ރަޝިޔާގެ ބެލްގޮރޯޑްގެ ހޮސްޕިޓަލެއްގައި ޑޮކްޓަރަކު ޕޭޝަންޓެއްގެ މޫނުމަތީގައި ޖެހުމުގެ ސަބަބުން އެ ޕޭޝަންޓު މަރުވެއްޖެ އެވެ.

ނިމިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހު، ރަޝިޔާގެ ބެލްގޮރޯޑުގެ އެ ހޮސްޕިޓަލަށް ފަރުވާ ހޯދުމަށް ދިޔަ ޕޭޝަންޓު، ކަމަކާ ހިތްހަމަ ނުޖެހުމުގެ ސަބަބުން، އޭނާއަށް ފަރުވާ ދޭން ހުރި ނަރުހުގެ ގައިގައި ފައިން ޖެހި އެވެ. އެއާއި އެކު، ޑޮކްޓަރަކަށް މި މަންޒަރު ފެނި، އެ ޕޭޝަންޓުގެ މޫނު މަތީގައި ޖެހުމަށް ފަހު އޭނާ މައިތިރި ކުރީ އެވެ. އެހެން ނަމަވެސް، ޑޮކްޓަރު ޖެހި އެ އެތިފަހަރާއި ގުޅިގެން ޕޭޝަންޓު ބިންމައްޗަށް ވެއްޓި އޭނާގެ ބޯ ޖެހި، އޭނާ މަރުވީ އެވެ.

މި ހާދިސާގެ ސާވޭލަންސް ވީޑިއޯއެއް ވެސް އާންމުވެފައިވާ އިރު، ޑޮކްޓަރު ޕޭޝަންޓުގެ މޫނުގައި ޖެހުމުން އޭނާ ވެއްޓުމާއި އެކު، ޑޮކްޓަރު ވަނީ އޭނާއަށް ސީޕީއާރު ދީގެން ނޭވާ ލެއްވުމަށް މަސައްކަތް ކޮށްފަ އެވެ. އެހެން ނަމަވެސް އޭގެ ކުރިން ހިނގި ކަންތައް ކަމުގައިވާ، ޕޭޝަންޓު ނަރުހަކަށް ހަމަލާ ދޭ މަންޒަރެއް އެ ފުޓޭޖުން ފެނިފައެއް ނުވެ އެވެ.

މި ހާދިސާގެ ތަހްޤީޤަށް ޕޭޝަންޓުގެ އޮޓޮޕްސީ ހެދި އިރު، އޭނާ މަރުވީ އޭނާގެ ބޯ ޖެހި، ސިކުނޑިއަށް ލިބުނު ގެއްލުމަކާއި ގުޅިގެން ކަން ހާމަވެފައި ވެ އެވެ. އެހެންކަމުން، ފުލުހުން ވަނީ އެ ޕޭޝަންޓުގެ ގައިގައި ޖެހި ޑޮކްޓަރާއި ދެކޮޅަށް ޖިނާޢީ މައްސަލައެއްގެ ގޮތުގައި މި ހާދިސާ ތަހްޤީޤު ކުރަން ފަށައިފަ އެވެ.

ބެލްގޮރޯޑް ސިޓީ ހޮސްޕިޓަލުން މިހާރު ވަނީ އެ ޑޮކްޓަރު ވަޒީފާއިން ވެސް ވަކި ކޮށްފަ އެވެ.

މި މައްސަލައިގައި ޑޮކްޓަރުގެ މައްޗަށް ކުށް ސާބިތު ވެއްޖެ ނަމަ، އޭނާގެ މައްޗަށް ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އަތުވެދާނެ ކަމަށް ލަފާ ކުރެވެ އެވެ.