އެމެރިކާގައި ޓެރަރިޒަމާ ދެކޮޅު ހެދުމުގެ ގޮތުން އެޤައުމުގެ ވިސާ ނެގުމުގެ ނިޒާމަށް ގެނައި ބަދަލެއްގެ ތެރޭގައި، ނޫސްވެރިންނާއި، ރެފިއުޖީންނާއި، އިންސާނީ އެހީ ފޯރުކޮށްދޭ މީހުންނާއި ވިޔަފާރިވެރިންނަކީ ޓެރަރިޒަމްގެ ބިރު އޮތް ބައެއްގެ ގޮތުގައި ހިމަނައި، ބައެއް މީހުންނަށް ވިސާ ދޭ ގޮތް ހަރުކަށި ކޮށްފި އެވެ.

މީގެ ކުރިން އެމެރިކާގެ ވިސާ ވެއިވާ ޕްރޮގްރާމުގެ ދަށުން، ދުނިޔޭގެ 38 ޤައުމަކުން މީހުން އެމެރިކާއަށް ދަތުރުކޮށް، 90 ދުވަސް ވަންދެން ވިސާއާ ނުލައި ހުރެވެ އެވެ. އެހެން ނަމަވެސް ގެނެވުނު އާ ބަދަލާއި އެކު، 2011 ވަނަ އަހަރަށް ފަހު އިރާޤް، ސީރިޔާ، އީރާން އަދި ސޫދާނަށް ދަތުރުކޮށްފައިވާ މީހަކު، ނުވަތަ އެޤައުމުގެ ސިޓިޒެންޝިޕް އޮންނަ އެހެން ޤައުމެއްގެ މީހަކަށް ވެސް ވިސާ ވެއިވާ ޕްރޮގްރާމުގެ ދަށުން ވިސާއެއް ނުލިބޭނެ އެވެ. މީގެ ފަހުން، އެފަދަ މީހުން ބެލެވޭނީ ޓެރަރިޒަމްގެ ބިރެއްގެ ގޮތުގައި ކަމަށް ކަނޑައެޅިފައިވާ އިރު، އެފަދަ މީހަކު އެމެރިކާއަށް ދަތުރުކުރުމަށް އެދޭ ނަމަ، އެމެރިކާގެ ކަމާ ބެހޭ ފަރާތްތަކުގެ އިންޓަވިއު މަރުހަލާ ކަޑައްތު ކުރަން ޖެހެ އެވެ.

އެޗްއާރު 158 ގެ ނަމުން ނަން ދެވިފައިވާ މި ވިސާ އިސްލާހާ އެކު، ރެފިއުޖީންނާއި، ވިޔަފާރިވެރިންނާއި ނޫސްވެރިން އަދި އިންސާނީ އެހީދޭ ފަރާތްތައް ވެސް ހިމެނެނީ ޓެރަރިޒަމްގެ ބިރުގެ ގޮތުގަ އެވެ.

ސީރިޔާގައި ހިނގާ ދާޚިލީ ހަނގުރާމަ ކަވަރު ކުރާ ނޫސްވެރިއަކު އެމެރިކާއަށް އައި ނަމަ، އޭނާ ވެސް ބެލެވޭނީ ޓެރަރިޒަމަށް އޮތް ބިރެއްގެ ގޮތުގަ އެވެ.

ވިޔަފާރިވެރިންނާއި ރެފިއުޖީން ވެސް ޓެރަރިޒަމްގެ ބިރަކަށް އެމެރިކާގައި ވަނީ، ހަތިޔާރު އެޅި ހަނގުރާމަވެރި ޖަމާޢަތްތަކާއި އެމީހުންނާ ގުޅުމެއް އޮތުމުގެ ފުރުސަތު ބޮޑުވުމުންނެވެ.

އައިއެސް ޖަމާޢަތުން މީގެ ކުރިން ވަނީ، ރެފިއުޖީންގެ ނަމުގައި އެމީހުންގެ ހަނގުރާމަވެރިން އެމެރިކާއަށް ފޮނުވައި، އެމެރިކާ ހަލާކު ކޮށްލާނެ ކަމުގެ އިންޒާރު އެމެރިކާއަށް ދީފަ އެވެ.