ސަހަރަންޕޫރު (ޖެނުއަރީ 11): އިންޑިއާގެ ސަހަރަންޕޫރު ސިޓީގައި 11 އަހަރުގެ އަންހެންކުއްޖަކު ރޭޕް ކުރުމަށް ފަހު ކަރުގަ ހިފައި މަރާލި ކަމަށް ތިން މީހަކު އެއްބަސްވެއްޖެ އެވެ.

އެ ތިން މީހުން ފުލުހުންނަށް ދިން ބަޔާނުގައިވާ ގޮތުން ދެ މީހުން ވެގެން އެ އަންހެން ކުއްޖާ ވަގަށް ނެގީ މިދިޔަ އަހަރު ޑިސެމްބަރު މަހު ފަހެއްގަ އެވެ. އަދި ތިން ވަނަ މީހާގެ ގެޔަށް އެ އަންހެން ކުއްޖާ ގެންދިޔުމަށް ފަހު އެ ކުއްޖާ ރޭޕް ކުރީ އެވެ. އެމީހުން އެކުއްޖާ މަރާލީ އެ ކުއްޖާ ހަޅޭއްލަވާތީ، އެހެން މީހަކަށް އަޑުއިވިދާނެތީ ކަމަށް ވެސް އެމީހުން ބުންޏެވެ.

އެ އަންހެންކުއްޖާގެ އާއިލާއިން ކުއްޖާ ގެއްލުނު ކަން ފުލުހުންނަށް ހުށަހެޅުމުން ފުލުހުން ކުއްތާ ބޭނުން ކޮށްގެން އެ ކުއްޖާ ހޯދުމުގެ މަސައްކަތް ފެށީ ޑިސެމްބަރު 7 ވަނަ ދުވަހު އެވެ. އެ ދުވަހު އެ ކުއްޖާގެ ހަށިގަނޑު ފުލުހުންނަށް ފެނުނީ ގޭންގް ރޭޕްގައި ބައިވެރިވި މީހެއްގެ ގެ ކައިރިންނެވެ. އަދި އޭނާއާ ސުވާލު ކުރުމުން އޭނާ ވަނީ ކުށަށް އިއުތިރާފްވެ ރޭޕް ކުރުމުގައި ބައިވެރިވި އިތުރު ދެ މީހުންގެ ނަންވެސް ދީފަ އެވެ.

އެ ކުޑަކުއްޖާ ރޭޕް ކުރުމަށް ފަހު މަރާލި މީހުން ހައްޔަރުކުރިގޮތް އަވަސް ކަމުން ސަހަރަންޕޫރުގެ ސީނިއާ ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ވަނީ އެ މީހުން ހޯދުމުގައި ބައިވެރިވި ފުލުހުންގެ ޓީމަށް 25،000 ރުޕީސް ދެއްވުމަށް ނިންމަވާފަ އެވެ. (ޓައިމްސް އޮފް އިންޑިއާ)