ސައުތު އިންޑިއަން ފިލްމު އިންޑަސްޓްރީ އިން ފިލްމީ ދާއިރާ އަށް ތައާރަފުވި އާސިން ތޮޓުމްކަލް އަކީ ގިނަ ބައެއްގެ ހިތްތައް ކަތިލާފައިވާ ހުނަރުވެރި މޮޅު އެކްޓަރެކެވެ. އޭނާ ބޮޑަށް މަޝްހޫރުވެފައި ވަނީ 2008 ވަނަ އަހަރު އާމިރް ހާން އާއެކު ކުޅުނު ފިލްމު "ގަޖުނީ" އިންނެވެ.

"ގަޖުނީ" ފިލްމުގެ ވާހަކަ އާ އެއްގޮތަށް އާސިންގެ ހަގީގީ ދިރިއުޅުމުގައި ވެސް ވަނީ މުއްސަނދި ވިޔަފާރިވެރިއެއްގެ ލޯބީގެ ކުލަ ޖެހިފަ އެވެ.

އިންޑިއާގެ މިލިއަނަރެއް ކަމަށްވާ ރާހުލް ޝަރުމާ އާއި އާސިން، މިމަހުގެ 20 ވަނަ ދުވަހު ކައިވެނި ކުރަން މިހާރު ވަނީ ނިންމާފަ އެވެ.

ހަބަރުތައް ބުނާގޮތުން އެދެމީހުންގެ ކައިވެނީގެ ހަފްލާގެ ރަސްމިއްޔާތުތައް ބާއްވަން ހަމަޖެހިފައި ވަނީ މިމަހުގެ 19 އަދި 20 ވަނަ ދުވަހު ނިއުދިއްލީގެ އެންއެޗް8 ހޮޓަލުގަ އެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކައިވެނީގެ ހަފްލާ އަށް ދައުވަތު ދީފައި ވަނީ 100 ވަރަކަށް މީހުންނަށް ކަމަށް ހަބަރުތައް ބުނެ އެވެ. އެގޮތުން އެ މީހުންގެ ތެރޭގައި ހިމެނެނީ އާސިން އާއި ރާހުލްގެ އާއިލާ އަދި ގާތްތިމާގެ މީހުންގެ އިތުރުން ރައްޓެހިން ކަމަށް ވެސް ހަބަރުތައް ބުނެ އެވެ.

އެހެންނަމަވެސް ހަބަރުތައް ބުނާގޮތުން، އާސިން އާއި ރާހުލްގެ ފިލްމު އިންޑަސްޓްރީގެ ރަހުމަތްތެރިންނަށް ހާއްސަކޮށްގެން މުމްބާއީގައި 23 ވަނަ ދުވަހު ޕާޓީއެއް ބާއްވާނެ އެވެ.

ބޮލީވުޑްގެ ތަރި އަކްޝޭ ކުމާރު ދާދިފަހުން ކުރި ޓުވީޓެއްގައި ބުނެފައިވަނީ، އާސިން އާއި ރާހުލްގެ ކައިވެނީގެ ހަފްލާގައި ބައިވެރިވުމަށް ފުރަތަމަ ދައުވަތު ދީފައި ވަނީ އޭނާ އަށެވެ.

އަކްޝޭ ކުމާރާއި އޭނާގެ އަންހެނުންނަކީ ރާހުލް އާއި އާސިންގެ ވަރަށް ގާތް ދެ ރަހުމަތްތެރިންނެވެ.

އެހެންނަމަވެސް އަކްޝޭގެ އިތުރުން ދެން ދައުވަތު ދީފައިވަނީ ކޮން ތަރިންތަކަކަށް ކަމެއް އަދި ސާފެއް ނުވެ އެވެ.