގެ ގޮތުގައި، ދިމާވި ހުރިހާ ގޮންޖެހުންތަކަކާ ކެރިގެން ކުރިމަތިލައި ޣާލިބް ވަނީ ދުނިޔެއަށް ނަމޫނާ ދައްކައިފަ އެވެ. މިއީ އަފްޒަލް ގުރޫ ނެތި ދިއުމަށް ފަހު ވެސް އާއިލާގެ ފަރާތުން ފެނިގެން ދިޔަ ނަމޫނާ އެވެ. އެކުވެރިކަމާއި އެއްބައި ވަންތަކަމެވެ. ކެތްތެރިކަމާއި އީމާންތެރިކަމެވެ. ފިރިމީހާ ނެތި ދިއުމަށްފަހުވެސް އޭނާގެ ވަސިއްޔަތުގައި ހިފި ކިޔަމަންތެރި އަންބެއްގެ ވާހަކަ އެވެ. ބައްޕަގެ ހުވަފެން ހަގީގަތަކަށް ހަދައިދިނުމަށް ދަރިފުޅު ކުރި މިންނެތް މަސައްކަތެވެ. އާއިލާއެއްގެ ތެރޭގައި އޮންނަން ޖެހޭ ލޯތްބާއި އަޅާލުމެވެ.

ޣާލިބު ބުނީ، އޭނާ މިހާރު ބޭނުން ވަނީ އޯލް އިންޑީއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސް (އޭއައިއައިއެމްއެސް)ގައި ނިއުރޮލޮޖީ އެންޑް ޓްރާންސްޕްލާންޓް ސާޖަރީގެ ހާއްސަ ޑޮކްޓަރަކަށް ވުމަށް ކަމަށެވެ. އަދި ކަޝްމީރުގައި ޑޮކްޓަރުން މަދުކަމަށާއި އޭނާ ބޭނުންވަނީ ކަޝްމީރުގެ ރައްޔިތުންނަށް ޚިދުމަތްކުރުން ކަމަށެވެ.

މާދަމާ، އަހަރެމެންގެ ދިރާސީ އާއަހަރުގެ ކިޔެވުން ފެށެނީއެވެ. ތެދުވެރިކަމާއެކު ހެޔޮ ނިޔަތެއްގައި ތިމާ ކުރާ މަސައްކަތުގެ ފޮނިމީރުކަން މާތްﷲ އެމީހަކަށް ދެއްވާނެކަމީ ޝައްކެއް ވެސް އޮތްކަމެއް ނޫނެވެ. މިއަދު އަހަރެމެން އެންމެން ވެސް ބަލައިގަންނަންވީ މިފަދަ ނަމޫނާ ނޫން ހެއްޔެވެ.