11 Jan 2016, 09:45
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ސިޒޭރިއަން ހެދުމުގެ ތެރޭގައި ލޭމަނާ ނުވެ، އިއްޔެ ރޭ ނިޔާވި އާއިޝަތު ފަރިޔާލުގެ އޮޕަރޭޝަންކުރި ޑޮކްޓަރު ރާއޯއާއި އެ ހޮސްޕިޓަލުގެ މެނޭޖަރު މުހައްމަދު ހަސަން ބަދަލުކޮށްދިނުމަށް ކުޅުދުއްފުށީ ކައުންސިލުން އެދެފިއެވެ.
ފަރިޔާލުގެ މަރާއެކު ކުޅުދުއްފުށީގައި ކުރި މުޒާހަރާއާ ގުޅުވައިގެން އެރަށު ކައުންސިލުން ހެލްތު މިނިސްޓަރަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައިވަނީ، އެމަރާއި ވޭތުވެދިޔަ ހަތަރު މަސްތެރޭގައި ވިހެއުމާއި ގުޅިގެން ހިގާފައިހުރި ގިނަ މައްސަލަތަކެއްގައި ރައްޔިތުންގެ އިހްސާސްތައް "ހައްދުން ނެއްޓި" ފައިވާ ކަމަށެވެ.
"މިވަގުތު އެންމެ މަސްލަހަތު ހުރި ގޮތްކަމަށް އަޅުގަނޑަށް ފެންނަނީ ރައްޔިތުންގެ އެދުމުގެ ތެރެއިން މުހައްމަދު ހަސަންއާއި ޑޮކްޓާ ރާއޯގެ މަގާމު ތިޔަ މިނިސްޓްރީގެ ބެލުމުގެ ދަށުން ބަދަލުކޮށްދެއްވުން." އެސިޓީގައި ބުނެފައިވެއެވެ.
ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ވަހީދު އިއްޔެ ސަންއަށް ވިދާޅުވީ ސިޒޭރިއަން ހެދި ޑޮކްޓަރު ސަސްޕެންޑްކޮށް މިހާރު އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.
"އޭނާ މިހާރު ހުރީ ސަސްޕެންޑް ކޮށްފައި. އޭނާ މާލެ ގެނެސް ސުވާލު ކުރުމަށް އަޅުގަނޑުމެން މިދަނީ މަސައްކަތް ކުރަމުން. އެއަށް ފަހު އިތުރު ފިޔަވަޅުވެސް އަޅާނަން،" ޑރ އަބްދުﷲ ވަހީދު ވިދާޅުވި އެވެ.
ސިޒޭރިއަން ހެދުމަށްފަހު ލޭ މަނާނުވެގެން ފަރިޔާލު އިއްޔެ ނިޔާވެފައިވަނީ އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށެވެ.
ފަރިޔާލުގެ މަރާ ގުޅިގެން އިއްޔެ ވަނީ ކުޅުދުއްފުށީ ހޮސްޕިޓަލުގެ ބޭރުގައި ގިނަ ބަޔަކު އެއްވެ މުޒާހަރާކޮށްފައެވެ.