11 Jan 2016, 10:12
މެކްސިކޯ ސިޓީ (ޖެނުއަރީ 11): މެކްސިކޯގެ ސަލާމަތީ ކަންތައްތައް އެންމެ ވަރުގަދަ އެއް ޖަލުން ފިލައިގެން އުޅެނިކޮށް ހަ މަސް ފަހުން، އަލުން ހައްޔަރުކޮށްފައިވާ ޖޯގިން "އެލް ޗާޕޯ" ގުޒްމަން އެމެރިކާ އަށް ފޮނުވާލުމުގެ ރަސްމީ މަސައްކަތް ފަށައިފި ކަމަށް މެކްސިކޯގެ އޮފިޝަލުން ވިދާޅުވެއްޖެ އެވެ.
ހުކުރު ދުވަހު މެކްސިކޯގެ ފުލުހުންނާއި ގުޒްމަންއަށް ވާގިވެރިވާ ހަތިޔާރު އެޅި ބަޔާކާ ދެމެދު ހިނގި ހަމަލާ ބަދަލުކުރުންތަކަށް ފަހު ގުޒްމަން މިހާރު ހުރީ މެކްސިކޯގެ އަލްޓިޕްލާނޯ ޖަލުގަ އެވެ. އެޖަލަކީ އޭނާ މިދިޔަ ޖުލައި މަހު ބިމު އަޑިން ބިންގަރާހެއް ހަދައިގެން ފިލި ޖަލެވެ.
އިންޓަޕޯލް މެދުވެރިކޮށް އެމެރިކާ އިން ވަނީ މީގެ ކުރިން ވެސް ގުޒްމަން އެގައުމަށް ފޮނުވުމަށް ދެފަހަރަކު އެދިފަ އެވެ. އެންމެ ފުރަތަމަ ގުޒްމަން އެމެރިކާ އަށް ފޮނުވުމަށް އެ ގައުމުން އެދުނީ އޭނާ ހައްޔަރުގައި ހުއްޓައި މިދިޔަ އަހަރު ޖޫން 25ގަ އެވެ. ދެން އެދިފައި ވަނީ އޭނާ ޖަލުން ފިލި ފަހުން ސެޕްޓެމްބަރު ތިނެއްގަ އެވެ. މިހާރު ގުޒްމަން އަނެއްކާ ވެސް ހައްޔަރުކުރުމުން މެކްސިކޯ އިން ވަނީ ގާނޫނުގައިވާ ގޮތުގެ މަތިން އޭނާ އެމެރިކާ އަށް ފޮނުވުމުގެ އިންތިޒާމްތައް ފަށައިފަ އެވެ.
މެކްސިކޯގެ ލޯ އެންފޯސްމެންޓް އޮފިޝަލަކު ވިދާޅުވި ގޮތުގައި ގުޒްމަން އެމެރިކާ އަށް ފޮނުވާލުމުގެ އިންތިޒާމްތަކަށް ހަ މަސް ނަގާނެ ކަމަށް ލަފާ ކުރެވެ އެވެ. އޭގެ ފަހުން ވެސް ގުޒްމަންގެ ވަކީލުން މައްސަލަ އިސްތިއުނާފު ކުރަން ހުށަހަޅާނެ ކަމަށާއި، އޭގެއިން ކޮންމެ ފަހަރަކު ކޯޓު އަޑުއެހުންތައް ބޭއްވުމުން ގުޒްމަން އެމެރިކާއަށް ފޮނުވާލުމުގެ މަސައްކަތް އިތުރަށް ލަސްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އޭގެ ސަބަބުން އެތައް ހަފްތާއަކަށް ނުވަތަ މަސްތަކަށް މައްސަލަ ދެމިގެންދާނެ. މިފަދަ ކޭސްތައް ބައެއް ފަހަރު ހަ އަހަރަށް ވެސް ދެމިގެންގޮސްފައިވޭ،" އެއޮފިޝަލު ވިދާޅުވި އެވެ.
މުޅި ދުނިޔޭގައި ވެސް ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ގުޒްމަން ވަނީ މީގެ ކުރިން ވެސް ޖަލުން ފިލައިފަ އެވެ. މެކްސިކޯގެ ޖަލުން 2001 ވަނަ އަހަރު ފިލައިގެން އުޅެނިކޮށް 13 އަހަރު ފަހުން އޭނާ ހައްޔަރު ކުރީ 2014 ވަނަ އަހަރު އެވެ. އޭގެ ފަހުން އަނެއްކާ ވެސް 2015 ވަނަ އަހަރުގެ ޖުލައި މަހު އޭނާ ޖަލުން ފިލުމުން މެކްސިކޯގެ ސަރުކާރު ވަނީ ވަރަށް ބޮޑަށް ލަދުގަންނަން ޖެހިފަ އެވެ.
ގުޒްމަން އެމެރިކާ އަށް ފޮނުވާލާނީ އޭނާގެ "300 ނުވަތަ 400 އަހަރުގެ" ޖަލު ހުކުމް ނިމުމުން ކަމަށް މެކްސިކޯ އިން ކުރިން ބުނި ނަމަވެސް، މިހާރު އެގައުމުން ވަނީ ގުޒްމަން އެމެރިކާ އަށް ފޮނުވާލުމަށް އެއްބަސްވެފަ އެވެ. (ޓެލެގްރާފް)