11 Jan 2016, 09:55
މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑާގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ސޯދިގު އެ މިނިސްޓްރީގެ ޕޮލިސީ އެގްޒެކެޓިވްގެ މަގާމަށް ބަދަލުކޮށްފިއެވެ.
ރައީސް އޮފީހުގެ ވެބްސައިޓުގައިވާގޮތުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވަނީ އޭނާ އެ މިނިސްޓްރީގެ ޕޮލިސީ އެގްޒެކެޓިވްގެ މަގާމަށް ބަދަލުކުރައްވައިފައެވެ. ނަމަވެސް ބަދަލުކުރީ ކޮން ދުވަހަކު ކަމެއް ނޭނގެއެވެ.
ސޯދިގު ޑެޕިއުޓީ މިނިސްޓަރު ކަމުގެ މަގާމަށް ބަދަލުކުރެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ގެ މަގާމުގައި ހުންނަވަނިކޮށެވެ.
އޭނާގެ އިތުރުން ޖެންޑާ މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވްގެ މަގާމުގައި ހުންނެވީ އާމިނަތު ހުސައިން ޝަރީފެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް މުއާޒު އަލީ ވިދާޅުވީ ސީނިއާ ޕޮލިސީ އެގްޒެކެޓިވްގެ މަގާމުގައި ތިއްބަވާ ބޭފުޅުންނަށް ވެސް ލިބިވަޑައިގަންނަވާނީ ޑެޕިއުޓީ މިނިސްޓަރުންނަށް ވެސް ލިބިވަޑައިގަންނަވާ މުސާރަޔާއި އިނާޔަތްތައް ކަމަށެވެ.