11 Jan 2016, 09:39
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް އުފުލާފައިވާ ޚިޔާނާތްތެރިވުމުގެ ދައުވާގެ ދެވަނަ އަޑުއެހުން ކެންސަލްކޮށްފިއެވެ.
ކްރިމިނަނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހްމަދު މުހައްމަދު މަނިކު ސަން އަށް ވިދާޅުވީ އެ މައްސަލަ މިއަދު ކެންސަލްކޮށްފައި ވަނީ މައްސަލަ ބައްލަވާ ގާޒީ ޗުއްޓީގައި ހުންނެވުމުން ކަމަށެވެ. އެ މައްސަލަ ބައްލަވަނީ އެ ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދެވެ.
އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ބާއްވާފައި ވަނީ މިދިޔަ މަހުގެ 17 ވަނަ ދުވަހުއެވެ. އެ ދުވަހު ޒިޔަތު ވަނީ ދައުވާ އަށް އިންކާރުކުރައްވާފައެވެ. އެ ދުވަހުގެ ޝަރީއަތުގެ މަޖިލީހަށް ޒިޔަތުގެ ގާނޫނީ ވަކީލު ވެސް ހާޒިރުވެވަޑައިގަތެވެ.
ޒިޔަތުގެ މައްޗަށް އެ ދައުވާ އުފުލާފައި ވަނީ މާލެ އަތޮޅުގެ ފަޅެއް 50 އަހަރަށް އެބޮނީ ޕްރައިވެޓް ލިމިޑެޓް ނަމަކަށް ކިޔާ ކުންފުންޏަކަށް އެމްއެމްޕީއާރްސީން ކުއްޔަން ދިނުމުން، އެކަމުގެ އަގުގެ ގޮތުގައި އެ ކުންފުނީގެ ފަރާތުން ދައުލަތަށް ދެއްކި 1،000،000 ޑޮލަރުގެ ޗެކަކާ ޒިޔަތު ހަވާލުވެ، އެ ޗެކުގައިވާ ފައިސާ ދައުލަތަށް ލިބިފައި ނުވާތީ އެވެ.
ޒިޔަތުގެ މައްޗަށް އެ ދައުވާ އުފުލާފައި ވަނީ ގާނޫނުލް އުގޫބާތުގެ 215 ވަނަ މާއްދާގެ (ހ)އާ ހަވާލާދީ އެ ގާނޫނުގެ 210 ވަނަ މާއްދާގެ (ށ) ގެ އެއްވަނަ ނަންބަރުގެ ދަށުންނެވެ