11 Jan 2016, 10:02
އިނގިރޭސި އެފްއޭ ކަޕްގައި ޗެލްސީއާ ސްކެންތޯޕް ޔުނައިޓެޑް ކުޅުނު މެޗު ފަސޭހަ ކަމާ އެކު 0-2 ގެ ނަތީޖާ އަކުން ޗެލްސީ ކާމިޔާބުކުރި އިރު އެ މެޗުގައި އެ ޓީމްގެ ފޯވާޑް ޑިއެގޯ ކޮސްޓާއަށް އަނިޔާ ވެއްޖެއެވެ.
ޗެލްސީގެ ސްޓެމްފޯޑް ބްރިޖްގައި ކުޅުނު އެ މެޗުގެ ފުރަތަމަ ހާފްގައި ކޮސްޓާ ކާމިޔާބުކުރި ގޯލާއި ދެ ވަނަ ހާފްގައި އިންގްލޭންޑްގެ ޒުވާން މިޑްފީލްޑަރު ރުބެން ލޮފްޓްސް ޗީކް ޗެލްސީގެ ސިނިއާ ޓީމަށް ކާމިޔާބުކޮށްދިން ފުރަތަމަ ގޯލުން އެ ޓީމް މޮޅުވެ ހަތަރު ވަނަ ބުރުގެ ޖާގަ އެއް ވަނީ ކަށަވަރުވެފައެވެ.
އެ މެޗުގެ ދެވަނަ ހާފް ފެށުނުތަނާހެން އަނިޔާގެ ސަބަބުން އޮސްކާގެ ބަދަލުގައި ޗީކް ކުޅެން ނުކުމެފައިވާ އިރު، ކޮސްޓާއަށް އަނިޔާވެގެން ބަދަލުކޮށްފައި ވަނީ ދެވަނަ ހާފް ނިމެނިކޮށެވެ. ނަމަވެސް އެ ދެ ކުޅުންތެރިން ނަށް ލިބުނީ ކިހާވަރެއްގެ އަނިޔާ އެއް ކަމެއް އަދި ޗެލްސީ އިން ހާމަ ކޮށްފައެއް ނުވެއެވެ.
ރޭގެ އެ މޮޅާ އެކު ޗެލްސީއިން ޖެހިޖެހިގެން 18 ވަނަ ފަހަރު އެފްއޭ ކަޕްގެ ހަތަރު ވަނަ ބުރުން ޖާގަ ހޯދާފާވާ އިރު އެ ޓީމްގެ ކޯޗް ގޫސް ހިޑިންކް ބުނީ މުހިންމު ގިނަ ކުޅުންތެރިން ތަކަކަށް އަނިޔާވެގެންދާ އިރު ޒުވާން ކުޅުންތެރިންގެ ފަރާތުން ފެނިގެންދާ ކުޅުމާ މެދު ހިތް ހަމަ ޖެހޭ ކަމަށާއި އެ ކުޅުންތެރިން ނެތްތަން ފޫ ބެއްދޭ ވަރުގެ ކުޅުންތެރިން އެ ޓީމްގައި ތިބިކަން ސާބިތު ވެއްޖެ ކަމަށެވެ.
"ސީނިއާ ގިނަ ކުޅުންތެރިން ތަކެއް ނުލައި ކުޅުމަކީ އުނދަގޫ ކަމައް. ނަމަވެސް އެ ކުޅުންތެރިންނަށް އެބަޖެހޭ ރެސްޓްދީ ޒުވާން ކުޅުންތެރިން ނަށް ވެސް ފުރުސަތު ދޭން. އެ ކަމުގެ ފައިދާ ފެނިގެން ހިގައްޖެ މި މެޗުން،" ހިޑިންކް ބުންޏެވެ.
އެފްއޭ ކަޕްގައި ރޭ ޓޮޓެންހަމާއި ލެސްޓާސިޓީ ކުޅުނު މެޗުގައި ފަހު ވަގުތު ހެރީ ކޭން ކާމިޔާބް ކުރި ގޯލް އިން 2-2 ގެ ނަތީޖާ އަކުން ދެ ޓީމް ވަނީ އެއް ވަރުވެގެން ނިމިފައެވެ.