11 Jan 2016, 09:05
ދުނިޔޭގެ އެންމެ ގިނަ ބަޔަކު ވަދެ، ބޭނުންކުރާ އެއް ވެބްސައިޓަކަށް ވާނީ ފޭސްބުކް އެވެ. އެންމެ ގިނަ ބަޔަކު ބޭނުންކުރާނެ ސްމާޓްފޯން އެޕްއަކީ ވެސް ފޭސްބުކް ކަމުގައި ވާނެ އެވެ.
ފޭސްބުކުން ތަޢާރަފު ކޮށްފައިވާ މެސެންޖާ އެޕަކީ ވެސް ގިނަ ބައެއްގެ ތަރުހީބު ލިބިފައިވާ އެއްޗެކެވެ. މި އެޕް، މަހަކު 800 މިލިޔަން މީހުން ބޭނުންކުރާކަން ފޭސްބުކުން ދާދި ފަހުން ވަނީ ހާމަ ކޮށްފަ އެވެ. މިހާރު މެސެންޖާ އެޕް ވަނީ ވަރަށް ބޮޑަށް ކުރި އަރައިފަ އެވެ. ވަރަށް ތަފާތު، އާ ފީޗާތަކެއް އޭގައި ހިމެނެ އެވެ.
މެސެންޖާ ވެބްސައިޓް
މެސެންޖާގެ ސްޓޭންޑް އަލޯންވެބްސައިޓެއް އޮވެ އެވެ. ފޭސްބުކް އެޕްލިކޭޝަން ބޭނުންކޮށްގެން ރަހުމަތްތެރިންނާ ވާހަކަ ދައްކާ ނަމަ، ފޭސްބުކް ނިއުސް ފީޑުން ފެންނަ ކޮންމެވެސް އެހެން ކަމަކަށް ޝައުޤުވެރިކަން ދަމައިގަނެދާނެ އެވެ. ނަމަވެސް ފޭސްބުކާއި ނިއުސްފީޑު "ދުރު ކޮށްލުމަށް ފަހު" މެސެންޖާގެ ވެބްސައިޓުން ލޮގްއިން ވެގެން ޗެޓު ކުރެވޭނެ އެވެ. މި ވެބްސައިޓަށް ފޭސްބުކް އެކައުންޓްގެ މައުލޫމާތު ބޭނުންކޮށްގެން ވަދެވޭނެ އެވެ. މެސެންޖާއަށް ވަނުމަށް ފަހު، ފޭސްބުކްގައި ތިމާއާ ރަހުމަތްތެރި ފަރާތްތަކާ ވާހަކަ ދެއްކޭނެ އެވެ. ވަރަށް ފަސޭހަ އިންޓަފޭސްއެއް އިންނަ އިރު، ވާތް ފަރާތުގައި ޗެޓް ހިސްޓްރީ، އަދި ކަނާތް ފަރާތުގައި މެސެންޖާއިން ދޭ އެކިއެކި އޮޕްޝަންތަކާއި، ދެ ފަރާތުގެ ދެމެދުގައި ހިއްސާ ކުރެވިފައިވާ ފޮޓޯއާއި ވީޑިއޯ ފަދަ ތަކެތި ފެންނަން ހުރެ އެވެ.
މެސެންޖާއަށް ވަނުމަށް ފޭސްބުކް ބޭނުމެއް ނުވޭ!
މެސެންޖާއަށް ވަދެ، ރަހުމަތްތެރިންނާ ވާހަކަ ދައްކާލުމަށް ކޮންމެހެން ފޭސްބުކް އެކައުންޓެއް ބޭނުމެއް ނުވެ އެވެ. އޭގައި "ނޮޓް އޮން ފޭސްބުކް" އޮޕްޝަންއެއް ހުށަހެޅިފައިވާ އިރު، ފޭސްބުކްއެއް ނެތް ފަރާތްތަކުން އެ އޮޕްޝަން މެދުވެރިކޮށް މެސެންޖާއަށް ވަދެވޭނެ އެވެ. ބޭނުންވަނީ ހަމައެކަނި ރެޖިސްޓާ ކޮށްލުމަށް ފޯނު ނަމްބަރެކެވެ.
