ގައުމީ ޔުނިވާސިޓީގެ ޖީ-ބްލޮކުގެ ގޮތުގައި ބޭނުން ކުރަމުން ދިޔަ "ބާޖަމާލުއްދީން" އެއްކޮށް ހުސްކޮށްފި އެވެ.

ބާވެ ބޮލަށް ވެއްޓެން ކައިރިވެފައިވާ، ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ އާއި ފެކަލްޓީ އޮފް އާޓްސްގެ އިތުރުން ގިނަ ފެކަލްޓީތަކެއް ހިންގަމުން ދިޔަ ބާޖަމާލުއްދީން އިމާރާތް ހުސްކުރަން ސަރުކާރުން ދިން އެންމެ ފަހު ތާރީހަކީ މިދިޔަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

ޔުނިވާސިޓީގެ އޮފިޝަލަކު ސަން އަށް ވިދާޅުވީ، ބާޖަމާލުއްދީން މީގެ ދެ ހަފްތާ ކުރިން އެއްކޮށް ހުސްކޮށްފައިވާ ކަމަށާއި، މިހާރު އެ އިމާރާތުގައި ޔުނިވާސިޓީގެ އެއްވެސް މަސައްކަތެއް ނުހިނގާނެ ކަމަށެވެ.

އެގޮތުން ކުރިން ބާޖަމާލުއްދީންގައި ދެމުން އައި ދަރިވަރުންގެ އިދާރީ ކަންކަމާ ބެހޭ ހިދުމަތްތައް މިހާރު ދެމުން އަންނަނީ މަރުކަޒީ އިދާރާގައި ކަމަށް ވެސް ޔުނިވާސިޓީން ބުނެ އެވެ.

އޭގެ އިތުރުން ބާޖަމާލުއްދީންގައި ހިންގަމުން އައި ފެކަލްޓީ އޮފް އާޓްސް އަދި ސެންޓަ ފޯ އޯޕަން ލާނިން ބަދަލުކޮށްފައި ވަނީ ފެކަލްޓީ އޮފް ޓޫރިޒަމް އެންޑް ހޮސްޕިޓަލިޓީ އަށެވެ. އަދި ޔުނިވާސިޓީގެ ފެކަލްޓީ އޮފް ޝަރީއާ އިން ލޯ ބަދަލުކޮށްފައި ވަނީ ކުރީގެ އެމްއީއެސް އިމާރާތަށެވެ.

ބާޖަމާލުއްދީން ހުސްކުރަން އެންގި އިރު އެ އިމާރާތުގައި ހިންގި ދެ ފެކަލްޓީގެ ކޯސްތަކުގައި 1،200 އެއްހާ ދަރިވަރުން ދިޔައީ ތައުލީމް ހާސިލް ކުރަމުންނެވެ.

ޗުއްޓީއަށް ފަހު ޔުނިވާސިޓީގެ ކިޔެވުން އަލުން ފެށުމަށް ތައްޔާރުވަމުން އަންނަ އިރު، ބާޖަމާލުއްދީނުން އެހެން އިމާރާތްތަކަށް ބަދަލު ކުރެވުނު ފެކަލްޓީތަކުގެ ކިޔެވުން ވެސް ފެށޭނެ ކަމަށް ޔުނިވާސިޓީން ބުނެ އެވެ.