ޑޮލަރުގެ އަގަށް ސަރުކާރުން ގެނައި ބަދަލާ ގުޅިގެން އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) އަށް ތެޔޮ ގަންނަން ލިބޭ އަގު އަނެއްކާ ވެސް އިތުރަށް ބޮޑުވުމުން ހަތަރު ވަނަ ފަހަރަށް އައިއޭއެސް އިން އެތެރޭގެ އުދުހުންތަކަށް ނަގާ ތެލުގެ ސާޖާޗު މި އަހަރުތެރޭ ބޮޑުކޮށްފި އެވެ.

މިއަހަރު ފެށުނުއިރު މޯލްޑިވިއަންގެ ހިދުމަތްދޭ އައިއޭއެސް އިން އެތެރޭގެ އުދުހުންތަކަށް ތެލުގެ ސާޗާޖުގެ ގޮތުގައި ނަގަމުންދިޔައީ 227ރ. ނަމަވެސް، މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ އިންޑިއާގެ ކުންފުނި، ޖީއެމްއާރުން އެތެރޭގެ އުދުހުންތަކަށް ތެޔޮ ވިއްކާ އަގު އެކިފަހަރުމަތިން ބޮޑުކުރުމާ ގުޅިގެން އައިލެންޑް އޭވިއޭޝަނުން ވަނީ ތެލުގެ ސާޗާޖު ތިން ފަހަރަށް ބޮޑުކޮށްފަ އެވެ. އެންމެފަހުން މިދިޔަ މަހުގެ 8 ވަނަ ދުވަހު ގެނައި ބަދަލާ އެކު އައިއޭއެސް އިން ތެލުގެ ސާޗާޖަށް ނަގަމުން ދިޔައީ 332ރ. އެވެ.

ނަމަވެސް، ޑޮލަރަށް ޖެހޭ ރުފިޔާގެ އަގަށް ގެނެވުނު ބަދަލާ އެކު ޖީއެމްއާރުން އައިއޭއެސް އަށް ވިއްކާ ތެލުގެ އަގު އަނެއްކާ ވެސް ބޮޑުވުމާ ގުޅިގެން މާދަމާ އިން ފެށިގެން އެކުންފުނިން އެތެރޭގެ އުދުހުންތަކުގެ ކޮންމެ ސެކްޓާއަކުން ތެލުގެ ސާޗާޖަކަށް ނަގާ އަދަދު 78ރ. އިން ބޮޑުކުރުމަށް ވަނީ ނިންމައިފަ އެވެ. އެހެންކަމުން ތެލުގެ ސާޗާޖުގެ އަގު އެ ވަނީ 410ރ. އަށް އުފުލިފަ އެވެ.

މިއީ މިއަހަރު ފެށުނު އިރު ތެލުގެ ސާޖާޗަށް ނެގި 227ރ. އަޅާބަލާއިރު 183ރ.ގެ އިތުރުވުމެކެވެ. ނުވަތަ މިއަހަރުތެރޭގައި އައިއޭއެސްގެ އެތެރޭގެ އުދުހުންތަކުގެ ތެލުގެ ސާޗާޖު މިވަނީ 80.62 ޕަސަންޓް ބޮޑުވެފަ އެވެ.

ޖީއެމްއާރުން ނިންމައިފައި ވަނީ، މީގެ ފަހުން އެތެރޭގެ އުދުހުންތަކަށް ބޭނުންކުރުމަށް ޖެޓް ފިއުލް ގަންނަ ފަރާތްތަކުން ރުފިޔާ އިން ފައިސާ ދައްކާ އިރު ބަލަން ވާނީ އެ ދުވަހަކު ޑޮލަރުގެ އެކްސްޗޭންޖް ރޭޓަކަށް ޖީއެމްއާރުން ކަނޑައަޅައިފައިވާ ރޭޓަށް ކަމަށެވެ.

އެގޮތުން ފާއިތުވި ދުވަސްތަކުގައި ބޭންކުތަކުން ޑޮލަރު ވިއްކި ރޭޓަށް ބަލައި ޖީއެމްއާރުން ހަމަޖައްސައިފައި ވަނީ ޑޮލަރަކަށް 15.42ރ. ގެ ރޭޓެކެވެ. އެހެންކަމުން 1.26791 ޑޮލަރަށް ޑޮމެސްޓިކް އޮޕަރޭޝަންތަކަށް ވިއްކާ ޖެޓް ފިއުލް ލީޓަރެއްގެ އަގު މިހާރު ވަނީ 19.551ރ. އަށް މައްޗަށް ގޮސްފަ އެވެ.

ތެލު ސާޗާޖު ބޮޑުވުމާ ގުޅިގެން މޯލްޑިވިއަން ފްލައިޓްގެ ޓިކެޓުގެ އަގުވެސް ވަނީ އުފުލިފަ އެވެ.