ގްރޫޕު ޗެޓުތައް - މަޖާ ކަމެއް
މެސެންޖާއިން ގްރޫޕު ޗެޓު ކޮށް ހެދުމަކީ މަޖާ ކަމެކެވެ. މެސެންޖާގައި ހެދިފައިވާ އެކި ގްރޫޕު ޗެޓުތަކުގެ ތެރެއިން، ބޭނުންވާ ގްރޫޕު ޗެޓެއް ލިސްޓުގެ މަތީގައި ޕިން ކޮށްލެވެ އެވެ. ގްރޫޕު ޗެޓަށް ނަމެއް ދީ، އެއަށް ޚާއްސަ ފޮޓޯއެއް ވެސް ލެވޭނެ އެވެ.
ނޯޓިފިކޭޝަންސް މިއުޓް ކުރުން
ބައެއް ގްރޫޕު ޗެޓުތައް ނުވަތަ ބައެއް މީހުންނާ އެކު ފަށާފައިވާ ޗެޓުތަކުގެ ވިންޑޯ ތަކުން އަންނަ ނޯޓިފިކޭޝަނާއި ހެދި އުނދަގޫ ވާ ގޮތް ދިމާވެ އެވެ. އެހެންކަމުން މެސެންޖާގައި އެފަދަ ކޮންވަޒޭޝަންތައް މިއުޓް ކޮށްލެވެ އެވެ. ޗެޓް ވިންޑޯގެ ސެޓިންގްސްއަށް ގޮސް، ނޮޓިފިކޭޝަންސްއަށް ފިއްތައިލުމަށް ފަހު، އެ ކޮންވަޒޭޝަނުގެ ނޯޓިފިކޭޝަން އައުން ހުއްޓުވާނެ މުއްދަތެއް ކަނޑައެޅޭނެ އެވެ. ފަނަރަ މިނިޓު، ގަޑި އިރެއް، އަށް ގަޑިއިރު ނުވަތަ 24 ގަޑި އިރަށް ވެސް ނޯޓިފިކޭޝަން އޮފް ކޮށްލެވޭނެ އެވެ.
ފޭޝަލް ރިކޮގްނިޝަނާއި އެކު ފޮޓޯ ޝެއާ ކުރުން
މެސެންޖާ އެޕްއަށް ތައާރަފު ކޮށްފައިވާ "ފޮޓޯ މެޖިކް" ފީޗަރަކީ، ތިބާ ވާހަކަ ދައްކަމުން ގެންދާ ރަހުމަތްތެރިޔާގެ ފޮޓޯއެއް ގެލެރީގައި ވާ ނަމަ، ފޭޝަލް ރިކޮގްނިޝަން ބޭނުންކޮށްގެން އެ ފޮޓޯތައް ދެނެގަނެ، އެ ފޮޓޯތައް އެ ރަހުމަތްތެރިޔާއާ ޝެއާ ކޮށްލުމަށް ބާރު އަޅައިދޭ ފީޗާއެކެވެ.
މެސެޖް ތުރެޑު ބޭނުން ގޮތަކަށް ކަސްޓަމައިޒް ކޮށްލެވޭ!
ރަހުމަތްތެރިޔާ ނުވަތަ ގިނަ ރަހުމަތްތެރިންނަށް މެސެޖު ފޮނުވާ ކޮންވަޒޭޝަން އޮތީ ތިމާގެ އަތް މަތީގަ އެވެ. އެ ކޮންވަޒޭޝަނުގެ ކުލަ މެސެންޖާއިން ބަދަލު ކުރެވެ އެވެ. ކޮންވަޒޭޝަންގައި ވަކި ރަހުމަތްތެރިއަކަށް "ނިކް ނޭމް" ދެވެ އެވެ. މެސެންޖާގައި މެސެޖު ލިޔާ ތަނުގެ ކަނާތް ފަރާތުގައި އިންނަ ނޫ ކުލައިގެ "ތަމްބްސް އަޕް" ނިޝާނުގެ ބަދަލުގައި އެތަނަށް އިމޯޖީއެއް މިހާރު ލެވޭނެ އެވެ.