ބަންގުބަންދު ގޯލްޑް ކަޕްގައި ވާދަ ކުރާ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމަށް ބަންގާޅުގައި ތިބުމުގެ އިންތިޒާމު ވަރަށް ދަށް ކަމަށާއި ނަމަވެސް ކުޅުންތެރިން ތިބީ އެހުރިހާ ކަމެއް ހަނދާން ނައްތާލުމަށްފަހު ޒުވާން ޓީމެއްގެ ހުރި ޕޮޓެންޝަލް ދައްކަން ތައްޔާރަށް ކަމަށް ޓީމުން ބުނެފިއެވެ.

ބަންގާޅުގައި ހުރެ ސަންއާ ވާހަކަ ދައްކަމުން އެފްއޭއެމް ނޯމަލައިޒޭޝްން ކޮމިޓީގެ ވައިސް ޗެއާމަން އަހްމަދު ޝަކީބު ވިދާޅުވީ، ޕްރެކްޓިސް ކުރާނެ ރަނގަޅު ގުރައުންޑެއްވެސް ނެތް ކަމަށާއި ކުޅޭ ދަނޑުގެ ހާލަތުވެސް ދަށް ކަމަށެވެ.

"ޓްރިވެންޑުރަމްގައި ހުރި އިންތިޒާމު ތަކާ 10 ޕަސަންޓްވެސް ގާތް ނުކުރޭ. މުބާރާތުގައި ވާދަކުރަން އައި ހުރިހާ ޓީމަކުން ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައި. ދަނޑުގެ ޗޭންޖިން ރޫމުގައި ކުޅުންތެރިންނަށް އިންސްޓަރްކްޓް ކޮށްދޭނެ މާހައުލެއް ނެތް،" ކަންބޮޑުވުންތަކާއެކު ޝަކީބު ވިދާޅުވިއެވެ.

މިއަދުގެ މެޗަށް ބާއްވަން ޖެހޭ ޕްރީ މެޗް މީޓިން ބާއްވަން ލިބުނު ތަނުގައިވެސް އެއްވެސް ފެންވަރެއް ނެތް ކަމަށާއި ޕްރޮޖެކްޓަރެއް ނުލިބުމުން ކޯޗް ކުޅުންތެރިންނަށް ނަށް އިރުޝަދު ދިނީ ބޯޑެއް ބޭނުންކޮށްގެން ކަމަށްވެސް ޝަކީބު ވިދާޅުވިއެވެ.

ޝަކީބު ވިދާޅުވީ، މި މުބާރާތަށް ކޯޗް ފުރުސަތު ދިނީ ލީގްގައިވެސް ނިސްބަތުން މަދުން ކުޅެފައިވާ ކުޅުންތެރިންނަށް ކަމަށްވުމުން ކޯޗުގެ ވިސްނުން ހުރީ ބަންގުބަންދު ކަޕުން ކުޅުންތެރިންނަށް ސާފް ގޭމްސްއަށް ތަޖުރިބާ ހޯދައިދިނުން ކަމަށެވެ.

އަދި ކެމްބޯޑިއާއާ ދެކޮޅަށް ކުޅޭ މެޗަކީ ޒުވާން ކުޅުންތެރިންނަށް ރަނގަޅު ތަޖުރިބާއަކަށްވާނެ ކަމަށް ކޯޗް ފާހަގަކޮށްފައިވާ ކަމަށް ޝަކީބު ވިދާޅުވި އެވެ.

"އިންތިޒާމުތައް އެހެން ހުރި ނަމަވެސް ކުޅުންތެރިން ތިބީ ރެސްޓް ކޮށްގެން މިއަދުގެ މެޗަށް ފޯކަސް ކޮށްގެން" ކަމަށް ޝަކީބު ވިދާޅުވިއެވެ.