15 Apr 2011, 10:41
ޑޮލަރުގެ އަގަށް ސަރުކާރުން ގެނައި ބަދަލާ ގުޅިގެން ތަކެއްޗާއި ހިދުމަތުގެ އަގުތައް ބޮޑުވާކަމަށް ވާހަކަ ދެކެވުނަސް، ކަންބޮޑުވާވަރުގެ ލޮޅުންތަކެއް ބާޒާރަށް އަންނަމުންދާކަމަށް ނުބެލެވޭ ކަމުގައި ތަފާތު ވިޔަފާރިވެރިން ބުނަމުން ގެންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މިއަދު ރައީސް ނަޝީދު ދެއްވި ރޭޑިއޯ ހިތާބުގައި ޑޮލަރުގެ އަގަށް ސަރުކާރުން ގެނައި ބަދަލާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ވިދާޅުވީ، ޑޮލަރުގެ އަގަށް ގެނައި ބަދަލަކީ ސަރުކާރުން ނުވަތަ އެމަނިކުފާނު އަންގަވައިގެން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކުއްލިއަކަށް ކުރި ކަމެއް ނޫން ކަމަށެވެ. އެގޮތުން ޑޮލަރުގެ އަގު ކަނޑައަޅާގޮތް ބަދަލުކުރުމަށް ސަރުކާރުން ބޭންކުތަކުގެ އިސްފަރާތްތަކާވެސް މަޝްވަރާކުރި ކަމަށާއި އަދި ބޭރުގެ މާލީ އިދާރާތަކުގެ ލަފައާއި އިރުޝާދުވެސް ހޯދި ކަމުގައި ރައީސް ވިދާޅުވި އެވެ.
އަދި އެ ނިންމުމުގެ ސަަބަބުން ތަކެތީގެ އަގު އުފެލުމުންދާ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅޭ ގޮތުން ރައީސް ވިދާޅުވި އެވެ؛ "ތަކެއްޗާއި ހިދުމަތުގެ އަގުތައް ބޮޑުވާކަމަށް ވާހަކަ ދެކެވުނަސް، މައިގަނޑު، އަދި ކަންބޮޑުވާވަރުގެ ލޮޅުންތަކެއް ބާޒާރަށް އަންނަމުންދާކަމަށް ނުބެލެވޭ ކަމުގައި ތަފާތު ވިޔަފާރިވެރިން އެބަބުނޭ. ސަބަބަކީ، މީގެ މަސްތަކެއް ކުރީއްސުރެ ޑޮލަރުގެ އަގު ވިޔަފާރިވެރިން ހިސާބު ކުރައްވަމުން ގެންދަވާފައި ހުރީ، މިހާރު ހުއްދަ ކުރެވިފައި އެވާ މިންގަނޑުގެ މެދަށްވުރެ މަތީގައި ކަމުގައިވާތީ،"
އެމަނިކުފާނު ވިދާޅުވީ، ދާދި އަވަހަށް ޑޮލަރުގެ އަގުތައް ކަނޑައެޅިފައިވާ މިންގަނޑުގެ މެދު ކަމުގައިވާ 12.85ރ. އަށްވުރެ ދަށަށް ޖެހި، މުދަލާއި ހިދުމަތްތަކުގެ އަގުތަކަށް ހެޔޮބަދަލުތަކެއް ދެތިން މަސްދުވަހުގެ ތެރޭ އަންނާނެ ކަމަށް ސަރުކާރުން ދެކޭ ކަމަށެވެ.
"ފިނޭންސް މިނިސްޓަރާއި، އެމްއެމްއޭގެ ފަރާތުންވެސް ވިދާޅުވެފައިވާ ފަދައިން މިކަމުގެ ހެޔޮފާލުތައް ދެތިންމަސްދުވަހުގެ ތެރޭގައި ފެނި، ހަމައަކަށް އެޅިގެންދާނެ ކަމުގައި އަޅުގަނޑުމެން އުންމީދުކުރަން،" މިއަދު ދެއްވި 93 ވަނަ ރޭޑިއޯ ހިތާބުގައި ރައީސް ވިދާޅުވި އެވެ.
މެދު އާމްދަނީ ލިބޭ ގައުމުތަކުގެ ލިސްޓަށް ރާއްޖެ އަރައިފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ އިގުތިސާދު ދުޅަހެޔޮގޮތުގައި ދެމެހެއްޓުމަށްޓަކައި އިގުތިސާދީ އަދި މާލީ ބައެއް ކަންކަމަށް ކޮންމެހެން ގެންނާންޖެހޭ ބަދަލުތަކެއް ސަރުކާރުން ގެންނަމުންދާ ކަމަށާއި އޭގެ ތެރެއިން ގިނަ ކަންކަން މިހާރު ފުރިހަމަކުރެވިއްޖެ ކަމަށެވެ.
އޭގެ ތެރޭގައި ޓެކްސްގެ ނިޒާމަށް ބަދަލު ގެނައުމާއި، އެކްސްޗޭންޖް ރޭޓް ބަންދުން ވީއްލުމާއި، ބިން ގަނެވިއްކުމުގެ މުއާމަލާތްތައް ހިންގުމާއި، ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕްތައް އިތުރުކޮށް، ސަރުކާރުން ވިޔަފާރިކުރުން މަދުކުރުމާއި، މި އެންމެ ކަންކަން އެކުލެވޭ މާލީ އަދި އިގުތިސާދީ ނިޒާމެއް ގާއިމު ކުރުން ހިމެނޭކަން ރައީސް ފާހަގަކުރެއްވި އެވެ.
"އަޅުގަނޑުމެންނަށް މަޑުމަޑުން ނަމަވެސް މިދެންނެވި ބޮޑެތި ބަދަލުތައް މިހާރު މިގެނެވި ފުރިހަމަ ކުރެވުނީ. ދެން އަޅުގަނޑުމެން މި ނިޒާމުގެ ތެރޭގައި ފައްކާވުމަށް ކުޑަހިނދުކޮޅެއް ނެގުމަށްފަހުގައި، އަޅުގަނޑުމެންގެ ރާއްޖެ އެހެން ގައުމުތަކެކޭވެސް އެއްފަދައިން ކުރިއަރައި ތަރައްގީވެ ދިޔުމަކީ، އަޅުގަނޑުމެންނަށް ފެންނަ ފެނުމުގައި، އަޅުގަނޑުމެން ދެކޭގޮތުގައި ވަރަށް ގާތުގައި އޮތް ކަމެއް." ރައީސް ވިދާޅުވި އެވެ.