10 Jan 2016, 22:16
އިންޑިއާގެ ފޮރިން ސެކްރެޓަރީ ޖައިޝަންކަރް މާދަމާ ރާއްޖެއަށް ވަޑައިގަންނަވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.
ފޮރިން މިނިސްޓްރީގެ ރަސްމީ ޓުވިޓާ އެކައުންޓުން މިރޭ ކުރި ޓުވީޓެއްގައި ބުނެފައި ވަނީ އިންޑިއާގެ ފޮރިން ސެކްރެޓަރީ ޖައިޝަންކަރު މާދަމާ ރާއްޖެ އަށް ވަޑައިގަންނަ ވާނީ ރަސްމީ ދަތުރުފުޅެއްގައި ކަމަށެވެ.
އިންޑިއާގެ ދަ ހިންދޫ ނޫހުން ބުނީ ޖައިޝަންކަރު ރާއްޖެއަށް ވަޑައިގެންނެވުމަށް ފަހު ދެން ވަޑައިގަންނަވާނީ އަވަށްޓެރި ސްރީލަންކާ އަށް ކަމަށެވެ.
އިންޑިއާގެ ފޮރިން ސެކްރެޓަރީ މި މަހުގެ 15 ވަނަ ދުވަހު ޕާކިސްތާނަށް ވެސް ވަޑައިގަންނަވަން ވަނީ ހަމަޖެހިފަ އެވެ. ނަމަވެސް އިންޑިއާއާއި ޕާކިސްތާނާއި ގުޅޭ ސަރަހައްދީ ރޮނގުގެ ކައިރީގައިވާ އިންޑިއާގެ ވައިގެ ސިފައިންގެ މަރުކަޒަކަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ޕާކިސްތާނަށް ދަތުރުފުޅު ކުރައްވައިފާނެ ކަމާ މެދު މިހާރު ސުވާލު އުފެދިފައިވާ ކަމަށް ދަ ހިންދޫ ނޫހުން ބުންޏެވެ.
އިންޑިއާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން އަންނަނީ ބަދަހި ވަމުން ކަމަށް ދެގައުމުގެ ސަރުކާރުން ވެސް އަންނަނީ ތަކުރާރުކޮށް ބުނަމުންނެވެ.