ޕެރިސް (ޖަނަވަރީ 11) -ފަރަންސޭސިވިލާތުގެ މުސްލިމުންނާއި ޣައިރު މުސްލިމުންނާ ދެމެދު އުފެދިފައިވާ ނުތަވަސްކަން ކުޑަކުރުމަށާއި ދެފަރާތުގެ ދެމެދުގައި އިތުބާރު ގާއިމު ކުރުމަށްޓަކައި ފަރަންސޭސިވިލާތުގެ މިސްކިތްތަކަށް ޒިޔާރަތް ކުރުމުގެ ދައުވަތު ފަރަންސޭސި މުސްލިމުންގެ ޖަމިއްޔާއިން އެގައުމުގެ ޣައިރު މުސްލިމުންނަށް ދީފިއެވެ.

ފަރަންސޭސި މުސްލިމުންގެ ޖަމިއްޔާ "ފްރެންޗް ކައުންސިލް އޮފް އިސްލާމިކް ރެލިޖަން" އިން ބުނީ ފަރަންސޭސިވިލާތުގެ މިސްކިތްތަކަށް ޒިޔާރަތް ކުރުމުގެ ދައުވަތު އެގައުމުގެ ޣައިރު މުސްލިމުންނަށް ދީފައިވާކަމަށާއި މިދައުވަތު ގަބޫލުކޮށް ގިނައަދަދެއްގެ ނަސާރާއިންނާއި އަދި ދީން ގަބޫލުނުކުރާމީހުން މިސްކިތްތަކަށް ޒިޔާރަތްކޮށް މުސްލިމުންނާ ވާހަކަދައްކައި އިސްލާމް ދީނާގުޅޭ ސުވާލުތައްކޮށް ގުޅުންތައް ބަދަހިކުރަމުން ގެންދާކަމުގައެވެ.

"ފްރެންޗް ކައުންސިލް އޮފް އިސްލާމިކް ރެލިޖަން" އިން މިދައުވަތު ހުޅުވައިލީ ކީރިތި ރަސޫލާ (ސލޢމ) އަށް ފުރައްސާރަކޮށް ކާޓޫނު ކުރަހަމުންދާ މަޖައްލާއެއްކަމަށްވާ ޗާލީ އެބްޑޫ ނޫހުގެ މައި މަރުކަޒަށް މިދިޔަ އަހަރުގެ ޖަނަވަރީމަހު ދިން ޓެރަރިސްޓް ޙަމަލާތަކަށް އެއްއަހަރު ފުރޭ ދުވަސްވަރާ ދިމާކޮށެވެ. ޗާލީ އެބްޑޫ ނޫހުގެ މަރުކަޒަށާއި އަދި ފަރަންސޭސިވިލާތުގެ ޔަހޫދީ ފިހާރައަކަށް ދިން އެހަމަލާތަކުގައި 17 މީހުން މަރުވެ އެތަށްބަޔަކު ޒަޚަމްވިއެވެ.

އެއަށްފަހު މިދިޔަ ނޮވެމްބަރު މަހު އައިއެސް ޖަމާއަތަށް ނިސްބަތްވާ ހަތިޔާރުއެޅި ބަޔަކު ފަރަންސޭސިވިލާތަށް ދިން ހަމަލާތަކުގައި 130 މީހުން މަރުވެ 100 އަށްވުރެ ގިނަމީހުން ޒަޚަމްވިއެވެ. މިދެ ހަމަލާގެ ފަހަތުގައިވެސް ވަނީ އިސްލާމް ދީނާއި މުސްލިމުންގެ ނަމަށް ހުތުރުއެރުވުމަށް މަސައްކަތް ކުރަމުންދާ ޓެރަރިސްޓުންނެވެ. މީގެތެރެއިން ގިނަ ބަޔަކު ނިސްބަތްވަނީ އައިއެސް ޖަމާއަތަށެވެ.

މި ހަމަލާތައް ހިންގީ ހަގީގަތުގައި މުސްލިމުންނާއި އިސްލާމް ދީނުގެ ދުޝްމަނުންކަމަށްވިޔަސް އެ ޖަރީމާތައް ހިންގި މީހުންނަށް އިސްލާމީ ނަންތައްކިޔައި މުސްލިމުން ކަމުގައި ސިފަކުރެވޭތީ ފަރަންސޭސިވިލާތުގައި ވަނީ މުސްލިމުންނާ އިދިކޮޅު އަދި މުސްލިމުންނަކީ ހަރުކަށި އަދި ގޮތެއް ފޮތެއްނެތް ބައެއްކަމަށް ސިފަކުރަމުންނެވެ. މިއާއެކު ފަރަންސޭސި މުސްލިމުންނާއި ޣައިރު މުސްލިމުންގެ ގުޅުންތަކަށްވަނީ ބުރޫ އަރާފައެވެ. އަދި ފަރަންސޭސި ޣައިރު މުސްލިމުންގެ ފަރާތުން އެގައުމުގެ މުސްލިމުންނަށް ކުރިމަތިވާ ދުއްތުރާތައްވެސްވަނީ އެ ހަމަލާތަކަށްފަހު ބޮޑުވެގެން ގޮސްފައެވެ.

ފަރަންސޭސިވިލާތުގެ މުސްލިމުންނާއި ޣައިރު މުސްލިމުންނާ ދެމެދު އުފެދިފައިވާ ނުތަވަސްކަން ކުޑަކުރުމަށާއި ދެފަރާތުގެ ދެމެދުގައި އިތުބާރު ގާއިމް ކުރުމަށްޓަކައި ފަރަންސޭސި މުސްލިމުންގެ ޖަމިއްޔާ އިން އިސްނަގައިގެން ހިންގާ މިޕްރޮގްރާމުގެ ދަށުން މުސްލިމުންގެ މިސްކިތްތަކަށް ޒިޔާރަތްކުރާ ޣައިރު މުސްލިމުންނަށް އެކިއެކި ބުއިންތަކާއި ލުއިކާނާތައްވެސް ފޯރުކޮށްދޭކަމަށް ވެއެވެ.

ފަރަންސޭސި މުސްލިމުންގެ ބޭނުމަކީ މުސްލިމުންނަކީ އުޅުންތެރި ތަހުޒީބު އަދި ޙަޟާރީ ބައެއްކަން ޣައިރު މުސްލިމުންނަށް ހާމަކޮށްދީ އިސްލާމް ދީނުގެ މަތިވެރި އުސޫލުތައް ޣައިރު މުސްލިމުންނަށް ތައާރަފް ކޮށްދިނުމެވެ. (ބީބީސީ)