އެމެރިކާގެ މޭރީލޭންޑްގެ ހޮސްޕިޓަލެއްގައި ބަލި މީހަކު ސިނގިރޭޓެއް ރޯކޮށްލުމާ އެކު އޭނާގެ އޮކްސިޖަން މާސްކުގައި ވެސް ރޯވެއްޖެ އެވެ.

އެމެރިކާގެ މީޑިޔާގައި ރިޕޯޓު ކުރެވިފައިވާ ގޮތުން، މޭރީލޭންޑްގެ ހާފޯޑް މެމޯރިއަލް ހޮސްޕިޓަލުގައި އޮތް 60 އަހަރުގެ ބަލި މީހަކު އޭނާގެ ކޮޓަރީގައި އޮވެ، ސިނގިރޭޓެއް ރޯކޮށްލުމާއި އެކު އޭނާގެ އޮކްސިޖަން މާސްކާއި، އެނދުގެ ވަށައިގެން ހުރި ބައެއް ތަކެތީގައި ވަނީ ރޯވެފަ އެވެ.

އޮކްސިޖަންއަކީ އަލިފާން ހިފާ ގޭހަކަށް ނުވި ނަމަވެސް، އޮކްސިޖަންއަކީ އަލިފާނުގެ ހުޅު ފެތުރުމަށާއި ހުޅުގަނޑު ބޮޑުވެ، އެނދުމުގައި ބޮޑު ދައުރެއް އަދާކުރާ ގޭހެކެވެ.

ހޮސްޕިޓަލުގެ މުވައްޒަފުން ބުނީ، އަލިފާނުގެ ހާދިސާއެއް ހިނގިކަން އެނގުނީ، އަލިފާން ރޯވެއްޖެ ކަމަށް ބުނެ ޕޭޝަންޓަކު ގޮވަން ފެށުމުން ކަމަށެވެ.

މި ހާދިސާ ހިނގަން މެދުވެރި ކުރުވި ޕޭޝަންޓުގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލުން ބުނާ އިރު، އޭނާ ވަނީ ވަގުތުން އެހެން ތަނަކަށް ޓްރާންސްފާ ކުރެވިފަ އެވެ.