ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން ޕްރައިވެޓް ލިމްޓެޑް (އެސްޓީއޯ)ގެ މެޓްރޯ ޕޮލިސް ބިލްޑިންގައި ހިންގަމުންދާ މެޓްރޯ ކެފޭގެ ނުދައްކައި ހުރި ކުލީގެ އަދަދަށްވާ ފައިސާ ހަ މަސްދުވަހުގެ ތެރޭގައި ދައްކައި، ޖެނުއަރީގެ ނިޔަލަށް އެތަން ހުސްކުރަން ސިވިލް ކޯޓުން އަންގައިފި އެވެ.

ަސިވިލް ކޯޓުން ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު ކުރި ހުކުމަކީ، 2013 ވަނަ އަހަރުގެ ޖެނުއަރީ އެއްވަނަ ދުވަހު މެޓްރޯ ޕޮލިސް ބިލްޑިންގ، ނަޖާހް އާޓް ޕެލަސް ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށް ދިނުމަށް ވެވުނު އެއްބަސްވުމުގެ ދަށުން ކުލީގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ ނަޖާހް ކުންފުނިން ދައްކާފައި ނުވުމުގެ ސަބަބުން އެ ފައިސާ އާއި ޖޫރިމަނާ ފައިސާ ހޯދުމަށް އެސްޓީއޯ އިން ހުށަހެޅި މައްސަލަ ބެލުމަށްފަހު ކޮށްފައިވާ ހުކުމެކެވެ.

އެސްޓީއޯ އިން ނަޖާހު އާޓް ޕެލަސް ޕްރައިވެޓް ލިމިޓެޑަށް މެޓްރޯ ޕޮލިސް ބިލްޑިންގ ކުއްޔަށް ދޫކޮށްފައި ވަނީ މަހަކު 97،367.68 ރުފިޔާ ދައްކާ ގޮތަށެވެ.

އެސްޓީއޯއިން ކުރި ދައުވާގައި، ކުއްޔާއި ޖޫރިމަނާ ފައިސާ ހޯދުމުގެ އިތުރުން، މެޓްރޯ ކެފޭ ހުސްކުރުމަށާއި، ތަން ހުސްކޮށް ހަވާލު ކުރުމާ ހަމައަށް ޖޫރިމަނާގެ ފައިސާ ލިބުމުގެ ހައްގު އެސްޓީއޯ އަށް ލިބިފައިވާ ކަމަށް ކަނޑައަޅައި ދިނުމަށްވެސް އެދިފައިވެ އެވެ.

ސިވިލް ކޯޓުން މައްސަލަ ބެލުމަށްފަހު ކުރި ހުކުމްގައި ވަނީ، ނަޖާހް ކުންފުނިން ޝަރީއަތުގައި ދައްކާފައިވާ ވާހަކަތަކުން، އެސްޓީއޯ އާއެކު އެއްބަސްވުމެއްގައި ސޮއި ކޮށްފައިވާ ކަމާއި، އަދި އެސްޓީއޯ އަށް ދައްކަންޖެހޭ ފައިސާގެ ގޮތުގައި ކޯޓަށް ހުށަހަޅާފައިވާ ސްޓޭޓްމަންޓުތަކުގައިވެސް މައްސަލައެއް ނެތް ކަމަށް ބުނެފައިވާ ކަމަށެވެ.

ނަމަވެސް ނަޖާހް އާޓް ޕެލަސް ޕްރައިވެޓް ލިމިޓެޑުން ކޮށްފައިވާ އިންވެސްޓްމަންޓުގެ ބަދަލު އެސްޓީއޯ އިން ދޭން ޖެހޭނެ ކަމަށާއި، 31 ޑިސެމްބަރު 2013 ވަނަ ދުވަހު ދެ ކުންފުނީގެ ދެމެދުގައި ވެވުނު އެއްބަސްވުން ހަމަވެފައި ވާއިރު، އެސްޓީއޯއިން ހުށަހެޅި ދައުވާ ފޯމުގައި އެއްބަސްވުމުގެ މުއްދަތުގެ ތެރޭގައި ދައްކަންޖެހޭ ކުލީގެ އަދަދު ބަޔާންކޮށްފައި ނެތުމުން ދައުވާގެ އިޖުރާއަތު ފުރިހަމަ ނުވާކަމަށް ކަނޑައަޅައި މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައި މައްސަލަ ނިންމަވައިދެއްވުމަށް ވަނީ އެދިފަ އެވެ.

ސިވިލް ކޯޓުން ވަނީ ދައުވާ ފޯމުގައި، މައްސަލަ ކުރިއަށް ނުގެނަދެވޭނެ އިޖުރާއީ މައްސަލައެއް ނެތް ކަމަށް ނިންމާފަ އެވެ. އޭގެ އިތުރުން ކުއްޔަށް ދީފައިވާ ތަނަށް ނަޖާހް ކުންފުނިން ބަދަލު ގެނެސް ހަރަދުކޮށްފައި ވީނަމަވެސް، އެކަމުގެ ބަދަލު ދޭން ޖެހޭނެ ކަމަށް އެއްބަސްވެފައި ނެތުމުން، އޭގެ ބަދަލު ދޭން ނުޖެހޭނެ ކަމަށްވެސް ވަނީ ބުނެފަ އެވެ.

މައްސަލަ ބެލުމަށްފަހު ސިވިލް ކޯޓުން ނިންމާފައި ވަނީ، ނަޖާހް ކުންފުން ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭ 2،845،959.92 ރުފިޔާ އަކީ އެސްޓީއޯ އަށް ދައްކަން ޖެހޭ ފައިސާކަން ޝަރީއަތަށް ސާބިތުވާ ކަމަށް ކަނޑައަޅާފަ އެވެ.

އަދި އެ ފައިސާ ހަ މަސްދުވަހުގެ ތެރޭގައި ދައްކައި ހަލާސްކުރުމުގެ އިތުރުން، އެއް މަސް ދުވަހުގެ ތެރޭގައި ތަން ހުސްކޮށް، އިމާރާތް އެސްޓީއޯ އާ ހަވާލު ކުރުމަށްވެސް ވަނީ އަމުރުކޮށްފަ އެވެ.

އަދި ތަން ހުސްކުރެވެންދެން، އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މަގުން ތަނުގެ ކުއްޔާއި ޖޫރިމަނާ ލިބިގަތުމުގެ ހައްގު އެސްޓީއޯ އަށް ލިބިގެންވާ ކަމަށްވެސް ވަނީ ކަނޑައަޅާފަ އެވެ.